Roadha Mihaaru
ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި

ލަވަކިޔުންތެރިޔާ ޓޭލާ އާ ފިލްމަކަށް ސޮއިކޮށްފި

04 ޖޫން 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަނެއްކާ ވެސް ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އަނެއްކާ ވެސް ފިލްމަކަށް ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނި ގޮތުގައި މީގެ ކުރިން ވެސް އެކްޓިން ހުނަރު ދައްކާލާފައިވާ ފަންނާނު މި ފަހަރު ސޮއިކުރީ އޭ-ލިސްޓް ބޮޑު ކާސްޓަކާ އެކު ޑައިރެކްޓަރު ޑޭވިޑް އޯ ރަސަލް ހަދާ ޕީރިއަޑް ކޮމެޑީ ފިލްމު "ކެންޓަބަރީ ގްލާސް" އަށެވެ.

ޑޮކްޓަރަކާއި ލޯޔަރަކާ ދެމެދު އުފެދޭ ގުޅުމެއްގެ ސަބަބުން ކުރިމަތިވާ ހެއްވާ މަޖާ ހާދިސާތަކެއް ފެންނާނެ ފިލްމުގެ ކާސްޓްގައި ރޮބަޓް ޑި ނީރޯ، ކްރިސްޓިއަން ބޭލް، މާގޯ ރޮބީ، ރަމީ މާލިކް، ޒޯ ސަލްޑަނާ، ޖޯން ޑޭވިޑް ވޮޝިންޓަން، މައިކަން ޝެނަން، މައިކް މިއާޒް، ޓިމޮޕީ އޮލިފަންޓް އަދި ކްރިސް ރޮކް ފަދަ ތަރިން ހިމެނެ އެވެ.

ރަސަލް އަކީ ކުރިން ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރަކަށްވާތީ އޭނާގެ އާ ފިލްމަކީ ވެސް ބެލުންތެރިން ވަރަށް އިންތިޒާކުރާނެ ފިލްމަކަށް ވާނެ އެވެ. ރަސަލް ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި އޮސްކާ އެވޯޑް ހޯދާފައިވާ "ސިލްވަ ލައިނިންސް ޕްލޭބުކް" އާއި "އެމެރިކަން ހަސްލް" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2015 ގެ "ޖޯއި" އެވެ.

"ކެންޓަބަރީ ގްލާސް" އަކީ "ޖޯއި" އަށް އޭނާ ފަހު އަމިއްލަ ސްކްރީންޕްލޭއަކަށް ރަސަލް ހަދާ ފުރަތަމަ ފިލްމެވެ. މީގެ ޝޫޓިން މި އަހަރުގެ ޖެނުއަރޫގައި ލޮސް އެންޖެލިސްގައި ފަށާފައިވާ އިރު، ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ކެންޓަބަރީ ގްލާސް" ގެ ޝޫޓިންގެ ތެރެއިން.

"ކެންޓަބަރީ ގްލާސް" ގެ ޝޫޓިންގެ ތެރެއިން.

އެކަމަކު މި ފިލްމު ގެނެސްދޭނީ ޑިޒްނީގެ ޓްވެންޓިއެތު ސެންޗަރީ ސްޓޫޑިއޯސް އާއި ނިއު ރެޖެންސީގެ ތައްގަނޑުގަ އެވެ.

ރަސަލްގެ "ކެންޓަބަރީ ގްލާސް" އަށް ޓޭލާ އެމެރިކާގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޓޭލާ، 31، ސޮއިކުރި އިރު އޭނާ ކުރިން ކުޅުނު ފިލްމުތަކުގެ ތެރޭގައި ދަ ގިވާ (2014) އާއި ވެލެންޓައިންސް ޑޭ (2010) ހިމެނެ އެވެ.

ޓޭލާ މިދިޔަ އަހަރު ދެ އަލްބަމް ނެރެފައިވާ އިރު، އޭނާ ނެރުނު އަލްބަމްތަކުގެ އަދަދު ނުވައަކަށް އަރަ އެވެ.