Roadha Mihaaru
ދެ ހިދުމަތް ކުރިއަށް ގެންދެވޭނެތޯ ނިންމާނީ ސަރުކާރުން

ބަހުގެ ދެ ހިދުމަތް ކުރިއަށް ގެންދެވޭނެތޯ ނިންމާނީ ސަރުކާރުން: އެމްޓީސީސީ

12 މާޗް 2023

ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ކުރިއަށް ގެންދިޔަ ނަމަވެސް، އެމްޓީސީސީން ބަހުގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށާއި ދެ ހިދުމަތް އެ ރަށުގައި ކުރިއަށް ގެންދާނެތޯ ނިންމާނީ ސަރުކާރުން ކަމަށް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ކުރިއަށް ގެންދިޔަ ނަމަވެސް، އެމްޓީސީސީން ބަހުގެ ހިދުމަތް ކުރިއަށް ގެންދާނެ ކަމަށާއި ދެ ހިދުމަތް އެ ރަށުގައި ކުރިއަށް ގެންދާނެތޯ ނިންމާނީ ސަރުކާރުން ކަމަށް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި އެމްޓީސީސީން ވަނީ ޖެނުއަރީ މަހު ބަހުގެ ހިދުމަތް ފަށައިފަ އެވެ. މިހާރު ސިޓީ ކައުންސިލުން ވަނީ ބަގީގެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ހުކުރު ދުވަހު ބަގީތައް ގެންގޮސްފަ އެވެ.

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ހިދުމަތް ފަށަން ބަސްތައް އެ ރަށަށް ގެންދިއުމުން، ސިޓީ ކައުންސިލުން މައްސަލަ ފުލުހަށް ވެސް ހުށަހެޅި އެވެ. އެއީ ކައުންސިލްގެ ހުއްދަ ނެތި ވެހިކަލްތައް އެ ރަށަށް އެރުވި ކަމަށް ބުނެ އެވެ.

މާލެ އާއި ހުޅުމާލޭގައި ވެސް ބަހުގެ ހިދުމަތް ކުރިއަށް ގެންދާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިލިމާލޭގައި ބަހުގެ ހިދުމަތް ކުރިއަށް ގެންދަން ސަރުކާރުން އެމްޓީސީސީ އާ ހަވާލު ކުރީ ޒަމާންތަކެއް ވަންދެން ވިލިމާލޭގެ ދަތުރުފަތުރުގެ މައްސަލަ ހައްލު ނުވެ އޮތުމުންނެވެ.

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ހިދުމަތް ފެށުމަށް ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ހިދުމަތް ފެށުމަށް ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ

"ވިލިމާލޭގައި ޒަމާންތަކެއް ވަންދެން އޮތް މައްސަލައަކަށް އެމްޓީސީސީން ހައްލު ހޯދައިދިނީ. ރައްޔިތުންނަށް ލިބެމުންދާ ފަސޭހައެއް ހުއްޓާލަން ސަރުކާރުން އަންގާނެ ހެނެއް ހިއެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

މާލެ އާ ވަކިން އޮތް ކުޑަ ރަށެއްގައި ދެ ފަރާތަކުން ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަކީ ފީސިބްލް ކަމެއްތޯ އެހުމުން އާޒިމް ވިދާޅުވީ އެކަން ނިންމާނީ ސަރުކާރުން ކަމަށެވެ.

"ސަރުކާރުން ދެއްތޯ އެކަން ނިންމާނީ. އަޅުގަނޑުމެންނަކީ ސާވިސް ޕްރޮވައިޑާ، އަޅުގަނޑުމެން މިތިބީ ހުއްޓާލާ ގޮތަކަށް ނޫން. އެކަމަކު ހިދުމަތް ކުރިއަށް ގެންދަން ނުފެނެޔޭ ސަރުކާރުން ބުނާ ހިސާބުން އަޅުގަނޑުމެން ހުއްޓާލާނަން. އަޅުގަނޑަކަށް ހީއެއް ނުވޭ ސަރުކާރުން އެގޮތަށް އަންގާނެ ހެނެއް،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ނިންމާފައި ވަނީ ރޯދަ މަހާއި ފިތުރު އީދު ނިމެންދެން ބަގީގެ ހިދުމަތް ހިލޭ ދިނުމަށެވެ. ދެ ބާވަތެއްގެ ޕަބްލިކް ޓްރާންސްޕޯޓެއް ވިލިމާލޭ ކުރިއަށް ގެންދިއުމާ ބެހޭގޮތުން މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ ބަހެއް ހޯދަން ކުރި މަސައްކަތް އޭނާ ޖަވާބު ނުދެއްވާތީ ކާމިޔާބެއް ނުވި އެވެ.