Roadha Mihaaru
އިންޝުއަރެންސްގެ ޚިދުމަތް މޮނޮޕޮލީއާ ދިމާލަށް!

އިންޝުއަރެންސްގެ ޚިދުމަތް މޮނޮޕޮލީއާ ދިމާލަށް!

09 ޖެނުއަރީ 2017

މިނިވަން ވިޔަފާރީގެ އުސޫލްތައް ގަބޫލުކުރާ ނަމަ ހިދުމަތްތައް ވަކި ބަޔަކަށް ކޮންޓްރޯލްކުރެވިގެން ނުވާނެ އެވެ. އެއީ ކުރީ ޒަމާނުގެ ބޯދާ ޚިޔާލެކެވެ. މި ޒަމާނުގައި އެކަން އޮންނަން ޖެހޭނީ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލާފައިފަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިނިވަން ވިޔަފާރީގެ އުސޫލްތައް ގަބޫލުކުރާ ނަމަ ހިދުމަތްތައް ވަކި ބަޔަކަށް ކޮންޓްރޯލްކުރެވިގެން ނުވާނެ އެވެ. އެއީ ކުރީ ޒަމާނުގެ ބޯދާ ޚިޔާލެކެވެ. މި ޒަމާނުގައި އެކަން އޮންނަން ޖެހޭނީ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަތްމައްޗަށް ދޫކޮށްލާފައިފަ އެވެ.

ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދެމުން އަންނަތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެ އިންޑަސްޓްރީ އެކަށީގެންވާ މިންވަރަށް ފުޅާވެފައެއްނުވެ އެވެ. މިދިޔަ އަހަރާ ޖެހެންދެން ރާއްޖޭގައި އެ ޚިދުމަތް ދެމުން އައީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝުއަރެންސް އާއި ބޭރުގެ ދެ ކުންފުންޏަކުންނެވެ. ނަމަވެސް އެ އިންޑަސްޓްރީގެ ތެރެއަށް ދިވެހި ދެ ކުންފުންޏަކުން މިހާރު ވަނީ ވަދެފަ އެވެ. އެކަމަކު އެ ކުންފުނިތަކަށް ހުރި ގޮންޖެހުންތައް ކުޑައެއް ނޫނެވެ.

ކަންބޮޑުވުން އިންތިހާއަށް

އިންޝުއަރެންސްގެ ހިދުމަތް ދޭން ދާދި ފަހުން ފެށި ދިވެހި އިންޝުއަރެންސް ކުންފުނީގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރު އިންޝުއަ ކުރުމާއި ބިދޭސީން އިންޝުއަ ކުރުން ހަމައެކަނި އެލައިޑަށް ދީފައި އޮތުމެވެ. އޭގެ ސަބަބުން އެހެން ކުންފުނިތަކުގެ ޕްރޮޑަކްޓްތައް ވިއްކަން ވަރަށް ބޮޑަށް އުނދަގޫވެ އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ އިންޝުއަރެންސްގެ ހިދުމަތުގެ ވަކި ޕްރޮޑަކްޓްތަކެއް ހަމައެކަނި ވަކި ބަޔަކަށް ދޭ ގޮތަށް އޮތުމަކީ އެހެން ކުންފުނިތަކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ވެސް ބޭނުންވޭ ހަލް އިންޝުއަރެންސް އާއި ބިދޭސީން އިންޝުއާކުރުމުގެ ހިދުމަތް ދޭން. ނަމަވެސް މިހާރު އެ ފުރުސަތެއް ނެތް. އޭގެ ސަބަބުން އަޅުގަނޑުމެންގެ އެހެން ޕްރޮޑަކްޓްތައް ވިއްކަން ހުރަސްތަކެއް އެބަ ކުރިމަތިވޭ. މި ކަންކަމަކީ ރެގިއުލޭޓަރު ވެސް ބަލައި ހައްލުކޮށްދޭން ޖެހޭ ކަންތައްތަކެއް،" ކުރިން އެލައިޑްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ތަޖުރިބާކާރު ވިދާޅުވި އެވެ.

