Roadha Mihaaru
ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކް ވިލިމާލޭގައި ހަދަނީ

ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކެއް ވިލިމާލޭގައި ހަދަން ސިޓީ ކައުންސިލުން ފާސްކޮށްފި

31 އޯގަސްޓް 2022

ބުޅަލުގެ އުނދަގުލުން ސަލާމްވުމަށްޓަކައި، ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތްކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބުޅަލުގެ އުނދަގުލުން ސަލާމްވުމަށްޓަކައި، ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތްކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.

އެ ކައުންސިލްގެ ހަރަދުގައި ބުޅަލަށް ހާއްސަ އިމާރާތެއް ހަދަން ނިންމާފައި ވަނީ މާލޭގެ މަގުތަކަށް ބުޅާތައް ދޫކޮށްލާފައިވާތީ، އެކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެގެންނެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، ގާތްގަނޑަކަށް 5-8 މިލިއަން ރުފިޔާ ހަރަދުކޮށް ބުޅާ ޝެލްޓާއެއް އިމާރާތްކުރުމުގެ ގާބިލުކަން އެ ކައުންސިލުގައި އެބަހުރި ކަމަށާއި ވިލިމާލޭގައި އެ ތަން ހަދަން ނިންމާފައި ވަނީ މާލެއަކީ ވަރަށް ތޮއްޖެހި، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ތަނަކަށް ވާތީ އެ ކަހަލަ ތަނެއް މާލޭގައި ހެދުމަކީ އުނދަގޫ ކަމަކަށް ވުމުން ކަމަށެވެ.

"އެހާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ ތަނަކަށް އެހާ ގުޅޭ ކަމެއް ނޫން. އެހެންވީމާ އެ ގޮތަށް ނިންމާފައި ވިލިމާލޭގައި އެ ތަން ހަދަން ނިންމާފައި ވަނީ،" މޭޔަރު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ކައުންސިލުގެ މެމްބަރުން ވާހަކަ ދެއްކެވުމަށް ފަހު، ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް އިމާރާތްކުރުމަށް ފާސްކުރީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ.

ވިލިމާލޭގައި ބުޅާ ޝެލްޓާ އަޅަން ނަހުލާ ދެކޮޅު

އެ ޖަލްސާގައި ނަހުލާ ވިދާޅުވީ، ބުޅަލުގެ މައްސަލައަކީ މާލޭގެ މީހުންނަށް ބޮޑު ތަކުލީފަކަށް ވެފައި އޮތް މައްސަލައެއް ކަމަށް މާލޭގެ ކައުންސިލަރުން ވިދާޅުވާ ގޮތަށް ވިލިމާލެ އަށް ވެސް އެ މައްސަލަ ވަރަށް ބޮޑުކަން ކުރީގެ ބައްދަލުވުމެއްގައި ވެސް އޭނާ ފާހަގަކުރެއްވި ކަމަށެވެ.

ނަހުލާ ވިދާޅުވީ ވިލިމާލެއަކީ މީގެ ކުރިން ވެސް ވެޓް ކްލިނިކެއް ހުރި ތަނެއް ކަމަށާއި އެކަމަކު އެ ތަޖުރިބާ އެހާ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، ކުރީގެ ތަޖުރިބާތަކާ ގުޅިގެން އެ ރަށުގައި ވެޓް ކްލިނިކެއް އެޅުމަށް އޭނާ ދެކޮޅެވެ.

"ވިލިމާލޭގައި ބަލި ބުޅާތައް މިހާރު ވެސް ވަރަށް ގިނަ ވާނެ. އެއީ ވިލިމާލޭ ރައްޔިތުންގެ ޝަކުވާއެއް މާލޭގެ އެހެން ދާއިރާތަކުގެ ރައްޔިތުންގެ ޝަކުވާއެކޭ އެއްގޮތަށް. ރައްޔިތުންގެ ފަރާތުން އިވިފައިވާ ގޮތުން ނަމަ، ބަލި ބުޅާތަކެއް ވިލިމާލެ ތެރެއަށް ދޫކޮށްލަނީ ވެޓް ކްލިނިކަށް ދައްކަން ގޮސް ކަމަށް ވަނީ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ވިލިމާލެއަކީ ވެލި އޮންނަ ތަނަކަށް ވާއިރު އެ ތަނަށް ބުޅަލުގެ ނަޖިސް ދޫކުރާތީ، އެ ޝަކުވާ ވަރަށް ބޮޑަށް އިވިވަޑައިގަންނަވަ އެވެ. އަދި މިސްކިތުގެ ވެލިގަނޑަށް ވެސް ބުޅާ ނަޖިސްކުރާ ޝަކުވާ ލިބޭ ކަމަށް ވިދާޅުވި އެވެ.

