Roadha Mihaaru
އިޒްރޭލަށް ހަމަލާ ދޭން އީރާނުން ޑްރޯނެއް އުފައްދައިފި

އިޒްރޭލަށް ހަމަލާ ދިނުމަށް އީރާނުން ޑްރޯނެއް އުފައްދައިފި

12 ސެޕްޓެމްބަރ 2022

އިޒްރޭލުގެ މުހިންމު ސަހަރުތަކަށް ހަމަލާ ދިނުމަށް ޚާއްސަކޮށްގެން އީރާނުން ޑްރޯން މަތިންދާބޯޓެއް އުފައްދައިފި އެވެ.

އިޒްރޭލުގެ މުހިންމު ސަހަރުތަކަށް ހަމަލާ ދިނުމަށް ޚާއްސަކޮށްގެން އީރާނުން ޑްރޯން މަތިންދާބޯޓެއް އުފައްދައިފި އެވެ.

އީރާން ސަރުކާރަށް ތާއީދުކުރާ އެ ގައުމުގެ ނޫސް އޭޖެންސީއެއް ކަމަށްވާ މަހްރު އިން ބުނި ގޮތުގައި އީރާނުން އަލަށް އުފެއްދި ޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން އިޒްރޭލުގެ ވެރިރަށް ތެލް އަބީބަށާއި އިޒްރޭލުގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ހައިފާ އަށް ހަމަލާ ދެވޭނެ އެވެ. "ޢަރްޝް 2"ގެ ނަން ދީފައިވާ މި ޑްރޯންއަކީ، އީރާނުން ކުރިން އުފެއްދި "ޢަރްޝް 1" މަރުކާގެ ޑްރޯން އަށް އިތުރު ބަދަލުތަކެއް ގެނެސްގެން ތަރައްގީކޮށްފައިވާ އުޅަނދެކެވެ.

އީރާންގެ އެއްގަމު ލަޝްކަރުގެ ކޮމާންޑަރު ކިޔޯމާސް ހައިދަރީ ވިދާޅުވި ގޮތުގައި އީރާނުން އަލަށް ތަރައްގީކުރި ޑްރޯންއަކީ، ކަނޑައެޅިފައިވާ ވަކި އަމާޒަކަށް މިސައިލެއް ނުވަތަ ރޮކެޓެއް ފޮނުވައިލުމަށް އުފައްދާފައިވާ އުޅަނދެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޑްރޯންއަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި ހަތިޔާރެކެވެ.

ޢަރްޝް 2 އުފައްދާފައިވަނީ ނުރައްކާތެރި ގޮވާ ތަކެތި އޭގައި ހަރުކޮށްގެންނެވެ. ޕައިލެޓަކާ ނުލައި ދަތުރުކުރާ އެ އުޅަނދު ދުރު ރާސްތާ އަށް ދަތުރުކޮށްފައި ގޮސް، އެއަށް ކަނޑައެޅިފައިވާ އަމާޒަށް ވެއްޓިގަންނާނީ އެވެ. ކަނޑައަޅާފައިވާ އަމާޒަށް ޑްރޯން ގޮސް ޖެހިގަތުމާއެކު، އޭގައިވާ ގޮވާ ތަކެތި ގޮވާނެ އެވެ.

އީރާންގެ ހަތިޔާރު އެޅި ލަޝްކަރުތަކުގެ ވެރިޔާ މުހައްމަދު ބާގިރީ މިދިޔަ މެއި މަހުގެ ތެރޭގައިވަނީ، ޢަރްޝް 2 އުފައްދާ އަސްކަރީ ކާރުޚާނާ އަށް ޒިޔާރަތް ކުރައްވައި މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ. އެ ކާރުޚާނާ ހުންނަނީ އީރާންގެ ހުޅަނގުގައި ހުންނަ ޒަޣަރޯސް ފަރުބަދަތަކުގެ އެތައް ސަތޭކަ މީޓަރު އަޑީގަ އެވެ. އެ ކާރުޚާނާގައި މިހާރު ވެސް ޢަރްޝް 2 މަރުކާގެ 100 އަށް ވުރެ ގިނަ ޑްރޯން އުފައްދައި ބޭނުންކުރަން ތައްޔާރުކޮށްފައި އެބަހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އީރާނުން މިހާރު ތަރައްގީކޮށްފައިވާ ޑްރޯންތަކުގެ ތެރޭގައި ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ ޑްރޯންގެ އިތުރުން، މައުލޫމާތު އެއްކުރުމަށާއި ފާރަލުމަށް ބޭނުންކުރެވޭ ޒާތުގެ ޑްރޯންތައް ހިމެނެ އެވެ. އީރާންގެ އަސްކަރިއްޔާގެ ކޮމާންޑަރެއް ކަމަށްވާ އަބްދުއްރަހީމް އަލް މޫސަވީ ވިދާޅުވި ގޮތުގައި، ޑްރޯން އުފެއްދުމުގައި މެދުއިރުމަތީގައި މިހާރު އޮތް ވަރުގަދަ ގައުމަކީ އީރާނެވެ.

އީރާންގެ ޑްރޯން މަތިންދާބޯޓުތަކެއް ގަތުމަށް، ރަޝިޔާ އިން ވެސް ދާދި ފަހުން ވަނީ އީރާނާ އެކުގައި މަޝްވަރާތަކެއް ކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންނަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުން ދާތީ، ރަޝިޔާ މިހާރު ބޭނުންވަނީ ޑްރޯން ބޭނުންކޮށްގެން ޔޫކްރޭންގެ އަމާޒުތަކަށް ހަމަލާ ދިނުމަށެވެ.