އެލައިޑުން ހަލް އިންޝުއަރެންސް ނުނަގާ، ކަނޑު އުޅަނދުފަހަރު ނުދުއްވޭނެ އެވެ. އެކަމަކު ވާހިދު ވިދާޅުވި ގޮތުގައި މިހާރު ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސާފައިވާ އުސޫލުން ހަމައެކަނި އިންޝުއާ ކުރެވެނީ އެ އުޅަނދެކެވެ. އޭގައި ދަތުރުކުރާ މީހުންނެއް ނޫނެވެ.

"އެ ޕެކޭޖަކުން މުދަލަކަށް އަދި ފަސިންޖަރަކަށް ހިމާޔަތެއް ނުލިބޭ. އޭގެ ޓޯޓަލް ސޮލިއުޝަނެއް ނުދެވޭ،" އޭނާ ވިދާޅުވި އެވެ.

އިންޝުއަރެންސް ކުންފުނިތަކުން ދެކޭ ގޮތުގައި އިންޝުއާކުރުމުގައި އެންމެ މުހިންމު ކަމަކީ މީހުންގެ ފުރާނައަށް ބަދަލު ލިބޭނެ ގޮތެއް އޮތުމެވެ. އަދި އިންޝުއަރެންސްގެ ވަކި ހިދުމަތެއް ވަކި ބައެއްގެ އަތުން ހޯދަން މަޖުބޫރުކުރުމަކީ ވިޔަފާރީގެ ވާދަވެރިކަން ގެއްލި އޭގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކަށް ހުރަސްތައް ކުރިމަތިވުމެވެ.

"އިންޝުއަރެންސްގެ ހިދުމަތެއް ވަކި ފަރާތަކުން ހޯދާށެކޭ ނުބުނެވޭނެ. ވަކި ކަންތައްތަކެއް ކުރަން ޓްރާންސްޕޯޓް އޮތޯރިޓީ އަށް އެންގިދާނެ. އެކަމަކު މިހާރު އޮތް ގޮތުން [ހަމައެކަނި އެލައިޑުން އިންޝުއަކުރެވޭ ގޮތަށް ހަމަޖެއްސުމުން] އޮޑިވެރިންނަށް އެއްވެސް ޗޮއިސް ވެސް ނެތް،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޚިދުމަތް ހޯދަން ޖެހޭނީ ވަކި ބައެއްގެ އަތުން އެކަނި ކަމަށް އޮތުމަކީ އިންސާފުވެރި އުސޫލެއް ނޫން ކަމަށެވެ.

"ވަރަށް ގިނަ ކަސްޓަމަރުން ބޭނުންވޭ ހުރިހާ ޕްރޮޑަކްޓެއް އަޅުގަނޑުމެން އަތުން ހޯދަން. ވަކި ޕްރޮޑަކްޓެއް ހޯދަން އެހެން ތަނަކަށް ދާން ޖެހުނީމަ އޭގެ އުނދަގޫތަކެއް ހުންނާނެ ކަސްޓަމަރުންނަށް. އޮޑިވެރިއަކަށް މިނިވަންކަން އޮންނަން ޖެހޭނެ އެ ހިދުމަތެއް ހޯދަން. ތިން ވަނަ ފަރާތަކަށް ނުބުނެވޭނެ މިވެނި ބައެއްގެ އަތުންނޭ ހިދުމަތް ހޯދަން ޖެހޭނީ،" ވާހިދު ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އެ ކުންފުނީގެ ބޭނުމަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދުން ކަމަށެވެ. އަދި އރ ފުރުސަތު ލިބިގަންނަނީ އެ އޮންނަ އުުސޫލެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވިޔަފާރި ހޯދުން. ބިޑަށް ލައިގެން ހޯދަނީ. އަޅުގަނޑުމެން އެކަން ކާމިޔާބުކުރަނީ އެ އޮންނަ ޕްރޮސީޖަ ފޮލޯކޮށްގެން. އަޅުގަނޑުމެން ބޭނުން ވަނީ ވީ އެންމެ ރަނގަޅަކަށް ހިދުމަތް ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

