Roadha Mihaaru
ޔޫނިއަން ބާލިން އަތުންވެސް ބެޔާން އަށް މޮޅެއް ނުވެވުނު

ޔޫނިއަން ބާލިން އަތުން ވެސް ބެޔާން އަށް މޮޅެއް ނުވެވުނު

04 ސެޕްޓެމްބަރ 2022

ބާލިން (ސެޕްޓެމްބަރު 4) - ޖަރުމަން ބުންޑެސްލިގާގެ ޗެމްޕިއަން ބެޔާން މިއުނިކް ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާލިން (ސެޕްޓެމްބަރު 4) - ޖަރުމަން ބުންޑެސްލިގާގެ ޗެމްޕިއަން ބެޔާން މިއުނިކް ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.

މިއީ މި ސީޒަނުގައި ބެޔާން މިއުނިކް ލީގުގައި ޕޮއިންޓަކުން ފުއްދާލަން ޖެހުނު ދެ ވަނަ މެޗެވެ. ރޭގެ ކުރިން އެ ޓީމު އެންމެ ފަހުން ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވެސް ނިމުނީ ހަމަ މި ނަތީޖާއިން އެއްވަރު ވެގެންނެވެ.

މިދިޔަ ހަފްތާ ގްލަޑްބަކާ ދެކޮޅަށް ކުޅުނު މެޗުގައި ވީ ހެން، މި މެޗުގައި ވެސް ބެޔާން އަށް ޖެހުނީ ފަހަތުން އަރައި ނަތީޖާ އެއްވަރު ކުރާށެވެ. ޔޫނިއަން ބާލިން އިން ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މެޗުގެ 12 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ވިންގާ ޝެރާލްޑޯ ބެކާ އެވެ. މިއާ އެކު އޭނާ ވަނީ އެޓީމުން މިހާތަނަށް ކުޅުނު ފަސް މެޗުން ފަސް ގޯލު ހަމަކޮށްފަ އެވެ.

ބެޔާން އަށް ނަތީޖާ އެއްވަރުކުރަން މާ ގިނައިރެއް ނުވި އެވެ. މެޗުގެ 15 ވަނަ މިނިޓުގައި ބެޔާންގެ އެޓޭކް ކްލިއާކޮށް ނުލެވި އުޅެނީސް ލިބުނު ފުރުސަތުގައި ނަތީޖާ އެއްވަރު ކޮށްދިނީ ޔޯޝުއާ ކިމިކް އެވެ. އޭގެ ފަހުން ބެޔާން އަށް ލީޑު ނަގަން ލީރޮއީ ސާނޭ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ، ބާލިންގެ ކީޕަރު ފްރެޑްރިކް ރޮންނޯ ދިފާއު ކުރި އެވެ. އަދި ރޮންނޯ ވަނީ ޖަމާލް މުސިއަލާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ދިފާއު ކޮށްފަ އެވެ.

ފަހު ހާފުގައި ޑަޔޮޓް އުޕަމެކާނޯ އަތުން ބޯޅަ ހޯދައި، ބާލިންގެ ޖެމީ ލެވެލިން ހޯދި ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ، ކީޕަރު މެނުއެލް ނޯޔާ ދިފާއު ކުރި އެވެ. އަދި އިތުރު ވަގުތުގައި ސަޑިއޯ މާނޭ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް ބާލިންގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ބެޔާން ކުޅުނު ފަސް މެޗުން ހޯދި 11 ޕޮއިންޓާ އެކު އެޓީމު މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ބެޔާން އާ އެއްވަރަކަށް ޕޮއިންޓް ހޯދާފައިވާ ޔޫނިއަން ބާލިން، ގޯލުގެ ތަފާތުން އޮތީ ހަތަރު ވަނައިގަ އެވެ. ބެޔާންގެ ކުރީގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ފްރެއިބާގާއި ބޮރޫޝިއާ ޑޯޓްމަންޑެވެ.

ޑޯޓްމަންޑުން ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ހޮފެއިންހަމް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޑޯޓްމަންޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކެޕްޓަން މާކޯ ރޮއިސް އެވެ. ފްރެއިބާގް އެއްވަނައިގައި އޮތީ ރަށުން ބޭރުގައި ރޭ 3-2 އިން ބެޔާ ލެވަކޫސަން ބަލިކޮށްގެންނެވެ.

ބުންޑެސްލިގާ ގައި ރޭ އެއިންޓްރަކް ފްރޭންކްފާޓުން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން އާރުބީ ލައިޕްޒިގު ބަލިކޮށްފަ އެވެ. އަދި އެފްސީ ކޯން އިން ރަށުން ބޭރުގައި 4-2 އިން ވޮލްފްސްބާގް ބަލލިކުރި އިރު، ވާޑާ ބްރޭމަން ވެސް ވަނީ ރަށުން ބޭރުގައި 2-0 އިން ބޯކަމް އަތުން މޮޅު ވެފަ އެވެ. ސްޓަޓްގާޑާއި ޝާލްކޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ޕޮއިންޓަކުން ފުއްދާލުމަށް ވަހު ބެޔާން އަށް ދެން އޮތީ، ޗެމްޕިއަންސް ލީގުގައި މި ހަފްތާ ރަށުން ބޭރުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.