Roadha Mihaaru

މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ: ބާ ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރުމުގެ ކުރިން އެކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

20 ނޮވެމްބަރ 2024

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކުރުމުގެ ކުރިން އެކަމަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

އެ މައްސަލާގައި ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާތީ އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް އެބަ ހުރި ކަމަށެވެ.

އެހެންވެ، އެ ބިލާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެމްބަރުންގެ ހިޔާލާއި މަޝްވަރާ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނާތީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަޖިލީހުގައި މިއަދު އެދިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ބާ ކައުންސިލުން ބުނީ ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގެނެވޭ އިސްލާހުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭ ގޮތަށް އެ ބިލުގެ ކަންކަން އިންތިޒާމު ކުރުމަށް ވެސް ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

އެ ބިލާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ މަޖިލީހުގެ މެމްބަރުން ވަކި ކުރުމާ މެދު ގޮތެއް ނިންމުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅުއްވައިފަ އެވެ. އެކަމަކު އެ އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން ރޯލް ކޯލް ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ވޯޓުން އެ ބިލު ފާސްކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. އަދި އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ އިސްލާހާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުން އޮންނާނީ މިއަދު ހަވީރެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.