Roadha Mihaaru
ރަޝިޔާގެ ޓޫރިސްޓުންނަށް ވިލާތުން ދަތިކޮށްފި

ރަޝިޔާގެ ޓޫރިސްޓުންނަށް ވިލާތުން ދަތިކޮށްފި

01 ސެޕްޓެމްބަރ 2022

ރަޝިޔާގެ އާންމު ރައްޔިތުން ވިލާތުގެ ގައުމުތަކަށް އެތެރެވުމަށްޓަކައި ވިސާގެ ލުއިފަސޭހަކަން ދިނުމަށް ވިލާތުގެ އިއްތިހާދާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ އިއްތިހާދުން ހުއްޓާލައި، ރަޝިޔާގެ ޓޫރިސްޓުންނަށް އިތުރު ދަތިތަކެއް ކުރިމަތިކޮށްފި އެވެ.

ރަޝިޔާގެ އާންމު ރައްޔިތުން ވިލާތުގެ ގައުމުތަކަށް އެތެރެވުމަށްޓަކައި ވިސާގެ ލުއިފަސޭހަކަން ދިނުމަށް ވިލާތުގެ އިއްތިހާދާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ އިއްތިހާދުން ހުއްޓާލައި، ރަޝިޔާގެ ޓޫރިސްޓުންނަށް އިތުރު ދަތިތަކެއް ކުރިމަތިކޮށްފި އެވެ.

ވިސާގެ ލުއިފަސޭހަކަން ދިނުމުގެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓައިލުމުން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އެތެރެވުމަށްޓަކައި ވިސާ ހޯދުން ރަޝިޔާގެ ޓޫރިސްޓުންނަށް ވަރަށް އުނދަގޫވާނެ އެވެ. އަދި ޓޫރިސްޓް ވިސާ ހޯދުމަށްޓަކައި ރަޝިޔާ ރައްޔިތުން ކުރަންޖެހޭ ހޭދަ މިހާރާ އަޅައި ބަލާއިރު އެތައް ގުނައެއް ބޮޑުވެގެން ދާނެ އެވެ.

ވިލާތުގެ އިއްތިހާދުން، ވިސާ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލީ، އެ އެއްބަސްވުން އުވައިލުމަށް ޗެކް ޖުމްހޫރިއްޔާ އިން ހުށަހެޅި ހުށަހެޅުމަކާ މެދު، ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ވިލާތުގެ އިއްތިހާދުގެ މި ދައުރުގެ ރިއާސަތު ބަލަހައްޓާ ޗެކް ޖުމްހޫރިއްޔާ އިން ހުށަހެޅި އެ ހުށަހެޅުމަށް ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާއި ހަންގޭރީގެ އިތުރުން އޮސްޓްރިއާ އާއި ލަގްޒަމްބާގުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ވިލާތުގެ އިއްތިހާދުގެ ވިސާގެ ސިޔާސަތަށް ދުރުރާސްތާގެ ހުރަސްތަކެއް ކުރިމަތިކުރުމަށް ބޭނުންނުވާ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ އިރުމަތީ ބިތުގެ ގައުމުތަކާއި ނޯޑިކް ގައުމުތަކުން (ޑެންމާކް، ފިންލޭންޑް، އައިސްލޭންޑް، ނޯވޭ، ސްވިޑްން) ބުނެފައިވަނީ ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގައުމަތަކަށް ދަތުރުކުރުމަކީ ޝަރަފެއް ކަމަށާއި އެއީ ހައްގެއް ނޫން ކަމަށެވެ. ރަޝިޔާ އިން އެއްވެސް ހައްގަކާ ނުލައި ޔޫކްރޭނަށް އަރައިގަނެ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި ރަޝިޔާގެ ރައްޔިތުން ވިލާތުގެ ގައުމުތަކުގެ ގޮނޑުދޮށްތަކުގައި މަޖާކޮށް މުނިފޫހިފިލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މި ގައުމުތަކުން ބުނެ އެވެ.

މި ގައުމުތައް ބޭނުންވަނީ ރަޝިޔާގެ ޓޫރިސްޓުން ވިލާތުގެ ގައުމުތަކަށް އެތެރެވުން ހުއްޓުވުމަށެވެ. އެ ހުށަހެޅުން ފާސްކުރި ނަމަ، ރަޝިޔާގެ އެއްވެސް ރައްޔިތަކަށް ވިލާތުގެ ގައުމަކަށް އެތެރެއެއް ނުވެވޭނެ އެވެ. ނަމަވެސް ވިސާގެ އެއްބަސްވުމަށް އަމަލުކުރުން މެދުކަނޑައިލުމުން، އިތުރު ފައިސާ ޚަރަދުކޮށް ގިނަ އިޖުރާއާތުތަކެއް ފުރިހަމަކޮށްގެން ވިޔަސް، ވިސާ ހޯދައިގެން އެތެރެ ވުމުގެ ފުރުސަތު އޮންނާނެ އެވެ.

ރަޝިޔާގެ ޓޫރިސްޓުން ޔޫރަޕަށް އެތެރެވުން ހުއްޓުވުމުގެ ސިޔާސަތާ ދެކޮޅު ހަދަމުން، ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން ބުނީ، ރަޝިޔާ ސަރުކާރުން ހިންގާ ޖަރީމާތަކެއްގެ ސަބަބުން، އެ ގައުމުގެ އާންމު ރައްޔިތުންނަށް އަދަބު ދީގެން ނުވާނެ ކަމަށެވެ. އަދި ރަޝިޔާ ރައްޔިތުންގެ ތެރޭގައި، ރަޝިޔާގެ ހަނގުރާމަވެރި ސިޔާސަތާ އިދިކޮޅު މީހުން ވެސް ތިބޭނެ ކަމަށާއި، އެފަދަ މީހުންނަށް ހަމްދަރުދީ ވާންޖެހޭނެ ކަމަށް ވެސް އެ ދެ ގައުމުން ދެކެ އެވެ.