Roadha Mihaaru
މަމެން އިންޓަސްކޫލް ބައިސްކަލް މުބާރާތް މާޗު 14 ގައި

"މަމެން" އިންޓަސްކޫލް ބައިސްކަލް މުބާރާތް މާޗު 14ގައި

05 ފެބުރުއަރީ 2020

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން އިންޓް ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް" ގެ ތިން ވަނަ ބުރު އަންނަ މާޗު 14 ގައި ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ "މަމެން އިންޓް ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް" ގެ ތިން ވަނަ ބުރު އަންނަ މާޗު 14 ގައި ބާއްވަން ނިންމައިފި އެވެ.

އެއް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ ހުޅުމާލެ ސައިކްލިން ޓްރެކުގަ އެވެ. މި ހަރަކާތް މިއަހަރު ކުރިއަށްދާނީ އެހެން އަހަރުތަކާ ހިލާފަށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކަށް ވެސް ހުޅުވާލައިގެންނެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން ބަހާލާފައިވަނީ ހަތަރު އުމުރުފުރައަކަށެވެ. އެއީ 7 އަހަރުން ދަށާއި 11 އަހަރުން ދަށާއި 13 އަހަރާއި 15 އަހަރެވެ. މި އުމުރުފުރާތަކުގެ ތެރެއިން 11 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާނީ "ފަން ރައިޑް" އެކެވެ. މި ރޭސް ފުރިހަމަކުރާ ހުރިހާ ކުދިންނަށް ވެސް މެޑަލް ލިބޭނެ ކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުން ވެސް 200 މީޓަރުގެ ރޭހުގައި ބައިވެރިވާން މަޖުބޫރު ވާނެ އެވެ. އޭގެ އިތުރުން، އެއް ކިލޯމީޓަރާއި ދެ ކިލޯ މީޓަރު އަދި ތިން ކިލޯމީޓަރުގެ ތެރެއިން ކޮންމެވެސް ދެ ރޭހެއްގައި ދަރިވަރުންނަށް ބައިވެރިވޭނެ އެވެ. އަދި މި މުބާރާތުގައި ސްކޫލްތަކުން އެކުލަވާލާ ޓީމުތަކަށް "ޓީމް" ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ބައިކް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް އަސްމާ ހަސަން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ޕްރެކްޓިސް ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހި ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރެކްޓިސް އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 6:30-8:00 އަށެވެ.

"އެޗްޑީސީގެ އެހީއާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓޫރިޒަމް އައިލެންޑް ގޮތުގައި ތަރައްގީކުރާ ތަނުގައި ޕްރެކްޓިސް ކުރިއަށްގެންދާ ގޮތަށް މިވަނީ ހަމަޖެހިފައި. އެހެންވީމާ ހުރިހާ ކުދިން ވެސް އެންމެ ފަހު ވަގުތަށް މަޑު ނުކޮށް ވީހާވެސް އަވަހަށް ޕްރެކްޓިސް ފަށަންވީ،" އަސްމާ ވިދާޅުވި އެވެ.

ދިރާގު އެސިސްޓެންޓް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވީ މި ހަރަކާތަކީ ކުޑަކުދިންގެ މެދުގައި ކަސްރަތަށް ލޯބި ޖެއްސުމުގެ ގޮތުން އެ ކުންފުނިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިހަރަކާތުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރަން ދަސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެޔޮ ސިއްހަތަކަށް އަހުލުވެރި ކުރުވައި އެގޮތުގައި ދެމިތިބުމަށް ބާރު އެޅުން. އަދި ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކޮށް އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް އެއްބާރުލުން ދިނުން،" ނައިޔާ ވިދާޅުވި އެވެ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ކަލާސް އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މިއީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.