Roadha Mihaaru
ރާނީގެ ޖަނާޒާއާ ގުޅިގެން އިތުރު މެޗުތަކެއް ފަސްކޮށްފި

ރާނީގެ ޖަނާޒާއާ ގުޅިގެން ޔޫރޮޕާ ލީގާއި ޕްރިމިއާ ލީގުގެ އިތުރު މެޗުތަކެއް ފަސްކޮށްފި

13 ސެޕްޓެމްބަރ 2022

ލަންޑަން (ސެޕްޓެމްބަރު 13) - މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ޖަނާޒާއާ ގުޅިގެން، ޔުރޮޕާ ލީގުގައި ޕީއެސްވީއާ ދެކޮޅަށް އާސެނަލް ކުޅެން އޮތް މެޗާއި ޕްރިމިއާ ލީގުގެ އިތުރު މެޗުތަކެއް ފަސްކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ސެޕްޓެމްބަރު 13) - މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެ ވަނައިގެ ޖަނާޒާއާ ގުޅިގެން، ޔުރޮޕާ ލީގުގައި ޕީއެސްވީއާ ދެކޮޅަށް އާސެނަލް ކުޅެން އޮތް މެޗާއި ޕްރިމިއާ ލީގުގެ އިތުރު މެޗުތަކެއް ފަސްކޮށްފި އެވެ.

މި މެޗުތައް ފަސްކުރީ ޖަނާޒާ އޮންނަ ދުވަހާއި އޭގެ ކުރިން ލަންޑަނުގެ ސެކިއުރިޓީ ބަލަހައްޓަން ގިނަ އަދަދެއްގެ ފުލުހުން ބޭނުންވާތީ އެ މެޗުތަކަށް އެކަށީގެންވާ ސެކިއުރިޓީ ދެވެން ނެތުމުންނެވެ

ޕްރިމިއާ ލީގުން ފަސްކުރީ އަންނަ އާދިއްތަ ދުވަހު ޗެލްސީ އިން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މި ދެ މެޗުގެ އިތުރުން، ހޮނިހިރު ދުވަހުގެ ރޭ ބްރައިޓަން އިން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗު ވެސް ވަނީ ފަސްކޮށްފަ އެޗެ. ރާނީ އަވަހާރަވުމުގެ އެއް ދުވަސް ކުރިން މި މެޗު ފަސްކުރީ އެގައުމުގެ މަސައްކަތްތެރިން ކުރަން ތާވަލް ކުރި ހަޅުތާލަކާ ގުޅިގެންނެވެ. ނަމަވެސް ރާނީ އަވަހާރަވުމާ ގުޅިގެން ހަޅުތާލުތައް ވެސް ކެންސަލް ކޮށްފައި ވާކަމަށް ރިޕޯޓް ބުނެ އެވެ.

ޔޫރޮޕާ ލީގުގައި އާސެނަލް ކުޅެން އޮތް މެޗު ފަސްކުރި ނަމަވެސް، ޗެމްޕިއަންސް ލީގުގައި ޗެލްސީ، ލިވަޕޫލް އަދި މެންޗެސްޓާ ސިޓީ، މި ހަފްތާ ކުޅެން ތާވަލް ކޮށްފައިވާ މެޗުތައް ކުރިއަށް ދާނެ އެވެ. ޗެމްޕިއަންސް ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ކުޅޭ މެޗާއި، ޔޫރޮޕާ ލީގުގައި ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ކޮންފަރެންސް ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް މި ހަފްތާ ކުޅެން ތާވަލް ކުރެވިފައި ވަނީ ރަށުން ބޭރުގަ އެވެ.

ރާނީ އަވަހާރަ ވުމާ ގުޅިގެން ނިމިދިޔަ ހަފްތާ ބަންދުގައި ކުޅެން ތާވަލް ކުރެވުނު ޕްރިމިއާ ލީގުގެ ހަތް ވަނަ ހަފްތާގެ ހުރިހާ މެޗެއް ވަނީ ފަސްކޮށްފަ އެވެ. ކުރިއަށް އޮތް ހަފްތާގެ (ލީގުގެ އަށް ވަނަ ހަފްތާގެ) ތިން މެޗެއް ފަސްކުރަން ޖެހުނު ނަމަވެސް، ބާކީ ހަތް މެޗު ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ އެވެ.

"ކްލަބްތަކާއި ފުލުހުންނާއި ލޯކަލް ސޭފްޓީ އެޑްވައިޒަރީ ގުރޫޕުތަކުގެ އިތުރުން، ކަމާ ބެހޭ އެހެނިހެން ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ތިން މެޗު ފަސްކުރުން ނޫން ހައްލެއް ނުލިބުނު،" ޕްރިމިއާ ލީގުން އާއްމުކުރި ބަޔާނުގައި ވެއެވެ.

"މި ފުރުސަތުގައި އިނގިރޭސިވިލާތުގެ ފުލުހުންނާއި، ފުޓްބޯޅަ އިވެންޓުތަކުގައި ސެކިއުރިޓީ ބަލަހައްޓާ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ޕާޓްނަރުންގެ އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރަން."