Roadha Mihaaru
މިނީ ބަހެެއްގެ އަގަކީ 95،000 ޑޮލަރު

މިނީ ބަހެއްގެ އަގަކީ 90-95 ހާސް ޑޮލަރު، ގަތީ މެނުފެކްޗަރާގެ އަތުން

11 ސެޕްޓެމްބަރ 2022

މާލޭގައި ދުއްވަން ގެނައި މިނީ ބަހެއްގެ އަގަކީ 203،500 ޑޮލަރު ކަމަށް ނޫހަކުން ރިޕޯޓް ކޮށްފައި އޮތަސް، އެމްޓީސީސީން އެ ބަސްތައް ގަނެފައި ވަނީ 90،000-95،000 ޑޮލަރަށް ކަން، "މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކަކުން ދައްކައިފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލޭގައި ދުއްވަން ގެނައި މިނީ ބަހެއްގެ އަގަކީ 203،500 ޑޮލަރު ކަމަށް ނޫހަކުން ރިޕޯޓް ކޮށްފައި އޮތަސް، އެމްޓީސީސީން އެ ބަސްތައް ގަނެފައި ވަނީ 90،000-95،000 ޑޮލަރަށް ކަން، "މިހާރު" އަށް ލިބިފައިވާ ލިޔެކިޔުންތަކަކުން ދައްކައިފި އެވެ.

މާލޭގައި މިނީ ބަސް ފެށުމަށް 16 ބަސް ގެނަ އެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ބަސްތަކެއް ގެނަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ފަށަން ޑީސަލް ބަސްތަކެއް ބޭނުން ކުރަން ފެށީ ހިދުމަތް ފެށުން އަވަސްކުރުމުގެ ގޮތުން ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދަން ރާވައިފައި އޮތީ އިލެކްޓްރިކް ބަސްތަކަކާ އެކު ކަމަށެވެ.

"އެކަމަކު އިލެކްޓްރިކް ބަސްތަކެއް ގެނެސްގެން އެކަން ފެށުމަކީ ވަރަށް ގިނަ ވަގުތު ނަގާ ކަމެއް. ވަރަށް ބޮޑު އިންފްރާސްޓްރަކްޗާއެއް ގާއިމްކުރަން ޖެހޭ ކަމެއް. ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ނެތް ޗާޖިން ސްޓޭޝަންތަކެއް. އެއީ ހަދަން ޖެހޭ އެއްޗެއް. އެއިން އެއްޗެއް މައްސަލަ ޖެހިއްޖިއްޔާ އަޅުގަނޑުމެންގެ ނެތް ހަދާނެ ބައެއް. އެ މީހުން ތަމްރީނު ކުރަން އެބަ ޖެހޭ. އަނެއްކާ އަޅުގަނޑުމެންގެ ބަޖެޓް ތަނެއް ނުދޭ އެހާ ބައިވަރު ބަސް އެއްފަހަރާ ގަނެގެން މިކަން މިހާރު ކުރާކަށް،" އާޒިމް ވިދާޅުވި އެވެ.

"މާލޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް ވަރަށް އަވަހަށް ފަށަން ސަރުކާރުން ވެސް އެބަ ބޭނުންވޭ. އެހެންވެ އަޅުގަނޑުމެން ނިންމީ ޑީސަލް ބަސްތަކުގައި ފަށަން."

އެކަމަކު، އާޒިމް ވިދާޅުވީ އިލެކްޓްރިކް ބަސްތަކުގެ ފުރަތަމަ ހަ ބަސް އަންނަ މަހުގެ ތެރޭގައި ގެނެސް، ހިދުމަތާ ގުޅޭނެ ކަމަށެވެ. އޭގެ ބަހެއްގެ އަގަކީ 203،500 ޑޮލަރު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މި އުޅެނީ އިލެކްޓްރިކް ބަހެއްގެ އަގުގައި ޑީސަލް ބަސްތަކެއް ގެނެސްގެން މަކަރު ހަދައިގެނެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

"އެމްޓީސީސީގައި އޮންނަ ގަވައިދަކީ މިކަހަލަ އެއްވެސް މަޝްރޫއެއްގައި އެއްވެސް އެއްޗެއް ނުގަނެވޭނެ އެކި ޑިޕާޓްމެންޓްތަކުގެ ހެޑުން ހިމެނޭ ގޮތަށް 10 މީހުންގެ ސޮއި ނެތިއެއް. ވަރަށް ޓްރާންސްޕޭރެންޓް ނިޒާމެއް އޮންނާނީ. މިނީ ބަސްތައް ގަނެފައި އެ ހުރީ ސީދާ މެނުފެކްޗަރާގެ އަތުން."

އާޒިމް ވިދާޅުވީ އެމްޓީސީސީ އަކީ 24،000 ހިއްސާދާރުން ހިމެނޭ ބިޔަ ކުންފުންޏެއް ކަމަށާއި ހަގީގަތް އޮޅޭ ގޮތަށް ފަތުރާ ހަބަރުތަކުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި މިހާރު އެކަނި ނޫން ކަމަށެވެ.

"އެމްޓީސީސީ އަކީ މުސްތަގުބަލަށް ވެސް ވިސްނަން ޖެހޭ ކުންފުންޏެއް. އަޅުގަނޑުމެން މިއަދު މި އަޅާ ބިންގާ މާދަމާ އަށް ވެސް ދެމެހެއްޓެން އެބަ ޖެހޭ. އެގޮތަށް އަގު ވައްޓާލީމަ އެމްޓީސީސީ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޓީސީސީގެ ކުރިއެރުމަށް ހަސަދަވެރިވާ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް. މި ގެއްލުމުގެ ބަދަލު އަޅުގަނޑުމެން ހޯދަން ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރާނަން. އަދި މީޑިއާ ކައުންސިލަށް ވެސް މި މައްސަލަ ލާނެ. މިއީ އަޅުގަނޑު ކުންފުނީގެ ހައްގުގައި ވެސް ކުރަން ޖެހޭ ކަމެއް."