Roadha Mihaaru
މަސްވެރިކަމުގައި ސަރުކާރުން ކުރަނީ ޖެއްސުން: ގާސިމް

މަސްވެރިކަމުގައި ސަރުކާރުން ކުރަނީ ޖެއްސުން: ގާސިމް

13 ސެޕްޓެމްބަރ 2022

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން ދައްކަނީ "މޮޅު ވާހަކަ" ކަމަށާއި މަސްވެރިކަން އޮބަހައްޓައި ސިޔާސީ ގޮތުން ވޯޓު ހޯދަން އުޅުމުން އެ ސިނާއަތު ތަރައްގީ ނުވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމުގެ ނަމުގައި ސަރުކާރުން ދައްކަނީ "މޮޅު ވާހަކަ" ކަމަށާއި މަސްވެރިކަން އޮބަހައްޓައި ސިޔާސީ ގޮތުން ވޯޓު ހޯދަން އުޅުމުން އެ ސިނާއަތު ތަރައްގީ ނުވާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ އެ މޭރުން ވާހަކަ ދެއްކެވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ،

ރެކޯޑް ކޮށްފައިވާ އެ ޕްރޮގްރާމުގައި ގާސިމް ވިދާޅުވީ، މަސްވެރިކަން ކުރިއަރުވަން ސަރުކާރުން މަސައްކަތް ނުކުުރާ ކަމަށެވެ.

"އޭގެ ހެއްކަކީ ބައްލަވާ، ބޮޑުކަންނެލި ބޭރުކުރުން އެއީ ސަރުކާރުން ކުރި ކަމެއް ނޫން. އަމިއްލަ ބަޔަކު ކުރީ. މިޔަރުއުރަހަ ބޭރުކުރީ ސަރުކާރަކުން ނޫން. ކަހަނބުފަތް ބޭރުކުރީ ސަރުކާރަކުން ނޫން. ސަރުކާރަކުން ނޫން ހުއިފިލަނޑާ ނަގަނީކީ. ސަރުކާރަކުން ނޫން ކަށިމިޔަރު ތެޔޮ ބޭރުކުރީކީ. މިހެން ކޮންމެ ކަމެއް ސަރުކާރުން ހުއްޓުވި. ހުއްޓުވި. ހުއްޓުވި. ހުއްޓުވި،" މަސްވެރިކަމުގެ ސިނާއަތުގައި ވެސް ވިޔަފާރި ކުރައްވާ ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް ވަން އަމިއްލަ މީސްމީހުންގެ މަސައްކަތް ސަރުކާރަށް ނުހުއްޓުވުނީ "ގޮތް ހެދެން ނެތްވަރުގެ ބޮޑެތި މީހުން" އެ ސިނާއަތަށް އިންވެސްޓް ކުރުމުން ކަމަށެވެ.

އަޅުގަނޑުމެންގެ ގައިގަ އާއި ބޮލުގައި އަޅުވާފައި އަޅުގަނޑުމެން ލައްވައި އެ އަގަށް މަސް ގަނެގެން ބޭރުކުރާއިރު، އަޅުގަނޑުމެންނަށް ވާ ގެއްލުން ފޫބައްދަން ސަރުކާރުން ވެސް އެހީތެރިވާން ޖެހޭނެ. އޭގެ ބަދަލުގައި ލޭންޑުން ޓެކްސް ވެސް ނަގަނީ. ކުލި ވެސް ބޮޑުކުރަނީ،"--- ގާސިމް

"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކު ވެސް އިންވެސްޓްކުރީ. އެކަމަކު ރައީސް މައުމޫނުގެ ސަރުކާރަށް އައިސް ފަހަތަށް އެއް ފިޔަވަޅު އަޅާފައި އެކަމަކު އެ ނޫން އެހެން ގޮތެއް ނެތީމާ އެއާއިގެން ކުރިއަށް ދިޔައީ،" ހަތަރު ރިސޯޓުގެ ވެރިޔާ ވިދާޅުވި އެވެ.

"ފަހަތަށް އެޅި ފިޔަވަޅަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރަށްރަށް އަމިއްލަ ކުރުމުގެ ފުރުސަތު އޮތް. އެގޮތަށް ހަދާފައި އަނެއްކާވެސް ނިގުޅައިގެންފައި، ދައުލަތުގެ ބާރުގެ ދަށަށް، ޕޮލިޓިކަލް އެއްޗަކަށް ހަދާފައި ކޮންމެ ފަސް އަހަރަކުން ކުލި ކަނޑައަޅާ ތަނަކަށް، ޕޮލިޓިކަލް ގޭމަކަށް ހަދައިގެން އެ ކަން ވެސް ކުރިއަށް ދިޔައީ."

