Roadha Mihaaru
ޓެކްސީގެ އާ ގަވައިދު: ވަކި ބަޔަކަށް ފަހައިދިން ކޯޓެއް

ޓެކްސީގެ އާ ގަވައިދު: ވަކި ބަޔަކަށް ހެޔޮވަރުކޮށްދިން ކޯޓެއް؟

27 ސެޕްޓެމްބަރ 2022

ޓެކްސީ ޑްރައިވަރުންގެ އަނެއްކާ ވެސް ބޮޑު ކަންބޮޑުވުމެކެވެ؛ މި ފަހަރު ޓެކްސީގެ އާ ގަވައިދުގެ މައްސަލަތަކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓެކްސީ ޑްރައިވަރުންގެ އަނެއްކާ ވެސް ބޮޑު ކަންބޮޑުވުމެކެވެ؛ މި ފަހަރު ޓެކްސީގެ އާ ގަވައިދުގެ މައްސަލަތަކެވެ.

ޓެކްސީތަކުގެ އާ ގަވައިދެއް މިދިޔަ މަހު ގެޒެޓްކުރި އިރު، ކުރިއްުސުރެ އަމަލުކުރަމުން އައި ގަވައިދަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި، ކުރަން އުނދަގޫ ދެ ކަމެއް ޓެކްސީތަކުން ފާހަގަކުރެ އެވެ. އެއް ކަމަކީ ޓެކްސީ ސެންޓަރުތައް ރަޖިސްޓަރީ ކުރަން އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިކޮށްފައި އޮތުމެވެ.

ކުރިން އެންމެ ޑްރައިވަރަކާ އެކު ޓެކްސީ ސެންޓަރެއް ރަޖިސްޓަރީ ކުރެވުނު ނަމަވެސް މިހާރު އެ ކަމަށް 100 ޑްރައިވަރުންނާއި 100 ޓެކްސީ ބޭނުންވެ އެވެ. އާ ގަވައިދަށް އަމަލު ކުރަން ޖެހެނީ ހަ މަސް ފަހުންނެވެ. އާ ގަވައިދަށް ފައްތަން ޖެހެނީ އެ އަށް އަމަލު ކުރަން ފަށާތާ އެއް މަސް ދުވަސް ފަހުންނެވެ. އެހެންވެ 100 ޑްރައިވަރުން ހަމަ ކުރަން ޓެކްސީ ސެންޓަރުތަކަށް ލިބިފައި އޮތީ ގާތްގަނޑަކަށް ހަތް މަސް ދުވަހެވެ. މިއީ ކުރު މުއްދަތެއް ކަމަށް ގިނަ ޓެކްސީ ސެންޓަރުތަކުން ފާހަގަކުރެ އެވެ.

ދެ އަހަރުވީ ޓެކްސީ ސެންޓަރު، ޕިކް އެންޑް ޑްރޮޕްގެ ވެރިޔާ މުހައްމަދު ނާޒިމް، އާ ގަވައިދު ސިފަކުރީ ކުދި ސެންޓަރުގެ ދުވަސް ދުއްވާލަން ހަދާފައި އޮތް ގަވައިދެއްގެ ގޮތުގަ އެވެ. އޭނާ ބުނީ، މި ވަގުތު 17 ވަރަކަށް ސެންޓަރު ހިންގަމުން އަންނަ އިރު 100 ޑްރައިވަރުންނާއި ޓެކްސީ ހަމަވާނީ ފަސް ވަރަކަށް ސެންޓަރުގައި ކަމަށެވެ. އަދި 100 ޑްރައިވަރުންނާއި ޓެކްސީ ހަމަކުރަން ގަވައިދުގައި ދީފައިވާ މުއްދަތު މާ ކުޑަ ކަމަށް އޭނާ ބުންޏެވެ.

އާ ގަވައިދުގައިވާ ގޮތުން، ކަނޑައަޅާފައިވާ އުސޫލަށް ޓެކްސީ ސެންޓަރުތަކުން އަމަލު ނުކުރާ ނަމަ ފުރަތަމަ ފަހަރު 500ރ. ދެވަނަ ފަހަރު 750ރ. އަދި ތިން ވަނަ ފަހަރު 1،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެ އަށް ފަހު ސެންޓަރުގެ ލައިސަންސް ބާތިލް ކުރުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީ އަށް އޮންނާނެ އެވެ.

