Roadha Mihaaru
ޔޫކްރޭންގެ ދިފާއު ވަރުގަދަކޮށް ރަޝިޔާ ސިފައިން ފަހަތަށް

ޔޫކްރޭންގެ ދިފާއު ވަރުގަދަކޮށް ރަޝިޔާ ސިފައިން ފަހަތަށް

30 އޯގަސްޓް 2022

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހިފާފައިވާ ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ވަރުގަދަ ހަމަލާތަކެއް ދީ، ރަޝިޔާ ސިފައިން ފަހަތަށް ޖައްސައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހިފާފައިވާ ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ވަރުގަދަ ހަމަލާތަކެއް ދީ، ރަޝިޔާ ސިފައިން ފަހަތަށް ޖައްސައިފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ މުޝީރު އޮލެކްސީ އަރެސްޓޮވިޗް އިއްޔެ ވިދާޅުވި ގޮތުގައި ޚެރްސޯން ސަހަރު ކައިރީގެ ބައެއް ސަރަހައްދުތަކުގައި ތިބި ރަޝިޔާ ސިފައިންގެ ސަފުތައް ފޫއަޅުވާލައި، ޔޫކްރޭން ސިފައިން ވަނީ ބައެއް ސަރަހައްދުތައް އަނބުރާ ހިފައިފަ އެވެ. ޔޫކްރޭން ސިފައިން އިއްޔެ ދިން ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން ބައެއް ސަރަހައްދުތައް ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް އަލުން މިނިވަންކުރުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިކަން ޔޫކްރޭނުން ވަނީ މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. އެ ހަމަލާތައް އިއްޔެ ވަރުގަދަކޮށް، ޚެރްސޯން ސަހަރުގެ ދެކުނުގައި އޮތް ހަތަރު އަވަށެއް އިއްޔެ ވަނީ ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

މި ހަމަލާތަކާ ގުޅޭ ގޮތުން ރަޝިޔާ އިން އިއްޔެ ބުނީ، ޚެރްސޯންގެ ސަހަރުގެ ވަށައިގެންވާ ސަރަހައްދަށް އަތް ގަދަކުރުމަށް ޔޫކްރޭން ސިފައިން މިދިޔަ ދެ ދުވަހު ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބި ޔޫކްރޭން ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ.

ޔޫކްރޭންގެ ރައީސްގެ މުޝީރު އޮލެކްސީ ވިދާޅުވި ގޮތުގައި ޚެރްސޯންގެ ވަށައިގެންވާ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންނަށް އަސްކަރީ މަދަދު ފޯރުކޮށްދިނުމަށް ބޭނުންކުރަމުން އައި މަގަކަށް ޔޫކްރޭން ސިފައިން އިއްޔެ ވަނީ ބޮން އަޅައި، އަސްކަރީ މަދަދު ފޯރުވުމަށް ހުރަސްއަޅައިފަ އެވެ. އެ ގޮތުން ޑެނިޕްރޯ ކޯރުގެ އައްސޭރިފަށުގައި އޮތް މަގެއް މުޅިން ހަލާކުކޮށްލައި، ރަޝިޔާގެ އަސްކަރީ ސާމާނު އުފުލާ އުޅަނދުތަކުގެ ހަރަކާތްތައް ހުއްޓުވިއްޖެ ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.

އީރާންގައި އުފައްދާފައިވާ ޝާހިދު-129 މަރުކާގެ ޑްރޯނެއް

އީރާންގައި އުފައްދާފައިވާ ޝާހިދު-129 މަރުކާގެ ޑްރޯނެއް

އަނެއްކޮޅުން އެމެރިކާ އިން ބުނާ ގޮތުގައި ޔޫކްރޭންގެ އެތެރެ ސަރަހައްދުތަކުގައި ތިބި ޔޫކްރޭން ސިފައިންގެ މަގާމުތަކަށް ހަމަލާ ދިނުމުގައި ބޭނުންކުރުމަށް، ރަޝިޔާ އިން ވަނީ އީރާންގެ ޑްރޯން މަތިންދާބޯޓުތަކެއް ގަނެގެން ރަޝިޔާ އަށް ގެންގޮސްފަ އެވެ. އީރާންގެ ވައިގެ ސިފައިންގެ މަރުކަޒެއްގައި ހުރި ޑްރޯންތަކެއް ރަޝިޔާ އަށް ގެންދިޔައީ އަސްކަރީ މަތިންދާބޯޓެއްގައި މި މަހުގެ ކުރީކޮޅު ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

ރަޝިޔާ އަށް ގަތީ އީރާނުގައި އުފައްދާފައިވާ މުހާޖިރު-6 މަރުކާގެ ޑްރޯންތަކަކާއި، ޝާހިދު-129 މަރުކާގެ ޑްރޯންތަކަކާއި ޝާހިދު-191 މަރުކާގެ ޑްރޯންތަކެކެވެ. އެ ޑްރޯންތަކަށް އަހުލުވެރިވުމަށް ރަޝިޔާގެ ވައިގެ ސިފައިންގެ އޮފިސަރުންތަކެއް މިދިޔަ މަހުގެ ތެރޭގައި އީރާނަށް ގޮސް ތަމްރީންތަކެއް ވަނީ ފުރިހަމަކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ އަށް ގަނެގެން ގެންދިޔަ އީރާންގެ ޑްރޯންތަކަކީ، ސެޓެލައިޓުން އަމާޒު ހިފާ ބާވަތުގެ މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ އަދި ޖާސޫސީ މައުލޫމާތު އެއްކުރުމުގައި ވެސް ބޭނުންކުރެވޭ ފެންވަރަށް އުފައްދާފައިވާ ޑްރޯންތަކެކެވެ.