Roadha Mihaaru
ޗާޖަރު ނުދިނުމުން އެޕަލް އަށް ދެ މިލިއަންގެ ޖޫރިމަނާއެއް

އައިފޯން 12 އާ އެކު ޗާޖަރު ނުދިނުމުން އެޕަލް އަށް ބްރެޒިލުން ދެ މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް

22 މާޗް 2021

އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި ޗާޖަރު ހިމަނާފައި ނުވާތީ އެއީ ކަސްޓަމަރުންގެ ހައްގަކަށް އަރައިގަތުން ކަމަށް ބްރެޒިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ފަހު ދެ މިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް އިން މިދިޔަ އަހަރު ނެރުނު އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި ޗާޖަރު ހިމަނާފައި ނުވާތީ އެއީ ކަސްޓަމަރުންގެ ހައްގަކަށް އަރައިގަތުން ކަމަށް ބްރެޒިލުން ފާޅުކުރި ކަންބޮޑުވުންތަކަށް ފަހު ދެ މިލިއަން ޑޮލަރުން އެޕަލް ޖޫރިމަނާކޮށްފި އެވެ.

ބްރެޒިލްގެ ކޮންޒިއުމާ ޕްރޮޓެކްޝަން އެޖެންސީ (ޕްރޮކޮން-އެސްޕީ) އިން ބުނި ގޮތުގައި އައިފޯނާ އެކު ޗާޖަރެއް ލިބުމަކީ ކަސްޓަމަރުންނަށް ލިބެންޖެހޭ ހައްގެކެވެ. މި މައްސަލާގައި އެ ގައުމުން ވަނީ ޗާޖަރާ އެކު ނޫނީ އައިފޯނު ނުވިއްކޭނެ ކަމަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެޕަލް އަށް އަންގައިފަ އެވެ.

ބްރެޒިލްގެ ކޮންޒިއުމާ ޑިފެންސް ކޯޑް ބުނާ ގޮތުން އެ ގައުމުގައި ފޯނު ފަދަ ބްރޭންޑެޑް ޑިވައިސްތަކާ އެކު އޭގެ ޗާޖަރު ނުވަތަ އެޑަޕްޓަރު ކަސްޓަމަރުންނަށް ހައްގުވާނެ އެވެ.

ޕްރޮކޮން-އެސްޕީން ފާހަގަކޮށްފައިވާ ގޮތުގައި ކަސްޓަމަރުންނަށް މުދާ ވިއްކުމުގައި އެޕަލް އިން ދަނީ ގަބޫލުކުރަން ދަތި އުސޫލުތަކަށް އަމަލުކުރަމުންނެވެ. އެގޮތުން އާ ޑިވައިސްތައް ވިއްކާ އިރު އެއާ ބެހޭ އެންމެ ސައްހަ މައުލޫމާތު ފޯރުކޮށް ނުދިނުމާއި ވިއްކާ އެއްޗިއްސަށް ބަދަލު ދިނުމާއި ރިސައިކަލްކުރުން ފަދަ ކަންކަމުގައި ހަރުދަނާ އުސޫލުތަކެއް ނެތުން ފަދަ ކަންކަން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގައި ޕްރޮކޮން-އެސްޕީ އިން ވަނީ ޗާޖަރާ ނުލައި އައިފޯން ވިއްކާ ނަމަ އޭގެ އަގު ކުޑަކުރަން ވެސް އެޕަލް އަށް އަންގައިފަ އެވެ. އެކަމަކު ބްރެޒިލް އިން ފާޅުކުރި ކަންބޮޑުވުންތަކަށް ޓިމް ކުކްގެ އެޕަލް އިން މިހާތަނަށް އެއްވެސް އިޖާބައެއް ދީފައެއް ނުވެ އެވެ.

އަދި ބްރެޒިލްގެ ޖޫރިމަނާއާ ގުޅިގެން ވެސް އެޕަލް އޮތީ އެއްޗެއް ނުބުނެ ހިމޭނުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އެޕަލް އިން މިހާރު ޗާޖަރު ނުހިމެނޭ ފޯނުތަކަށް އިސްކަން ދެނީ ޝިޕިން ހަރަދު ކުޑަކުރުމާއި ތިމާވެއްޓަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ.