Roadha Mihaaru
މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ފޭކު ބޭހެއް!

މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ފޭކު ބޭހެއް ދައުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

12 ސެޕްޓެމްބަރ 2022

މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ފޭކު ބޭހެއް ރާއްޖޭގައި ދައުރުވާތީ، ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޫނުގައި ހުންނަ ރޫ ފިލުވަން ބޭނުންކުރާ ފޭކު ބޭހެއް ރާއްޖޭގައި ދައުރުވާތީ، ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސް ނުވަތަ މޫނުމަތީގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ "ޑީސްޕޯޓް"ގެ ފޭކު ބޭސްތަކެއްގެ ބެޗުތަކެއް ޔޫރަޕާއި އިރުމަތީ މެޑިޓޭރިއަންގެ ފަސް ގައުމެއްގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެލާޓް ކޮށްފައިވާ ކަމަށެވެ.

އުރުދުން އާއި ތުރުކީ އާއި ކުވެއިތާއި އިނގިރޭސި ވިލާތް އަދި ޕޮލެންޑުން އެ ފޭކް ބޭސްތަކުގެ ބެޗުތައް މި އަހަރު ފެނިފައިވާ ކަމަށް އެ އެލާޓާ ހަވާލާދީ އެމްއެފްޑީއޭ އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ އެއީ ރާއްޖެ އަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި، ޕްރީ-އޮތޮރައިޒޭޝަން ނަގައިގެން އިމްޕޯޓްކުރާ ބޭހެއް ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެ ބޭސް ޕްރީ-އޮތޮޒައިރޭޝަންގެ ދަށުން ރާއްޖެ އެތެރެކޮށްފައެއް ނުވެ އެވެ.

އެ ބޭސް ބޭނުންކޮށްގެން ދޭ ބައެއް ހިދުމަތްތަކަކީ ކޮސްމެޓިކްސް ހިދުމަތްތަކަށް ވާތީވެ، ރާއްޖެއިން ބޭރުން ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީ އަށް ބޭސް އެތެރެކޮށް ބޭނުންކުރާ ނަމަ، ސަމާލުވުމަށް އެ އިދާރާ އެދެ އެވެ.

ރައްކާތެރިކަމުުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީ އަށް ރާއްޖެ އަށް އިމްޕޯޓުކުރާ ބޭހަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި، ފާސްކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

އެ އިދާރާ އިން މިއަދު ވަނީ ސެކްޝުއަލް އެންހޭސްމެންޓް އަދި އިލެކްޓައިލް ޑިސްއިންފެކްޝަނަށް ބޭނުންކުރާ މާމުއި ރާއްޖޭގައި ވިއްކުން ވެސް މަނާކޮށްފަ އެވެ. އެ މާމުއި ބޭނުންކުރުން މަނާކުރީ އެއީ ފުރޯޑުކޮށްގެން އުފައްދައިފައިވާ އުފެއްދުންތަކެއް ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) އިން އެލާޓް ކޮށްފައި ވާތީ އެވެ.