Roadha Mihaaru
"ހޯނޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް ފައިދާއެއް ނުވާނެ"

ހޯނޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް ފައިދާއެއް ނުވާނެ: ޑރ. ހުސެއިން

22 އޯގަސްޓް 2022

ގދ. ހޯނޑެއްދޫގެ މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނަޔަސް ސަރުކާރުން މަސް ގަންނަ އަގުތަކާ ވާދަނުކުރެވޭނެ ކަމަށާއި އެ ތަން ހަވާލު ކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ފައިދާ ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގދ. ހޯނޑެއްދޫގެ މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނަޔަސް ސަރުކާރުން މަސް ގަންނަ އަގުތަކާ ވާދަނުކުރެވޭނެ ކަމަށާއި އެ ތަން ހަވާލު ކޮށްފައިވާ ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ފައިދާ ނުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން 2005 ވަނަ އަހަރު ހޯނޑެއްދޫގައި ހަދަން ފެށި މަސް ފެކްޓަރީއާ ގުޅޭ ގޮތުން މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

ހޯނޑެއްދޫ ފެކްޓަރީ އޮޕަރޭޝަނަށް ނުގެނެވެނީ ކީއްވެތޯ ސުވާލު ކުރުމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޑރ. ހުސައިން ވިދާޅުވީ އެ ކަން ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ގިނަ ވެގެން ހަރަދު ކުރަން ޖެހެނީ 5-6 މިލިއަން ޑޮލަރު ކަމަށެވެ.

ނަމަވެސް އެ ކުންފުންޏަށް ފައިދާ ނުވާ ވިޔަފާރިއެއް އެ މީހުން ލައްވައި ކުރުވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެ ކުންފުނީގެ މީހުންނާ ވާހަކަ ދެއްކީމާ އެ ބޭފުޅުން ވިދާޅުވަނީ 5-6 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތިމަންނަމެން އެ ތަނުގެ މަސައްކަތް ނިންމި ނަމަވެސް މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލް ކަމަކަށް ނުވެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް އެންމެ ދަށްކޮށް މަސް ގަނެވޭނެ ފްލޯ ޕްރައިސްއަކީ 13ރ. އެވެ. ނަމަވެސް ސަރުކާރު ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން 17ރ. އަށް މަސް ގަނެ އެވެ.

"ހޯނޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް 17ރ. އަށް މަސް ގަނެގެން އޭގެން ފައިދާ ވާނެ ކަމަށް އެ ކުންފުންޏަށް ނުފެންނާތީ އަދި ކޮމްޕެޓިޝަންގައި ބައިވެރިވިޔަސް އެ މީހުންނަށް އެކަށީގެންވާ މަހެއް ނުލިބޭނެ ދެއްތޯ 13ރ. އަށް 17ރ. އަށް ލިބެންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯނޑެއްދޫގައި ކޯލްޑް ސްޓޯރޭޖް ހަދައި މަސައްކަތް ފެއްޓިތާ 16 އަހަރު ވެއްޖެ އެވެ. ނަމަވެސް އެ ތަން އޮޕަރެޝަނަށް ނުގެނެވި އޮތުމުން ގދ. އަތޮޅު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެއްބަސްވުން ބާތިލު ކުރުމަށް ގޮވާލައިފަ އެވެ.