Roadha Mihaaru
އައިފޯނާއެކު ޗާޖަރު ނުދޭތީ ބްރެޒިލުން އެޕަލް ޖޫރިމަނާ

އައިފޯނާ އެކު ޗާޖަރު ނުދޭތީ ބްރެޒިލުން އެޕަލް ޖޫރިމަނާކޮށް ވިޔަފާރި ހުއްޓުވައިފި

08 ސެޕްޓެމްބަރ 2022

އެޕަލްގެ އައިފޯން ވިއްކާއިރު އެއާ އެކީގައި ޗާޖަރެއް ނުދިނުމަކީ "ފުރިހަމަ ނުވާ އުފެއްދުމެއް" ވިއްކުން ކަމަށް ނިންމައި ބްރެޒިލްގެ ޖަސްޓިސް މިނިސްޓްރީން އެޕަލް ކުންފުނި 2.38 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ނިންމައި އައިފޯނުގެ ވިޔަފާރި ހުއްޓުވައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އެޕަލްގެ އައިފޯން ވިއްކާއިރު އެއާ އެކީގައި ޗާޖަރެއް ނުދިނުމަކީ "ފުރިހަމަ ނުވާ އުފެއްދުމެއް" ވިއްކުން ކަމަށް ނިންމައި ބްރެޒިލްގެ ޖަސްޓިސް މިނިސްޓްރީން އެޕަލް ކުންފުނި 2.38 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ނިންމައި އައިފޯނުގެ ވިޔަފާރި ހުއްޓުވައިފި އެވެ.

އެޕަލްގެ ފްލެގްޝިޕް އައިފޯން ސީރީޒްއާ އެކު ފޮށިގަނޑުގައި ޗާޖަރު ދިނުން ހުއްޓާލާފައިވަނީ 2020 ވަނަ އަހަރު އެވެ. އެއަށްފަހު ފޯނު ފޮށިގަނޑުގައި ޗާޖިން ބްރިކެއް ނޯވެ އެވެ. އޭގެ ބަދަލުގައި ހަމަ އެކަނި ބޭނުންކުރަނީ ޗާޖިން ކޭބަލެވެ.

އެޕަލް އިން މިގޮތަށް ނިންމާފައިވަނީ ތިމާވެއްޓަށް ގެއްލުން ލިބޭ މިންވަރު ކުޑަކުރުމަށް ކަމަށް އެޕަލް އިން ބުނެ އެވެ. ނަމަވެސް މި ނިންމުމަކީ ގިނަ ބަޔަކު ބަލައެއް ނުގަނެ އެވެ.

ބްރެޒިލްގެ ސަރުކާރުން މިކަމާ ދެކޮޅު ހެދުމަށް ފަހު ވަނީ 2020 ގެ ފަހުން އުފައްދާފައިވާ އައިފޯނުތައް ވިއްކުން ހުއްޓުވައިފަ އެވެ. އަދި އައިފޯނުގެ ފޮށިގަނޑުގައި ޗާޖަރު ނެތި ވިއްކާފައިވާތީ އެޕަލް ޖޫރިމަނާކުރީ އެވެ.

އެކަމާ ގުޅިގެން އެޕަލް އިން ބުނީ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށެވެ. އަދި އެޕަލް އިން ވަނީ ބްރެޒިލް އިން މީގެ ކުރިން ވެސް އެޕަލްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކެއް ކާމިޔާބުކޮށްފައި ކަމަށް ބުނެފަ އެވެ. އެހެންވީމާ މި މައްސަލާގައި ވެސް އެޕަލް މޮޅުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ބުންޏެވެ.

އެޕަލްގެ އައިފޯނުތަކުގެ ޗާޖިން ޑްރާމާގަައި އެތައް ބަޔަކު މިހާރު ވަނީ އެޕަލް އާ ދެކޮޅަށް ތެދުވެފަ އެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެޕަލް އާ ދެކޮޅަށް ހުށަހަޅާ މައްސަލަ އެވެ. އީޔޫއިން ވަނީ އެޕަލްގެ އައިފޯނުގެ ޗާޖިން ޕޯޓުގެ މައްސަލަ ފެންމަތިކޮށްފަ އެވެ. ހުރިހާ ސްމާޓްފޯނުތަކުގެ ޗާޖިން ޕޯޓަށް "ޔޫއެސްބީ ޓައިޕް ސީ" ބޭނުންކުރާއިރު އަދިވެސް އެޕަލް އިން ބޭނުންކުރަނީ "ލައިޓްނިން ޕޯޓް" އެވެ.

އެއާ އެކު 2024ގެ ކުރިން އައިފޯނުގެ ޗާޖިން ޕޯޓުތައް ޔޫއެސްބީ ޓައިޕް ސީ އަށް ބަދަލުކުރުމަށް އީޔޫއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.