Roadha Mihaaru
ހުޅުމާލެ 2ގެ ފުރަތަމަ ސްކޫލް އާދީއްތަ ދުވަހު ހުޅުވަނީ

ހުޅުމާލެ 2 ގެ ފުރަތަމަ ސްކޫލް އާދީއްތަ ދުވަހު ހުޅުވަނީ

30 އޯގަސްޓް 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގައި އަންނަ އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގައި އަންނަ އާދިއްތަ ދުވަހު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ ހަފުތާގައި ސްކޫލު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ތަނުން ޖާގަ ދިން ދަރިވަރުންގެ އަދަދެއް އަދި ނުލިބެ އެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 6 އާ ހަމައަށެވެ.

ޖުމުލަ 12 ކްލާސް ރޫމް ހިމެނޭ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެކު އެޗްޑީސީން ސޮއިކުރީ މިދިޔަ މާޗު މަހު އެވެ. އެއީ 165 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް، މި މަހުގެ ހަތް ވަނަ ދުވަހު ފެށި ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލު މަސައްކަތްތައް ލަސްވީ ޔުކްރެއިނާއި ރަޝިޔާގެ ހަނގުރާމައާ ހެދި ތަކެތި ލިބުން ލަސްވުމުން ކަމަށެވެ.

އެހެންވެ، ކާމިލް ދީދީ ސްކޫލުން ޖާގަ ލިބުނު ދަރިވަރުންނަށް ކިޔަވައިދެމުން ދިޔައީ ހުޅުމާލޭގެ ތިން ސްކޫލުންނެވެ. އެއީ، ހުރަވީ ސްކޫލާއި ރެހެންދި އަދި ގާޒީ ސްކޫލަށެވެ.

އެ ތަނަށް ދާނީ ވެސް އާ ސްކޫލްގެ ޔުނީފޯމުގައި ކަމަށާއި އެކަމާ ގުޅޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ އިތުރުން އެ އިމާރާތާ ޖެހިގެން ހަދަމުން އަންނަ ޕްރީ ސްކޫލު ވެސް އަންނަ އޮކްޓޯބަރު މަހު ހުޅުވަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.