Roadha Mihaaru

މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، އަލުން ހުއްދަ ދީފި

ރާއްޖޭގައި މަނާކުރި ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތުމުން، އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.

މަނާކުރި ސިރަޕުގައި މައްސަލައެއް ނެތް، ހުއްދަ ދީފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

29 ސެޕްޓެމްބަރ 2024

ރާއްޖޭގައި މަނާކުރި ކޮފްސީ ސިރަޕުގައި މައްސަލައެއް ނެތުމުން، އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލުން ދީފި އެވެ.

ކެއްސާތީ ކުޑަކުދިންނަށް ވެސް ދޭ އެ ބޭސް ބޭނުން ކުރުމާއި ރާއްޖޭގައި ވިއްކުމާއި އެތެރެކުރުން މަނާކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ގަ އެވެ. އޭރު އެ ބޭސް މަނާކުރީ އެ ބޭހުން ކުނޑިތަކެއް ފެނިގެން، އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކަ އެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން މާކެޓުން ލިބެންހުރި ބޭހުގެ ބެޗުތަކުގެ ސާމްޕަލް ނަގައި، އިތުރު ޓެސްޓްކޮށް ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށެވެ. އަދި އެ ބޭހުގައި މައްސަލައެއް ނެތްކަން މިހާރު ދެނެގަނެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

"އެހެންކަމުން، މިއަދުން ފެށިގެން، ކުރިއެކޭ އެއްގޮތަށް މި ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ." އެ އިއުލާނުގައިވެ އެވެ.

މީގެ ކުރިން ވެސް އެމްއެފްޑީއޭ އިން ވަނީ ބައެއް ބޭސްތައް ރާއްޖޭގައި ބޭނުންކުރުން މަނާކޮށްފަ އެވެ.