Roadha Mihaaru
ކުނި ނެގުމުގައި އެއްބާރުލުން ދޭން ކައުންސިލުން އެދިއްޖެ

ކުނި ނެގުން ކައުންސިލާ ހަވާލުކުރުމުގައި ސަރުކާރުން އެއްބާރުލުން ދޭން އެދިއްޖެ

10 ސެޕްޓެމްބަރ 2022

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތައް ސާފުކޮށް ބޭއްވުމަށާއި ކުނި ނެގުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އާ ނުކޮށް، އެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތައް ސާފުކޮށް ބޭއްވުމަށާއި ކުނި ނެގުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އާ ނުކޮށް، އެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުން ކުނި ނަގަން ވެމްކޯއާއެކު އެންްމެ ފަހުން އެއްބަސްވީ ތިން އަހަރުގެ މުއްދަތަކަށެވެ. ޑިސެމްބަރު 26، 2019 ގައި ކުރީގެ ކައުންސިލުން އާ ކުރި އެ އެއްބަސްވުން މި އަހަރުގެ ޑިސެމްބަރު 26 އަށް ހަމަވުމުން އިތުރަށް އެއްބަސްވުން އާ ނުކުރުމަށް އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ނުރުހުންވެ، ވެމްކޯ އިން ވެސް ބަޔާނެއް ނެރެފައިވަނިކޮށް ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލުން އެ މަސައްކަތް ކުރާ ގޮތަށް ފާސްކުރީ މާލޭގެ މަގުތަކަށް އަޅާ ކުނިތައް ވީހާ ވެސް އަވަހަށް ނަގައި މާލެއަކީ ސާފުތާހިރު ހިތްފަސޭހަ ސިޓީއެއްގެ ގޮތުގައި ބޭއްވުމުގެ މަގުސަދުގައި ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި، ވެމްކޯއާ ހަވާލުކޮށްގެން މާލެ އާއި ވިލިމާލެ ސާފުކުރުމަށް މިހާރު މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެކަމަކު މަގުތަކުގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ، މަގުތަކުގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި ދުއްވާ ވެހިކަލްތަކަށް އެކަމުގެ އުނދަގޫފޯރާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި ކުނިތައް މަގުމަތިން ނެގުން ލަސްވުމުގެ ޝަކުވާ ވެސް އެ ކައުންސިލަށް ލިބޭ ކަމަށް ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ، މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތައް މިހާރު ވެސް ކުނި ކަހައި ސާފުކުރަނީ ކައުންސިލުގެ މުވައްޒަފުން ބޭނުންކޮށްގެން ކަމަށެވެ. އެހެންވެ، މިހާރު އެ މަސައްކަތަށް ހޭދަވާ ހަރަދު ކުޑަވެގާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށާއި އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި މޮނިޓަކޮށް، ސީދާ ކައުންސިލުގެ ބެލުމުގެ ދަށުން ކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މާލެ އާއި ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަކީ އަބަދުވެސް މާލެ ކައުންސިލުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމުގައި ވީ ހިނދު އެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް މާލޭ ސިޓީއަކީ ނަމޫނާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ދިނުމަށް މި ފުރުސަތުގައި ގޮވާލަމެވެ،" ކައުންސިލުގެ ބަޔާނުގައިވެ އެވެ.

ޚަރަދު ބޮޑުވުމާއި އަދި މަގުތައް ސާފުނުކުރާކަމުގެ ޝަކުވާތައް ކައުންސިލުން ކުރިޔަސް ވެމްކޯ އިން ނެރުނު ބަޔާނުގައި ބުނީ ހަރަދު ބޮޑުވާ ކަމަށް ބުނެ ސިޓީ ކައުންސިލުން ޝަކުވާ ކޮށްފައި ވިޔަސް އެއީ އެ ކަމަށް ބޭނުންވާ ވެހިކަލްތައް މަރާމާތު ކުރުމާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުން ފަދަ ކަންކަމަށް ހިނގާ ހަރަދަށް ރިއާޔަތްނުކޮށް ބުނާ ބުނުމެއް ކަމަށް ވެމްކޯ އިން ބުންޏެވެ.

ކައުންސިލުން އަމިއްލައަށް އެ ކަން ކުރާ ނަމަ، ކުރަންޖެހޭ ހަރަދުތައް މިހާރަށް ވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.