"އަދަދު ހަމަވާނީ ވަރަށް މަދު ސެންޓަރެއްގައި. އެ ސެންޓަރުތަކަކީ މި ހިދުމަތް ދޭތާ 20-30 އަހަރުވެފައިވާ ތަންތަން. އެހެންވީމާ އަޅުގަނޑުމެން އާ ސެންޓަރުތަކަށް އެކަން ނުކުރެވޭނެ. މި ގަވައިދުން ޓެކްސީ ވިޔަފާރިތަކަށް ފަހުން ވަން ފަރާތްތަކުގެ ދުވަސް ވެސް ދާނެ،" ނާޒިމް ބުންޏެވެ.

ބްރިޖު މަތިން ގިނަ އަދަދެއްގެ ޓެކްސީތައް ދަތުރު ކުރަނީ: ޓެކްސީ ސެންޓަރުތަކުން މިހާރު 100 ޑްރައިވަރުންނާއި ޓެކްސީ ހޯދަން ޖެހޭ-- ފޮޓޯ: މިހާރު

ބްރިޖު މަތިން ގިނަ އަދަދެއްގެ ޓެކްސީތައް ދަތުރު ކުރަނީ: ޓެކްސީ ސެންޓަރުތަކުން މިހާރު 100 ޑްރައިވަރުންނާއި ޓެކްސީ ހޯދަން ޖެހޭ-- ފޮޓޯ: މިހާރު

ނަލަ ޓެކްސީ ސެންޓަރުގެ ޑައިރެކްޓަރު އަހުމަދު ހަބީބު ވެސް ބުނީ، މިއީ މި ވިޔަފާރި އަށް އަލަށް ވަންނަން ބޭނުންވާ މީހުންނަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

"ވަކި ބަޔަކަށް މަންފާ ހޯދައިދޭ ފަދަ ގޮތަކަށް ގަވައިދު މި އޮތީ،" އޭނާ ބުންޏެވެ.

ހަބީބު ތުހުމަތު ކުރާ ގޮތުގައި މިއީ ބައެއް ބޮޑެތި ޓެކްސީ ސެންޓަރުތަކުގެ ނުފޫޒުން ކުދި ސެންޓަރުގެ ވިޔަފާރިތައް ހުއްޓާލުމަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.

ކަޅު ބިއްލޫރީގެ މައްސަލަ، ޓެކްސީ ރަޖިސްޓަރީ ކުރަން އުނދަގޫ

ހުޅުމާލޭގައި ޓެކްސީގެ ހިދުމަތް (އެޗްޓީއެޗް) ގެ ވެރިފަރާތް ހުސައިން މުހައްމަދު ބުނީ، ޓެކްސީ ރަޖިސްޓަރީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. ސަބަބަކީ ޓެކްސީއެއް ރަޖިސްޓަރީ ކުރަން ގަރާޖެއްގެ އިތުރުން ގިނަ އިތުރު ހަރަދުތައް ކުރަން ޖެހޭތީ އެވެ. އޭނާ ބުނީ، އެންމެ ފަހުގެ މޮޑެލްތަކުގެ ކާރުތަކުގައި ފަހަތު ދޮރުތަކުގައި ކޮންމެވެސް ވަރެއްގެ ކަޅު ކަމެއް ހުރުމުން ޓެކްސީ ރަޖިސްޓަރީ ނުކޮށްދީ އެތައް ބަޔެއްގެ ކާރުތައް އެބަހުރި ކަމަށެވެ. އަދި އެކަން ހައްލު ކުރަން އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އޮރިޖިނަލް ބިއްލޫރި ބަދަލު ކުރަން ޖެހުމަކީ ޓެކްސީތަކަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއް. ރާއްޖެއަކީ ބިއްލޫރި އުފައްދާ ތަނެއް ނޫން. ކާރު އުފައްދާ ތަނެއް ނޫން. މި ގޮތަށް ބޭރުން އެ ތަކެތި ގެނެސް އެ މަސައްކަތް ކުރަން ވަރަށް ގިނަ ވަގުތާއި ފައިސާ ބޭނުންވޭ،" ހުސައިން ބުންޏެވެ.

