Roadha Mihaaru
ގާނޫނުގެ ދަށުން ނާޒިމަށް ފިޔަވަޅު އެޅޭކަށް ނެތް

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ނާޒިމަށް އެޅޭނެ ފިޔަވަޅެއް ނެތް: ބާ ކައުންސިލް

08 ސެޕްޓެމްބަރ 2022

އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ލިބޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރާ މެދު ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ސުލޫކީ ފިޔަވަޅެއް އެޅެން ނެތް ކަމަށް، އޭނާގެ ގާނޫނީ ވަކީލްކަމުގެ ހުއްދަ ހިފެހެއްޓުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލާގައި އެ ކައުންސިލުން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާ ލިބޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރާ މެދު ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ސުލޫކީ ފިޔަވަޅެއް އެޅެން ނެތް ކަމަށް، އޭނާގެ ގާނޫނީ ވަކީލްކަމުގެ ހުއްދަ ހިފެހެއްޓުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލާގައި އެ ކައުންސިލުން ބުނެފި އެވެ.

ނާޒިމްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަހުމަދު ތޯލިބަށް އެ ކައުންސިލުން އިއްޔެ ދިން ޖަވާބުގައި ބުނެފައިވަނީ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން ގާނޫނީ ވަކީލަކާ މެދު ބާ ކައުންސިލަށް ފިޔަވަޅެއް އެޅޭނީ "ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން" އެ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށެވެ. ގާނޫނު ބުނާ ގޮތުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވުމަކީ އެއީ ކަމަށާއި އެހެންވެ ނާޒިމާ މެދު ބާ ކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވަނީ އަންގައިފަ އެވެ.

"މި ޝަކުވާގެ ބާވަތަށް ބަލާއިރު މިއީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގެ ދަށުން އަލްއުސްތާޒް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސްލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއް ކަމަށް ނުފެންނާތީ މި ޝަކުވާ ބެލެން ނެތް ކަމަށް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައިވާތީ އެކަން ތިޔަ ފަރާތަށް އަންގަވަމެވެ." މައްސަލައާ ގުޅިގެން ބާ ކައުންސިލުން ނިންމި ނިންމުމުގައިވެ އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި "ސުލޫކީ ޝަކުވާ ހުށަހެޅުން" ގެ ދަށުން އޮންނަނީ؛

● ގާނޫނީ ވަކީލަކާ ހަވާލުކުރާ މަސައްކަތަކާ ގުޅިގެން އެ ގާނޫނީ ވަކީލަކު އަމަލުކުރާ ގޮތެއްގެ ސަބަބުން ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފުވެއްޖެ ނަމަ، އެ މައްސަލައަކާ ސީދާގޮތުން ގުޅުންހުރި ކޮންމެ ފަރާތަކަށް ނުވަތަ އެފަދަ އަމަލެއް ހިނގާ ޝަރުއީ ކޯޓެއްގެ ތެރޭގައި ނަމަ އެ ކޯޓަކަށް އެ ގާނޫނީ ވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ.

ބާ ކައުންސިލްގެ ނިންމުމާ ގުޅިގެން ތޯލިބު، "މިހާރު" އަށް ވިދާޅުވީ ނާޒިމުގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވޭއިރު ބާ ކައުންސިލުން ފިޔަވަޅު ނޭޅުމުން ކަންބޮޑުވާ ކަމަށާއި ވަކީލެއްގެ މައްޗަށް ކިރިޔާ ވެސް ޝައްކެއް އުފެއްދިއްޖެ ނަމަ، ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އެ ވަކީލަކު މަސައްކަތުން އެކަހެރި ކުރަންޖެހޭނެ ކަމަށެވެ.

"މާދަމާ ގާނޫނު ނެގެހެއްޓުމަށް ކޯޓަށް ނުކުންނަ ފަރާތަކަށް މިކަހަލަ ބޮޑު ތުހުމަތެއް ކުރެވުނީމާ އޭގެ ޒާތުގައި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ،" ތޯލިބް ވިދާޅުވި އެވެ.

އޭނާ ބާ ކައުންސިލުގައި އެދިވަޑައިގަތީ ނާޒިމްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ އާއި އާންމުވެފައިވާ ވީޑިއޯގެ ސަބަބުން ވަކީލުންނާ ދޭތެރޭ މީހުން ދެކޭގޮތް ބަދަލުވެ، އާންމުންގެ ކުރިމަތީގައި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭނެ ކަމަށެވެ. ތޯލިބު އެދިފައި ވަނީ ކޯޓުން ނާޒިމަށް ހުކުމެއް ކަނޑައަޅައި، މައުސޫމުކަން ޔަގީންކުރެވެންދެން ވަކީލުކަމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިދިނުމަށެވެ.