Roadha Mihaaru
ބުރާސްފަތި ދުވަހާ ހަމައަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ތިން ދުވަހު އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ: މެޓް އޮފީސް

27 އެޕްރީލް 2020

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު "މިހާރު" އަށް ވިދާޅުވީ، މިއީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށާއި ރާއްޖެ އަށް މި ދުވަސްވަރު ވިއްސާރަ ކުރަނީ އެހެންވެ ކަމަށެވެ.

މާލެ ސަރަހައްދަށް މިއަދު ހަވީރު ވަރަށް ގަދަ އަށް އަދި ގިނައިރުތަކެއް ވަންދެން ގުގުރައި، ވިދާފައި ވެ އެވެ.

"އާންމުކޮށް އޮންނަ ވަރަށް ވުރެ ކައިރީގައި ވިލާގަނޑު އޮތީމާ އެހާ މަންޒަރު ސާފުކޮށް ވިދާތަން އެ ފެނުނީ. އާދަޔާ ހިލާފު ކަމެއް ނޫން އެއީ،" ހާފިޒް ވިދާޅުވި އެވެ.

މި ވިއްސާރައިގައި މިއަދު ހަވީރު މާލެ ސަރަހައްދަށް ވިދުން ގަދަވި އިރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވިދާ ގުގުރަމުން ދިޔަ ވަގުތު މަތިންދާބޯޓެއް ޖެއްސި މަންޒަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

ހުސެިއން ދީދީ ކިޔާ މީހަކު ކުރި ޓްވީޓެއް

އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ބައެއް ރަށްރަށުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށް ވެސް ހާފިޒު ވިދާޅުވި އެވެ. އަދި މި ދުވަސްވަރު ވައި މަޑު ވުމުން، އާންމު ގޮތެއްގައި ކަނޑުތައް ވެސް މަޑު ވާނެ ކަމަށް ވިދާޅުވި އެވެ.

"ވައި މަޑުވުމުން ވިލާގަނޑު އެހާ ބާރަކަށް ދަތުރެއް ނުކުރާނެ. އެހެންވީމާ އެއް ސަރަހައްދެއްގައި އޮވެގެން ގިނަ އިރު ވާރޭ ވެހުން އެކަށީގެންވޭ. މިކަމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެދާނެ،" ހާފިޒު ވިދާޅުވި އެވެ.

ރާއްޖެއަށް އާންމުކޮށް ހުޅަނގު މޫސުން ފެށޭނީ އަންނަ މަހުގެ މެދާ ހިސާބުން ކަމަށް ވެސް ހާފިޒް ވިދާޅުވި އެވެ. އަދި މި ކުރިއަށް އޮތް ދެ ތިން ދުވަހު މޫސުން ގޯސްވި ނަމަވެސް ހުކުރު ދުވަހު ތަންކޮޅެއް އަލިވާން ފަށާނެ ކަމަށް ވިދާޅުވި އެވެ.