ގާސިމް ވިދާޅުވީ، ރިސޯޓު ހަދަން 99 އަހަރަށް ރަށްތައް ދޫކުރަން ސަރުކާރުން ނިންމީ އެކި ފަރާތްތަކުގެ ފިއްތުންތަކާ ހެދި ކަމަށެވެ.

ސަރުކާރުން އެހީތެރިވެދީ، މަސްވެރިކަން އަލުން ފަށަން ތައްޔާރު

މަސްވެރިކަން ކުރުމަށްޓަކައި ގާސިމް ނަންގަވާފައިވާ ށ. ކީކިމިނި އާއި ގދ. ހޯޑެއްދޫ ފެކްޓަރީގެ މަސައްކަތް ނުފެށި ލަސްވާ މައްސަލައިގައި ވެސް، ސަން އައިލެންޑް ރިސޯޓުގައި ދެއްވި އިންޓަވިއުގައި ވާހަކަ ދެއްކެވި އެވެ.

މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ އެ ދެ ރަށުގެ އޮޕަރޭޝަން އަލުން ފެށޭނީ ސަރުކާރުން އެހީތެރިކަން ދީގެން ކަމަށެވެ. ސަރުކާރުގެ މަސް ފެކްޓަރީ މިފްކޯ އަށް ދޭ ފަދަ އެހީތެރިކަން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް އެހީތެރިކަން ދީގެން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ހޯޑެއްދު އާއި ކީކިމިނި [މަސްވެރިކަމުގެ މަސައްކަތް] އަޅުގަނޑުމެން މި ތިބީ ފަށަން. ސަރުކާރުން ދެއްވާ އަޅުގަނޑުމެންނަށް ލާރި. ނޫނީ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ހަމަ މިފްކޯއެކޭ އެއްގޮތަށް. ދުއިސައްތަ މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ އަޅުގަނޑުމެން [މަސްވެރިކަމަށް] ހަރަދު ކޮށްފައި ހުރި ވަރު،" ގާސިމް ވިދާޅުވި އެވެ.

"މިއީ ޖޯކެއް ނޫނޭ. ގެނައި ބޯޓުފަހަރު ވެސް ގެނައި އެއްޗެހި ވެސް ހުރިހާ ކަމަކުން ވެސް. އެކަމަކު ކިހިނެއްތޯ އަބަދު ކަނޑާ ނަންމަބަރެއްހެން މަސައްކަތް ކުރާނީ. ނުކުރެވޭނެ. އަނެއްކާ ރާއްޖޭގެ ބޭންކަކުން ލޯނެއް ދެނީކީ ނޫން. ސަރުކާރުން ލޯނެއް ދެނީކީ ނޫން. ސަރުކާރުން އެހީތެރިކަމެއް ދެނީކީ ނޫން. ސަރުކާރުން ޖެއްސުން ކުރުން ނޫން އެހެން ކަމެއް ނެތް. އެ ޖެއްސުން ކުރާ މީހެއްގެ ގޮތުގައި އަޅުގަނޑު މި ހުރީ."

ގާސިމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް އަމިއްލަ ފަރާތްތަކަށް ވަކި މުއްދަތަކަށް ރަށްތައް ދޫކޮށް، މަސްވެރިކަން ކުރިއަރުވަނީ ކަމަށް ބުނެ ސަރުކާރުން ފަތުރަނީ ޕްރޮޕެެގެންޑާ ކަމަށެވެ. އޭނާ އެކަން ސިފަކުރެއްވީ "ބޮޑު ޖޯކެއް" ގެ ގޮތުގަ އެވެ.