އޭނާ ބުނިގޮތުގައި، ބުނީ ކަޅު ބިއްލޫރި ބަދަލު ނުކުރެވޭތީ އާއި ޓެކްސީ ބޯޑު ހަރު ނުކުރެވުމުން މިހާރު ގިނަ ބަޔަކު ޕްރައިވެޓް ހަޔާގެ ނަމުގައި އެފަދަ ކާރު ބޭނުން ކުރެ އެވެ. އެހެންވެ، އަލަށް ޓެކްސީ ރަޖިސްޓަރީ ކުރަން ބޭނުންވާ މީހުން ވެސް ވަރަށް މަދު ކަމަށް ހަބީބު ބުންޏެވެ.

ޓެކްސީއަކަށް މީހަކު އަރަނީ: ރާއްޖޭގައި ޓެކްސީގެ ހިދުމަތްދޭ 17 ވަރަކަށް ސެންޓަރު އެބަ އޮތް-- ފޮޓޯ: މިހާރު

ޓެކްސީއަކަށް މީހަކު އަރަނީ: ރާއްޖޭގައި ޓެކްސީގެ ހިދުމަތްދޭ 17 ވަރަކަށް ސެންޓަރު އެބަ އޮތް-- ފޮޓޯ: މިހާރު

ޓެކްސީ ކުރުމުގެ އިތުރުން ޕްރައިވެޓް ހަޔާގެ ގޮތުގައި ކާރު ދުއްވަން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދައެއް ހޯދަން ޖެހެ އެވެ. ނަމަވެސް ޓެކްސީ ސެންޓަރުންތަކުން ބުނަނީ ޕްރައިވެޓް ހަޔާގައި ދުއްވާ ގިނަ ކާރުތައް އެފަދަ ހުއްދަތައް ނުހޯދާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ނުބެލެހެއްޓޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.

"ޕްރައިވެޓް ހަޔާ އައުމުން ޓެކްސީ ބޯޑުގެ ބޭނުން ކެނޑިއްޖެ. ބައެއް ފަރާތްތަކުން މިކަން ކުރަން ޕާޓް ޓައިމްކޮށް. މިސާލަކަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ވެސް މި ކަމުގައި މިހާރު އެބައުޅޭ. އެ ބޭފުޅުން އުޅުން މައްސަލައެއް ނެތް. އެކަމަކު މިކަން ކުރާ ގޮތް ޓެކްސީތަކޭ އެއްގޮތަށް ޕްރައިވެޓް ހަޔާގައި ވެސް ބެލެން ޖެހޭ،" ހުސައިން ބުންޏެވެ.

ކަޅު ބިއްލޫރީގެ މައްސަލަ އާއި ޕްރައިވެޓް ހަޔާގައި ޓެކްސީ ކުރެވޭތީ، ކޮންމެހެން ޓެކްސީ ބޯޑުގައި އެކަން ކުރަން ގިނަ ބަޔަކު މިހާރު ބޭނުން ނުވާ ކަމަށް ހުސެއިން ބުންޏެވެ. އެހެންވެ، ޓެކްސީި ސެންޓަރުތަކަށް އާ ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ހޯދުން ވަނީ ވަރަށް ބޮޑު ކަމަކަށް ވެފަ އެވެ.

ޓެކްސީއެއް ރަޖިސްޓަރީ ކުރަން އެއް މަސް!

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ހިދުމަތް ހޯދުމުގައި ވަރަށް މަޑު ދުވެލީގައި ދާ ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. މިއީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންގެ ވެސް ވަރަށް ބޮޑު ޝަކުވާއެކެވެ. ޓެކްސީ ބޯޑެއް ހޯދުމަށް ވެސް އެތައް ދުވަހެއް ނަގަ އެވެ. ގިނަ ފަހަރު އެންމެ ޓެކްސީއެއް ރަޖިސްޓަރީ ކުރަން މަހަކަށް ވުރެ ގިނަ ދުވަސް ނަގަ އެވެ.

ޓެކްސީއެއް ރަޖިސްޓަރީ ކުރަން ގިނަ ކަންތައްތަކެއް ކުރަން ޖެހެ އެވެ. ފުރަތަމަ ކަމަކަށް ޓެކްސީ ޑްރައިވަރުގެ މެޑިކަލް ހައްދައި، ފުލުހުން ބާއްވާ ހާއްސަ ކޯހެއްގައި ބައިވެރިވާން ޖެހެ އެވެ. އެ ކޯސް ބާއްވަނީ މަހަކު ދެ ތިން ފަހަރު އެވެ. ވެހިކަލް ޗެކް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ކަނޑައަޅާފައި އޮންނަނީ ހަފުތާއަކު ދެ ދުވަހެވެ. މިފަދަ އެތައް ކަމެއް ކޮށް ނިންމައި، ޓެކްސީ ރަޖިސްޓަރީ ވެވޭ އިރު މަހަކަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށް ނިޒާމް ބުންޏެވެ.

