Roadha Mihaaru
ބްރެޒިލްގައި އައިފޯނު 12 ވިއްކޭނީ ޗާޖަރާ އެކު

ބްރެޒިލްގައި އައިފޯނު 12 ވިއްކޭނީ ޗާޖަރާ އެކު

10 ޑިސެމްބަރ 2020

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 އާ އެކީ ޗާޖަރު ނުދޭތީ ކުރިމަތިވި ޝަކުވާތަކަށް ފަހު ބްރެޒިލްގައި ޗާޖަރާ އެކީގައި ނޫނީ އައިފޯން ނުވިއްކަން އެޕަލް އަށް އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 އާ އެކީ ޗާޖަރު ނުދޭތީ ކުރިމަތިވި ޝަކުވާތަކަށް ފަހު ބްރެޒިލްގައި ޗާޖަރާ އެކީގައި ނޫނީ އައިފޯން ނުވިއްކަން އެޕަލް އަށް އަންގައިފި އެވެ.

ބްރެޒިލްގެ ސައޮ ޕޯލޯގައި ވިއްކާ އައިފޯންތަކުގައި ޗާޖަރު ހިމަނަން އަންގައި އެ ގައުމުގެ ކޮންޒިއުމާ ޕްރޮޓެކްޝަން އެޖެންސީ ޕްރޮކޮން-އެސްޕީ އިން ބުނީ ފަހުގެ އައިފޯނުގައި އެޕަލް އިން ޗާޖަރު ހިމަނާފައި ނުވަނީ ތިމާވެށީގެ ހިމާޔަތަށް ކަމަށް ބުންޏަސް މިހާތަނަށް ބެލިބެލުންތަކުން އެކަމަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް ބްރެޒިލުން ވަނީ އެޕަލް އިން ޗާޖަރު ނުހިމަނާ ސަބަބު ސާފުކޮށް ދޭން އެދިފަ އެވެ.

ބްރެޒިލްގެ ކޮންޒިއުމާ ޑިފެންސް ކޯޑް ބުނާ ގޮތުން އެ ގައުމުގައި ފޯނު ފަދަ ބްރޭންޑެޑް ޑިވައިސްތަކާ އެކު އޭގެ ޗާޖަރު ނުވަތަ އެޑަޕްޓަރު ކަސްޓަމަރުންނަށް ހައްގުވާނެ އެވެ. އަދި އެގޮތަށް އަމަލުނުކުރާ ނަމަ އެއީ އުސޫލުތަކާ ހިލާފު ކަމެކެވެ.

ޕްރޮކޮން-އެސްޕީން ފާހަގަކޮށްފައިވާ ގޮތުގައި ކަސްޓަމަރުންނަށް މުދާ ވިއްކުމުގައި އެޕަލް އިން ދަނީ ގަބޫލުކުރަން ދަތި އުސޫލުތަކަށް އަމަލުކުރަމުންނެވެ. އެގޮތުން އާ ޑިވައިސްތައް ވިއްކާ އިރު އެއާ ބެހޭ އެންމެ ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދިނުމާއި ވިއްކާ އެއްޗިއްސަށް ބަދަލު ދިނުމާއި ރިސައިކަލްކުރުން ފަދަ ކަންކަމުގައި ހަރުދަނާ އުސޫލުތަކެއް ނެތުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަދަ މައްސަލަތައް ވަކިވަކި ސްޓޭޓްތަކުން މިހާރު ބެލި ނަމަވެސް ބްރެޒިލްގެ ނެޝަނަލް ކޮންޒިއުމާ ސެކްރެޓަރީން އަންނަނީ މިކަން މައި ސަރުކާރު މެދުވެރިކޮށް އާންމުކޮށް އަމަލުކުރާ އުސޫލަތަކަށް ހެދުމާ ދޭތެރޭ ވިސްނަމުންނެވެ.

ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެޕަލްގެ ފަހުގެ އައިފޯނާ އެކު ޗާޖަރު ނުލިބުމަކީ ކަސްޓަމަރުންނަށް އުފުލަން ޖެހޭ އިތުރު ބުރައެކެވެ. އެގޮތުން ކުރީގެ މޮޑެލްތަކުގެ ޗާޖަރުތައް ބޭނުން ނުކުރެވުމުގެ މައްސަލަތަކާ ހެދި އަލުންބަލުން ޗާޖަރު ގަންނަން ހަރަދުކުރަން ޖެހުން ހިމެނެ އެވެ.

ބްރެޒިލްގެ ނިންމުމާ ބެހޭ ގޮތުން އެޕަލް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.