"ހަމަ ރައްޔިތުންނަށް އޮޅުވައިލުމާއި ގަން ހިންގުން ނޫން އެހެން އެއްވެސް ކަމެއް ނޫން މި ސަރުކާރުތަކުން މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ހޯޑެއްދު އާއި ކީކިމިނި [މަސްވެރިކަމުގެ މަސައްކަތް] އަޅުގަނޑުމެން މި ތިބީ ފަށަން. ސަރުކާރުން ދެއްވާ އަޅުގަނޑުމެންނަށް ލާރި. ނޫނީ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ހަމަ މިފްކޯއެކޭ އެއްގޮތަށް. ދުއިސައްތަ މިލިއަން ޑޮލަރަށް ވުރެ ގިނަވާނެ އަޅުގަނޑުމެން [މަސްވެރިކަމަށް] ހަރަދު ކޮށްފައި ހުރި ވަރު،"--- ގާސިމް

ގާސިމް ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހު ދައުރުގައި ޒޯނުތަކަކަށް ބަހާލައިގެން އަދި އެކްސްކްލޫސިވިޓީ ދީގެން މަސްވެރިކަން ތަރައްގީ ކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު، ފަހުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން، ޖެހުނު ސިޔާސީ މައްސަލަތަކާ ގުޅިގެން "އަޅުގަނޑު ބޭރުކޮށްލާފައި" މަހުގެ އަގު މަތިކުރީ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެ ޖެއްސި ގޮތަށް ހަމަ އަގު ދެނީއޭ ކިޔައިގެން މުޅި ދައުލަތް ބަނގުރޫޓުވާ ވަރުގެ ބޮޑު އަގުގައި މަސް ގަންނަމުން އެ ދަނީ ޕޮލިޓިކަލް ރީޒަނަށްޓަކައި،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވިގޮތުގައި، މިފްކޯއެކޭ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަން ތިބި އަމިއްލަ ފަރާތްތަކަށް ވެސް "އިހުސާންތެރިކަމާ އެކު" ސަރުކާރުން ބަލަން ޖެހޭނެ އެވެ.

"އަޅުގަނޑުމެންގެ ގައިގަ އާއި ބޮލުގައި އަޅުވާފައި އަޅުގަނޑުމެން ލައްވައި އެ އަގަށް މަސް ގަނެގެން ބޭރުކުރާއިރު، އަޅުގަނޑުމެންނަށް ވާ ގެއްލުން ފޫބައްދަން ސަރުކާރުން ވެސް އެހީތެރިވާން ޖެހޭނެ. އޭގެ ބަދަލުގައި ލޭންޑުން ޓެކްސް ވެސް ނަގަނީ. ކުލި ވެސް ބޮޑުކުރަނީ. ދިން އަގަށް ވުރެ ޑަބަލް، ތިން ގުނަ ބޮޑުކޮށް ކުލި ވެސް ނަގަނީ. އެއްވެސް ކަހަލަ އެހީތެރިކަމެއް ވެދެނީކީ ނޫން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ހޯޑެއްދޫގެ މަސް ފެކްޓަރީ ތަރައްގީ ކުރަމުން އަންނަނިކޮށް، ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު ބަޔަކު ނުކުމެ އެ ތަނުގައި ހުޅުޖެހުމުން 16 މިލިއަން ޑޮލަރުގެ ތަކެތި އަނދައިގެން ދިޔައީ ކަމަށެވެ.

"ލޯނެއް ނުލިބޭ ދާއިރާއަކަށް، އަޅުގަނޑުމެން ވެސް މަސައްކަތް ކޮށްގެން ލާރިއެއް ލިބުނީމާ ދެއްތޯ އެ ކަން [ހޯޑެއްދޫ އޮޕަރޭޝަން ގެނައުން] ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ގާސިމްގެ އަނެއް ކަންބޮޑުވުމަކީ މި ސަރުކާރު ވެރިކަމަށް އައިސް ގޭދޮށު ފެކްޓަރީގެ ނަމުގައި މަސްވެރިކަން ކުރިއެރުވުމުގެ އާ ހުއްދައެއް ދޭން ފެށުމެވެ. އޭގެ ނަތީޖާއަކީ މަސްވެރިކަމުގެ ސިނާއަތުގައި މިހާތަނަށް މަސައްކަތްކުރި ގާސިމްމެން ފަދަ ބޭފުޅުންނަށް ސަރުކާރުން ދިން އެކްސްކްލޫސިވިޓީ އުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ އުވާލީ ގަދަބާރު ދައްކާފައި. ގާނޫނެއް، ގަވައިދެއް، ހެދިފައި އޮތް އެއްބަސްވުމަކަށް ނުބަލައި ހަމަ ދިޔަ ގޮތަށް ގޮސް ތަމާމު ކޮށްލީ. މިއީ އިންސާނުން ކަންކަން ކުރާ ގޮތެއް ނޫން،" ގާސިމް ވިދާޅުވި އެވެ.