Roadha Mihaaru
ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް

ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ފަށައިފި

26 ފެބުރުއަރީ 2023

ރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ބަލައި ތަރުތީބުކުރުމަށް އެކުލަވާލަމުން އަންނަ "މެރިން ސްޕޭޝަލް ޕްލޭން"އަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމަށް ބޮޑު ދިރާސާއެއް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ބަލައި ތަރުތީބުކުރުމަށް އެކުލަވާލަމުން އަންނަ "މެރިން ސްޕޭޝަލް ޕްލޭން"އަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމަށް ބޮޑު ދިރާސާއެއް މިއަދު ފަށައިފި އެވެ.

މި ދިރާސާގެ މަސައްކަތް ކުރަނީ ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް، ސަރުކާރުން ހިންގާ "ނޫ ރާއްޖެ" ޕްރޮގްރާމާއި ނެޝަނަލް ޖިއޮގްރެފިކްގެ "ޕްރިސްޓީން ސީސް" ގުޅިގެންނެވެ.

"ނޫ ރާއްޖެ"އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ދިރާސާގެ މަސައްކަތްކުރާ ސައިންސްވެރިންގެ ޓީމް އަންނަ މަހު ގއ، ގދ، ފުވައްމުލައް އަދި އައްޑޫ އަތޮޅަށް ދަތުރުކުރާނެ އެވެ.

މި ދަތުރުގައި ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ސައިންޓިފިކް އުކުޅުތައް ބޭނުންކުރާނެ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި، ބެއިޓެޑް ރިމޯޓް އަންޑާ ވޯޓާ ވީޑިއޯ ސިސްޓަމްސް (ބްރަވްސް)، ޑީޕް ޑްރޮޕް-ކެމެރާ ސާވޭ، މިކްރޯޕެލިއޯ އަދި މައިކްރޯޕްލާސްޓިކް ސާމްޕްލިން ފަދަ އުކުޅުތައް ބޭނުންކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ނޫ ރާއްޖެ"އިން ކުރި ދިރާސާއެއްގައި ނަގާފައިވާ މުރަކައިގެ ފޮޓޯއެއް: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

"ނޫ ރާއްޖެ"އިން ކުރި ދިރާސާއެއްގައި ނަގާފައިވާ މުރަކައިގެ ފޮޓޯއެއް: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

ސައިންސްވެރިންގެ މި ދަތުރުގައި "ބްލޫ ފޯސް ތްރީ" ކިޔާ މިކަމަށް ހާއްސަ އުޅަނދެއް ވެސް ބޭނުންކުރާނެ އެވެ.

"ނޫ ރާއްޖެއިން ކުރީގައި ކުރިއަށް ގެންގޮސްފައިވާ އެކްސްޕެޑިޝަންތަކުން ހޯދާފައިވާ މައުލޫމާތުތައް މި ދަތުރުގައި ހިންގާނެ ސައިންޓިފިކް ދިރާސާތަކުން އިތުރަށް މުއްސަނދިވެގެން ދާނެ އެވެ. އަދި މި މައުލޫމާތަކީ، ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކަކަށް ވާނެ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

ނޭޝަނަލް ޖިއޮގްރެފިކްގެ "ޕްރިސްޓީން ސީސް" އިން މިއަދު ފަށާ މި ދަތުރުގައި "ނޫ ރާއްޖޭ"ގެ ސައިންޓިސްޓް މައީޝާ މުހައްމަދު ވެސް ބައިވެރިވެ އެވެ.

"ނޫ ރާއްޖެ"އިން ހުވަދޫގެ ކަނޑުގެ ސަރަހައްދު ދިރާސާކުރަނީ: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

"ނޫ ރާއްޖެ"އިން ހުވަދޫގެ ކަނޑުގެ ސަރަހައްދު ދިރާސާކުރަނީ: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

"ނޫ ރާއްޖެ"އިން ބުނީ މި ދަތުރުގައި މައީޝާއާއެކު ރާއްޖެ އާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިން ވެސް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި؛

• ޔުނިވާސިޓީ އޮފް ޕްލިމައުތުގެ ޑރ. ކީރަން ފްރޭސާރު

• އެކްސްޕެޑިޝަންގެ ޗީފް ސައިންޓިސްޓް، ޑރ. އެލަން ފްރެއިޑްލަންޑަރު

• ރާއްޖޭގެ މެރިން ބައޮލޮޖިސްޓް، އާޔާ ނަސީމް

މި ދަތުރު ނިންމުމަށް ފަހު، ސައިންސްވެރިންގެ ޓީމުން ސައިންޓިފިކް ރިޕޯޓަކާއި ޑޮކިއުމެންޓަރީ ވީޑިއޯއެއް ތައްޔާރުކުރާނެ ކަމަށް "ނޫ ރާއްޖެ"އިން ބުންޏެވެ. އަދި މި ދަތުރުގެ ތެރެއިން ރާއްޖޭގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ލައިވް އޮންލައިން ސެޝަނަކާއި ސުވާލާއި ޖަވާބު ސެޝަނެއް ވެސް ހިންގާނެ ކަމަށް އެ ޕްރޮގްރާމުން ބުންޏެވެ.

"ނޫ ރާއްޖެ"އިން ކުރި ދިރާސާއެއްގައި ނަގާފައިވާ މަސްތަކެއްގެ ފޮޓޯއެއް: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

"ނޫ ރާއްޖެ"އިން ކުރި ދިރާސާއެއްގައި ނަގާފައިވާ މަސްތަކެއްގެ ފޮޓޯއެއް: ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް ވަނީ ފަށައިފައި -- ފޮޓޯ: ނޫ ރާއްޖެ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މި ދިރާސާގެ ސަބަބުން ރާއްޖޭގެ މެރިން އިކޯސިސްޓަމްތަކާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތު އިތުރަށް މުއްސަނދިވެ، ކަނޑުފަޅުތަކާއި އޭގެ ރޯދި ހިމާޔަތްކުރަން ކުރާ މަސައްކަތަށް ބާރު ލިބޭނެ ކަމަށެވެ.

"މީގެ އިތުރުން، މިއީ އަޅުގަނޑުމެންގެ ތިމާވެއްޓާއި ގުޅޭ އާ މައުލޫމާތު ހޯދައި ކަނޑުތަކަށް އަޅުގަނޑުމެން ކުރާ ގަދަރާއި ލޯބި އިތުރަށް އާލާކުރަން ލިބިގެންދާ ރަނުގެ ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"'މެރިން ސްޕޭޝަލް ޕްލޭން" އެކުލަވާލުމަށް މީގެ ކުރިން ވެސް "ނޫ ރާއްޖެ"އިން ވަނީ އެކި އެކްސްޕެޑިޝަންތައް ހިންގައިފަ އެވެ. އާންމުންގެ ހިޔާލު ހޯދުމުގެ ގޮތުން އާންމު ބައްދަލުވުންތަކާއި ކަނޑުފަޅު ބޭނުންކުރާ ގޮތުގެ ސާވޭއެއް ވެސް ވަނީ ކޮށްފަ އެވެ.