ހަލް އިންޝުއަރެންސް ތައާރަފުކުރުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ އިންޝުއަރެންސް ފޯރުކޮށްދޭނެ ބައެއް ހޯދަން އިއުލާންކޮށްފަ އެވެ. އޭރު ރާއްޖޭގައި ފުޅާކޮށް އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދެނީ އެލައިޑާއި އަމާނާ ތަކަފުލުންނެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ނެގީ އެލައިޑެވެ. އެކަމަކު މިހާރު އެއަށް ވުރެ ގިނަ ކުންފުނިތަކަށް، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ހުއްދަ ދިނުމުން، އިންޝިއަރެންސް ދާއިރާ އަށް ވަަދެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެންކަމުން އެ ދާއިރާގައި ވަކި ބަޔަކަށް ކޮންޓްރޯލް ލިބޭ ގޮތަށް އުސޫލުތައް ކަނޑައެޅުމަކީ، ވަކި މުދަލެއް ގަންނަން ޖެހޭނީ ހަމައެކަަނި ވަކި ފިހާރައަކުން ކަމަށް ސަރުކާރުން އިއުލާންކުރުން ކަހަލަ ކަމެކެވެ.

އެމްއެމްއޭ އަށް މަސްއޫލިއްޔަތު އަދާކުރެވޭބާ؟

އިންޝުއަރެންސްގެ ހިދުމަތް މޮނޮޕޮލީއާ ދިމާލަށް ދިއުން ހުއްޓުވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެވޭނީ އެކަން ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އޮންނަ އެމްއެމްއޭ އަށެވެ. ނަމަވެސް އެ އޮތޯރިޓީއަށް އެކަމުގައި މިހާތަނަށް ހައްލެއް ހޯދައިދެވިފައެއްނުވެ އެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު ވިދާޅުވީ ވަކި ހިދުމަތްތަކެއް ވަކި ކުންފުންޏަކުން ހޯދަން ޖެހޭ ގޮތަށް ހަމަޖައްސާފައި އޮތުމުން އެކި ފަރާތްތަކުން އެކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ޝަކުވާ އަންނާތީ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދެއްކިން. އެ އިދާރާތަކުން ބުނަނީ އެލައިޑްގައި އެބަ ހުއްޓޭ އެކަން ކުރުމުގެ ގާބިލްކަން. އެހެން ބަޔަކު ކުރިމައްޗެއް ނުލައޭ. އަޅުގަނޑުމެން ވެސް ދެކޭ ގޮތުގައި އެކަން ވާދަވެރިކޮށް ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް އޮންނަން ޖެހޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްއޭ އިން މަސައްކަތްކުރަނީ ހުރިހާ އިންޝުއަރެންސް ކުންފުނިތަކަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދޭން ކަމަށެވެ.

އެކަމަކު އެލައިޑް ނޫން އެހެން ކުންފުނިތަކުން ބުނާ ގޮތުގައި އެމްއެމްއޭ އިން ކުރަން ޖެހޭ ވަރާ ގާތަށް ވެސް އެ މަސައްކަތެއް ނުކުރެ އެވެ. އެހެން ނޫން ނަމަ ވަކި އިންޝުއަަރެންސްތަކެއް ހަމައެކަނި ވަކި ބަޔަކަށް ލިބޭ ގޮތަށް ސަރުކާރުން ނުނިންމާނެ އެވެ.

ހަލް އިންޝުއަރެންސަށް ބެއްޔަސް، ޓްރާންސްޕޯޓް އޮތޯރިޓީ އަށް އެންގޭނީ، އެ އިންޝުއަރެންސްގައި ފުރިހަމަކުރަން ޖެހޭ ޝަރުތުތައް ކަމަށް، އިންޝުއަރެންސްގެ ތަޖުރިބާކާރުން ބުނެ އެވެ. އެ ޝަރުތުތަކާ އެއްގޮތަށް އިންޝުއަރެންސް ދޭ ކޮންމެ ކުންފުންޏެއްގެ އަތުން ވެސް އިިންޝުއަރެންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނަން ޖެހޭނެ ކަމަށް އެ މީހުން ދެކެ އެވެ.

އިންޝުއަަރެންސްގެ ޚިދުމަތް ފުޅާކުރަން އާ ކުންފުުނިތަކަށް ފުރުސަތު ދީފައި، އެ ކުންފުނިތަކަށް ގޮންޖެހުމަކަށް ވާ ގޮތަށް ސަރުކާރުގެ ބައެއް އިދާރާތަކުން ނިންމުންތައް ނިންމުމަކީ މައްސަލައެކެވެ. އެކަން ކަމާ މެދު އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްގެން ނޫނީ މި ދާއިރާ ރަނގަޅު ގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ އެވެ.