Roadha Mihaaru

މިނިސްޓަރު ޝިޔާމާ އެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޔޫނިއަން

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހިއްސާ ކުރުމުގެ ބައްދަލުވުން މިއަދުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ނިންމާލިއިރު ވަރަށް ކާމިޔާބު ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

ބައްދަލުވުން ވަރަށް ކާމިޔާބު: ޔޫނިއަން

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ ހިއްސާ ކުރުމުގެ ބައްދަލުވުން މިއަދުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ނިންމާލިއިރު ވަރަށް ކާމިޔާބު ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

ހެނދުނު 11 ޖެހިއިރު ފިޝަރީޒް މިނިސްޓްރީގައި ފެށި ބައްދަލުވުން މެންދުރު 1:45 ގައި ލަންޗު ބްރޭކަކަށް މެދުކަނޑާލުމަށް ފަހު އަނެއްކާވެސް ތިނެއް ޖަހަން އުޅެނިކޮށް ފެށި އެވެ. އެކަމަކު، ގަޑިއެއްހާއިރު ފަހުން ބައްދަލުވުން ނިންމާލި އެވެ.

އެ ބައްދަލުވުމަށް ފަހު އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ، މެންދުރު އަލުން ފެށި ބައްދަލުވުން ނިންމާލީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަަވަސް ހައްލެއް ހޯދަން މިނިސްޓަރު ޝިޔާމް "ކުއްލި ބައްދަލުވުމެއް" ބޭއްވުމަށް ވަޑައިގަންނަވާތީ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި މަސްވެރިންގެ މަސައްކަތާ އެކު، މިނިސްޓަރާ އެކު މިއަދު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ  މީހުން ވެލާނާ ބިލްޑިންގުން ނުކުންނަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފިޝަރީޒް މިނިސްޓަރު ޝިޔާމާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މީހުން ވެލާނާ ބިލްޑިންގުން ނުކުންނަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން ހުށަހެޅި ކަންތައްތަކުގެ ތެރެއިން މިވަގުން މިވަގުތަށް ހައްލު ކުރެވެން ހުރި ކަންތައްތަކާއި އަދި ކުރިއަށް އޮތް ތާނގައި ހައްލު ކުރަން ހުރި ކަންތައްތަކާއި އެބަހުރި ވަރަށް ބައިވަރު ކަންތައްތައް. އެހެންވީމާ އެ ހުރިހާ ކަންތައްތަކަކަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް މި އުންމީދު ކުރަނީ،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން މަސްވެރިން އުފާވާ ކަހަލަ ޖަވާބުތަކެއް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް."

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ، މިފްކޯ އަށް ބޮޑުކަންނެލި ކިރުމާ ގުޅޭ ގޮތުން ވެސް "ވަރަށް ޕޮޒިޓިވް ޖަވާބެއް" ލިބިއްޖެ ކަމަށެވެ. އެހެންވެ، މި ވަގުތު ކުރިއެރުމެއް ލިބިފައިވުމާ އެކު ތިބީ މަޝްވަރާގައި ކަމަށް ޔޫނިއަނުން ބުންޏެވެ.

މިނިސްޓަރާ ހަވާލާދީ، ޔޫނިއަނުން ބުނީ، ބޮޑުކަންނެލި ގަތުމަށްޓަކައި ކަންޑުއޮތްގިރި ވެސް ވީހާ އަވަހަކަށް އޮޕަރޭޝަނަށް މަސައްކަތްކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި "ކޮންމެވެސް ކަހަލަ ސިގްނަލެއް" ދެއްވާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވި ކަމަށް މަސްވެރިންގެ ޔޫނިއަނުން ބުންޏެވެ.

ފިޝަރީޒް މިނިސްޓަރު ޝިޔާމާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުން ވެލާނާ ބިލްޑިންގެ ބޭރުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފިޝަރީޒް މިނިސްޓަރު ޝިޔާމާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުން ވެލާނާ ބިލްޑިންގެ ބޭރުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިމްރާން ވިދާޅުވި ގޮތުގައި މަސްވެރިން ބޭނުންވި ހުރިހާ ކަމެއް މިނިސްޓަރު ޝިޔާމަށް ހުށަޅަން ފުރުސަތު ލިބުނެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވަރަށް ދިގުކޮށް މަޝްވަރާކުރި ކަމަށް ވިދާޅުވި އެވެ.

"ހަމަ ވަރަށް އޯޕަންކޮށް ވަރަށް ރަނގަޅު މާހައުލެއްގައި އެ ވާހަކަތައް ދެއްކެވިގެން މިދިޔައީ. އަޅުގަނޑުމެން ހިންގާ ކޮމިޓީގެ މެމްބަރުންގެ އިތުރުން އިސްކޮށް މިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންތަކާ އެކު މި ބައްދަލުވުން ކުރިއަށް ދިޔައީ. އެހެންވީމާ އެ ބޭފުޅުން ވެސް މަސްވެރިކަމުގައި ނުކުމެ އުޅޭ ކަންތައްތަކާއި މި ހުރިހާ ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެންދިޔަ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް ތިބީ އިހުތިޖާޖުގައި ކަމަށާއި އިހުތިޖާޖު ހުއްޓާލާނީ، މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލޭގެ ރަސްމީފާލަމާ ދިމާލުން ބޭރުގައި ކުރި އިހުތިޖާޖު ރޫޅާލުމުގެ ތެރޭގައި ފުލުހުން ހައްޔަރުކުރި ދެ ކެޔޮޅުން ދޫކޮށްލުމުން ކަަމަށެވެ.

ޔޫނިއަނުން ބުނީ، ސަރުކާރާ އެކު މިހާރު ފަށާފައިވާ މަޝްވަރާތަކަށް ވެސް ފަސޭހަވާނީ އެއިރަށް ކަމަށް މިނިސްޓަރު ޝިޔާމަށް ދެންނެވި ކަމަށެވެ.

މާލޭގެ ރަސްމީފާލަމާ ދިމާލުން ބޭރުގައި ކުރި އިހުތިޖާޖު ރޫޅާލުމުގައި ހައްޔަރުކުރި ދެ ކެޔޮޅުން ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އޮތީ މިދިޔަ ހުކުރު ދުވަހު އަމުރުކޮށްފަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށެވެ.

އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި ބޮޑުކަންނެލި "ޕްރޮސެސް" ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމަކީ މިހާރު ފަށައިގެން އުޅޭ މަސައްކަތްތަކެވެ.

"މިކަންކަން ކުރިއަށް ދާނެ. އޭގެ އިތުރަށް ވެސް އަޅުގަނޑުމެން ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް މި ކުރަނީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ގާއިމް ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.