"ކެމްޕެއިން ދުވަސްވަރު ގޭގެ އަށް ޒިޔާރާތްކުރި މީހެއްގެ ހައިސިއްޔަތުން ދާއިރާގެ ރައްޔިތުންގެ މެޖޯރިޓީ ރައްޔިތުންގެ ބަސް އަޅުގަނޑު މި ތަނުގައި މި އިއްވަނީ. މިއީ ވިލިމާލޭ ރައްޔިތުން ދެކޮޅު ކަމެއް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، ވިލިމާލޭގައި 3،000 އަކަފޫޓުގެ ބިމެއްގައި ތިން ބުރީގެ އިމާރާތެއް ބުޅަލަށް ހާއްސަކުރުމަށް އޭނާ ދެކޮޅު ކަމަށެވެ. އެއީ އެތައް ބަޔަކު އިހުމާލުވެފައި އޮތް ރަށެއް ކަމަށާއި ބިމުގެ ގޮތުން ވެސް އެހާ ދަތި ތަނެއްގައި އެކަހަލަ ކަމެއް ކުރުމަށް އޭނާ ދެކޮޅު ހެދި އެވެ.

އެމްޑީޕީ ތަމްސީލު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު، އެ ޖަލްސާގައި ވިދާޅުވީ، ބުޅަލަކީ މީހުން ހިތްހަމަޖެހުމަށްޓަކައި މިހާރު ގެންގުޅެމުން އަންނަ އެއްޗަކަށް ވާއިރު އެ އެއްޗިއްސަށް ފަރުވާކުރެވޭނެ ނިޒާމެއް ގާއިމުކުރެވިފައި އޮންނަން ޖެހޭ ކަމަށެވެ.

ސައިފް ވިދާޅުވީ މާލޭގެ އާންމު ސިއްހަތަށް ގެއްލުންވާ ދަރަޖަ އަށް މާލޭގެ ބުޅަލުގެ ނަޖިހުގެ މައްސަލަ ފޯރާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ބުޅާ މަދުކުރަން ޖެހޭ ކަމަށެވެ. އެހެންވެ ވެޓް ކްލިނިކާއި އެކު ބުޅާ ޝެލްޓާއެއް ހުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ނަހުލާގެ ވާހަކަތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ ތަނެއްގައި ވެޓް ކްލިނިކެއް ހުރުމަކީ އެތަނެއްގައި ބުޅާ ގިނަވާނެ ސަބަބެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެތަނާ އެކު އެތަނުގައި ނުރައްކަލެއް ވެސް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއުޅެނީ ހައްލުކުރަން ކަމެއް. އިރާދަކުރެއްވިއްޔާ ކެޓް ޝެލްޓާއެއް އެޅުނީމަ އަމުދުން ވިލިމާލޭގައި ހުރި ބަލިކޮށް އުޅޭ ނަޖިހުގެ އުނދަގޫ އެ ފޯރާ މައްސަލައަށް މާބޮޑު ލުޔެއް ލިބޭނެ." ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ ކުރިން ހުޅުމާލޭގައި ބުޅާ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރެވުނު ކަމަށާއި އެކަމަކު މި ކައުންސިލަށް އެޗްޑީސީން އެއްބާރުލުން ދީފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ކައުންސިލަށް ހިލޭ ދޭން ނިންމާފައި އޮތް ބިމެއް މި ކައުންސިލަށް މާބޮޑު އަގެއްގައި ދިނުމަށް އެޗްޑީސީން ނިންމުމުން އެތަނުގައި އެ މަސައްކަތް ނުކުރެވުނީ އެވެ.

އޭނާ ވިދާޅުވީ މިއީ ބަލަހައްޓައިގެން ނުތިބެވޭނެ، އަވަހަށް ހައްލުކުރަންޖެހޭ މައްސަލައެކެވެ.

އެކަމާ ގުޅިގެން ކައުންސިލުގެ އެހެން މެމްބަރުން ވެސް ވާހަކަ ދެއްކެވީ ވިލިމާލޭގައި ބުޅާ ޝެލްޓާއަކާ އެކު ވެޓް ކްލިނިކެއް ހެދުމަށެވެ.

މުއިއްޒު ވިދާޅުވީ، ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކް އިމާރާތްކުރާން ބިޑަށް ހުޅުވާލާނީ ވަކިވަކިން ކަމަށާއި އާމްދަނީ ލިބެމުންދާ ވަރަކަށް އެ މަސައްކަތްކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެޓެއް ގެނައުމަށް ފަންޑު ލިބުމާ އެކު ހަމަ އެހިސާބުން އެ މަސައްކަތް ވެސް ކުރިއަށް ދާނެ. ކޮންމެހެނުން އިމާރާތް ނިމެންދެކަށް މަޑެއް ނުކުރާނަން. އެހެންވީމަ ވީހާވެސް އަވަހަކަށް ނިއުޓޯ ކުރުމަށް ގެންނަންޖެހޭ މީހުންނާއި އިކުއިޕްމަންޓް ހޯދުން އޮންނާނެ."

މުއިއްޒު ވިދާޅުވީ އިމާރާތަށް ފަސް މިލިއަން ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި ބާކީ މަސައްކަތްތަކަށް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެތަން އޮޕަރޭޓްކުރުމަށް ދުވަސްކޮޅަކަށް ކައުންސިލުން ހަރަދުކުރަން ޖެހުނަސް ލިބޭ އާމްދަނީން އެތަން ހިންގޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.