Roadha Mihaaru

"މިދަނީ ލީގު ކާމިޔާބު ކުރަން"؛ ލިވަޕޫލުގެ ފޭނުން ކިޔާ މި ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ

ލިވަޕޫލްގެ ސަޕޯޓަރުން ބޭނުން ލަވައެއް ކީދާނެ ކަމަށާއި ނަމަވެސް ލީގު ލިބޭނެ ކަމަށް އަދި އޭނާ ގަބޫލު ނުކުރާ ކަމަށް ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

24 ފެބުރުއަރީ 2025

ލިވަޕޫލްގެ ސަޕޯޓަރުން ބޭނުން ލަވައެއް ކީދާނެ ކަމަށާއި ނަމަވެސް ލީގު ލިބޭނެ ކަމަށް އަދި އޭނާ ގަބޫލު ނުކުރާ ކަމަށް ކޯޗު އާން ސްލޮޓް ބުނެފި އެވެ.

މެންޗެސްޓާ ސިޓީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް 2-0 ން މޮޅުވި މެޗުގައި ލިވަޕޫލުގެ ސަޕޯޓަރުން ތިބި ފަޅިން އެއް ރާގަކަށް ދަނޑުގައި ގުގުމަމުން ދިޔައީ "އަހަރެމެން މި ދަނީ ލީގު ކާމިޔާބު ކުރަން" ގެ އަޑެވެ.

މެޗުން މޮޅުވެ ލިވަޕޫލް ވަނީ ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފަ އެވެ.

ނަމަވެސް ލީގު ލިބޭނެކަމަށް ގަބޫލު ކުރަން ސްލޮޓް ބޭނުމެއް ނުވެ އެވެ.

"ސަޕޯޓަރުން ބޭނުން ގޮތަކަށް ލަވަ ކީ ދާނެ. އެކަމަކު އަހަރެމެންނަށް އެނގޭ ކޮންމެ މޮޅަކަށްޓަކައި ކުޅެން ޖެހޭނީ ކިހާ ބުރަކޮށްކަމެއް. އެހެންވީމަ އަހަރެން ގަބޫލެއް ނުކުރަން [ޗެމްޕިއަންކަން ލިބުނު ކަމެއް]. ކޮންމެ މެޗެއްގެ ކުރިން ލީގު ތާވަލު ޖަޖް ކުރަން އެހާ އުނދަގޫ،" މެޗަށް ފަހު ސްލޮޓް ބުންޏެވެ.

"އިއްތިހާދު [ސްޓޭޑިއަމް] ގައި ސިޓީއާ ދެކޮޅަށް ކުޅެ މޮޅުވެއްޖެނަމަ އެއީ އަބަދުވެސް ބޮޑު މޮޅެއް. އެކަމަކު މީގެ ތިން ދުވަސް ކުރިން އެސްޓަން ވިލާގައި ކުޅެ އެއްވަރުވުމުން މީހުން ބުނި އަހަރެން ތިބީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށް. ދެން ތިން ދުވަސް ފަހުން (ސިޓީގެ މެޗުން) މޮޅުވީމަ އަނެއްކާވެސް (އަހަރެމެންނާ މެދު ދެކޭ ގޮތް) ބަދަލުވެގެން ދާނެ."

ޑަޗް ލީގުގެ ފައިނޫޑާ އެކު ކާމިޔާބު ހޯދި ކޯޗު ބުނީ ސީޒަންގެ މިހާހިސާބުގައި ލިވަޕޫލަށް މިހާރު ލިބިފައި އޮތް ލީޑުގައި އެހެން ލީގެއްގަނަމަ ތަށި ލިބިދާނެ ކަމަށް ގަބޫލު ކުރެވިދާނެ ކަމަށެވެ.

"އެކަމަކު މިތާންގައި [ޕްރިމިއާ ލީގުގައި] އެހެނެއް ނުވާނެ. އެފްއޭ ކަޕްގައި ވެސް ޕްލިމައުތުން ވަނީ އެކަން ދައްކާފަ،" ސްލޮޓް ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖެހީ މުހައްމަދު ސަލާހާއި ޑޮމިނިކް ސޮބޯސްލާއީ އެވެ.