Roadha Mihaaru
މިއީ މޫސުމީ ވިއްސާރައެއް، ވަކި ތަފާތެއް ނުފެނޭ: މެޓް

މިއީ މޫސުމީ ވިއްސާރައެއް، ވަކި ތަފާތެއް ނުފެނޭ: މެޓް

05 ސެޕްޓެމްބަރ 2022

މިހާރު ރާއްޖެ އަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި އަހަރުގެ މިހާތަނަށް ބަލާއިރު މޫސުމީ ވަކި ތަފާތެއް ނުފެންނަ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މިހާރު ރާއްޖެ އަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި އަހަރުގެ މިހާތަނަށް ބަލާއިރު މޫސުމީ ވަކި ތަފާތެއް ނުފެންނަ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މެދުނުކެނޑި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހިފައިވާއިރު އަދި އެހެން އަހަރުތަކުގެ މި ދުވަސްވަރާ ބަލާއިރު އާދަޔާ ހިލާފަށް މި އަހަރު މޫސުން ގޯސް ކަމަށް ބައެއް މީހުން ފާހަގަކުރާތީ، "މިހާރު" އިން ސުވާލު ކުރުމުން ފޯކާސްޓަރު އަހުމަދު ރަޝީދު ވިދާޅުވީ "މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ" ކަމަށެވެ.

"މިދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ވާރޭ ވެހޭ ނިސްބަތުން މާ ބޮޑު ތަފާތެއް ނެތް. ބައެއް މަސްމަހު ވާރޭ ވެހޭ ވަރު ގިނަ ވެދާނެ. މިސާލަކަށް މިދިޔަ މަހަށް ވުރެ މި މަހު ވާރޭ ވެހޭ ނިސްބަތް އިތުރު ވެދާނެ. އެކަމަކު މުޅި އަހަރަށް ބަލާއިރު ވާރޭ ވެހިފައި ހުންނަނީ ޖުމުލަކޮށް އެއްވަރަށް،" އަހުމަދު ވިދާޅުވި އެވެ.

ވާރޭ ވެހޭ ނިސްބަތް ބައެއް މަސްތަކުގައި އިތުރުވަނީ މޫސުމީ ބަދަލަކުންތޯ އެހުމުން އޭނާ ވިދާޅުވީ، "މޫސުމީ ބަދަލުތަކެއް އެބައާދޭ" ކަމަށެވެ.

މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި، ސީއެެޗްއެސްއީގެ ކުދިންތަކެއް ކުޑަ އަޅައިގެން ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި، ސީއެެޗްއެސްއީގެ ކުދިންތަކެއް ކުޑަ އަޅައިގެން ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އެހެންވެ ވެހޭ ގަޑީގައި ތަންކޮޅެއް ބައިވަރު ވެހިދާނެ. އެކަމަކު، ދިގު މުއްދަތަކަށް ބަލާއިރު ވާރޭ ވެހޭ ނިސްބަތް މައްޗަށް ދަނީއޭ އަދި ބުނެވޭކަށް ނެތް،" ފޯކާސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 2-3 ދުވަހު ވެސް އަލި ނުވާނެ އެވެ.

"ހުޅަނގު މޫސުމުގެ ވިއްސާރަ ވީމާ އެކި ސަރަހައްދުތަކަށް ބްރޭކެއް އައިސްފައި އަނެއްކާ ވެހިދާނެ. އެ ކަހަލަ ގޮތަކަށް މިހާރު މި ދަނީ،" އަހުމަދު ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާގެ ރެކޯޑްތައް ދައްކާ ގޮތުން ރާއްޖެ އަށް އެއް ދުވަހެއްގައި އެންމެ ގިނައިން ވެހިފައި ވަނީ 228 މިލިމީޓަރުގެ ވާރެ އެވެ. އެއީ ނޮވެމްބަރު 24، 2015 ގައި ސ. ގަމަށް ވެހުނު ވާރޭގެ އަދަދެވެ.

އިއްޔެ މެދުނުކެނޑި ވާރޭ ވެހިފައިވާއިރު މެޓުން ބުނީ، އެއީ މި އަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސް ކަމަށް މެޓުން ބުނެފައި ވެ އެވެ. އެ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދު އަށް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މެޓް އޮފީހުން ބުނީ މި އަހަރު އެއް ދުވަސްތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ޖުލައި މަހުގެ 31ގައި ރ. އަލިފުއްޓަށް ކަމަށެވެ. އެ ދުވަހު އަލިފުއްޓަށް ވަނީ 157 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން މިހާރު ވެސް ވަނީ ހއ. އިން ފެށިގެން މ. އަތޮޅަށް މިއަދު ރީނދޫ އެލާޓެއް ނެރެފަ އެވެ. ހެނދުނު 11:15 އިން މެންދުރު 2:00 އާ ހަމައަށް އެ އެލާޓް ދެމިގެންދާއިރު، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.