ޓެކްސީ ސެންޓަރުގެ ވެރިޔާ ހުސައިން ވެސް ބުނީ އެފަދަ ވާހަކަ އެކެވެ. އެޗްޓީއެޗް ސެންޓަރަށް 100 ޓެކްސީ ހަމަ ކުރަން އިތުރު 30 ޑްރައިވަރުން ބޭނުންވާ އިރު މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އުސޫލުން، އެ ސްޕީޑުގައި ކަންކަން ކުރާ ނަމަ އެ މުއްދަތުގެ ތެރޭގައި ނިމިދާނެތޯ އޭނާ ސުވާލު އުފެއްދި އެވެ.

ހުސައިން ބުނިގޮތުގައި، ޓްރާންސްޕޯޓް މިނިސްޓްރީން އެ އުސޫލަށް އަމަލުކުރަން ފަށައިފި ނަމަ ރާއްޖޭގައި ހިންގާ ޓެކްސީ ސެކްޓަރުތަކެއް ހުއްޓާލަން ޖެހޭނެ އެވެ. މުޅި ވިޔަފާރި ހަލާކުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އެއްވެސް ހާލެއްގައި އިންސާފުވެރި ގޮތެއް ނޫން ކަމަށް ހުސައިން ދެކެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ޓެކްސީ އެޕްލިކޭޝަނެއް ތައްޔާރުކުރާ މީހަކު ބުނީ، ޓެކްސީ ސެންޓަރުތަކުގައި 100 ޓެކްސީ ހަމަވާން ޖެހޭނެ ކަމަށް އޮތުމަކީ އާ ވިޔަފާރިތަކަށް ވަނުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މާލޭގައި ހިންގާ ޓެކްސީ ސެންޓަރުތަކުގެ ތެރެއިން 100 ޑްރައިވަރުން ހަމަވާނީ 1414 އާއި އަވަސް ރައިޑާއި 3132 ފަދަ މަދު ޓެކްސީ ސެންޓަރުތަކެއްގަ އެވެ. ބާކީ ހުރި ޓެކްސީ ސެންޓަރުތަކަށް ވަނީ ގެއްލުން ވުމުގެ ބިރު އިހުސާސް ކުރަން ޖެހިފަ އެވެ.

"މިއީ އެއްގޮތަކަށް ވެސް ވާނެ ކަމެއް ނޫން. މިި އުޅެނީ ފޯމު ލުމުން ވެސް އެއް މަސް ތެރޭގައި ޓެކްސީއެއް ރަޖިސްޓަރީ ނުވެގެން. ދެން ކިހިނެއް 100 ޓެކްސީ ބޯޑު ރަޖިސްޓަރީ ކުރާނީ؟ އަދި އެއްފަހަރާ ގިނަ ބަޔަކު ހުށަހަޅައިފިއްޔާ މި ކަން އެއްވެސް ވަރަކަށް ނުވާނެ،" ހުސައިން ބުންޏެވެ.

ޓެކްސީ ސެންޓަރުތަކުން ބޭނުންވަނީ ކުދި ސެންޓަރުގެ ވިޔަފާރި ނުހުއްޓޭނެ، މި ދާއިރާ އަށް އާ ވިޔަފާރިތަކަށް ވަދެވޭނެ ފަދަ ގޮތަކަށް މިކަން އިސްލާހު ކުރުމެވެ. ސެންޓަރުތަކުގައި ވަކި އަދަދެއް ހަމަކުރަން ޖެހުން މައްސަލައެއް ނޫން ނަމަ ގިނަ ސެންޓަރުން ދެކެ އެވެ. އެކަމަކު އެ އަދަދު ވާން ޖެހޭނީ ވިޔަފާރި ނުހުއްޓޭ ފަދަ، އަދި އެންމެންނަށް ފަސޭހައިން ހަމަ ކުރެވޭނެ އަދަދެއް ކަމަށް ޓެކްސީ ސެންޓަރުތަކުން ދެކެ އެވެ.