Roadha Mihaaru
ހޯޑެއްދޫން ދިން ބިމުން ލިބެނީ އަކަފޫޓަކަށް 15 ލާރި

ހޯޑެއްދޫން ހޮރައިޒަން އަށް ދިން ބިމުން ލިބެނީ އަކަފޫޓަކަށް 15 ލާރި: މެންބަރު

10 ފެބުރުއަރީ 2020

މަސް ފެކްޓްރީއެއް ހަދަން ހޮރައިޒަން ފިޝަރީޒަށް ގދ.ހޯޑެއްދޫން ދޫކޮށްފައިވާ ބިމުން ލިބެނީ އަކަފޫޓަކަށް 15 ލާރި ކަމަށާއި އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކަންބޮޑުވުން ފާޅުކުރައްްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަސް ފެކްޓްރީއެއް ހަދަން ހޮރައިޒަން ފިޝަރީޒަށް ގދ.ހޯޑެއްދޫން ދޫކޮށްފައިވާ ބިމުން ލިބެނީ އަކަފޫޓަކަށް 15 ލާރި ކަމަށާއި އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކަންބޮޑުވުން ފާޅުކުރައްްވައިފި އެވެ.

ހޮރައިޒަން އަށް ހޯޑެއްްދޫން ދޫކޮށްފައިވާ ބިމުން ކުލީގެ ގޮތުގައި ލިބޭ އަދަދު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ފިރުޝާން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބު ގައެވެ.

މެމްބަރު ފިރުޝާން އަކީ ހޯޑެއްދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ.

މިނިސްޓަރު ޒަހާއާ ފިރުޝާން ސުވާލުކުރެއްވީ ހޯޑެއްދޫން ހޮރައިޒަން ފިޝަރީޒަށް ބިން ދޫކުރި އެއްބަސްވުމާ، އެ ކުންފުނިން ހިލާފުވެފައި ވޭތޯ ބެލުމަށެވެ. އެ ބިމުގެ އަގާ މެދު ސުވާލުކުރެއްވީ އެ ސުވާލާ ގުޅުން ހުރި ސުވާލުތައް ކުރުމަށް މަޖިލީހުގެ ރިޔާސަަތުން ދިން ފުރުސަތުގަ އެވެ. ބިމުގެ ކުއްޔަކީ ކިހާވަރެއްތޯ އެއްސެވުމުގެ އިތުރަށް، ގަވައިދުން ކުލި ދައްކާތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.

"ބިމުގެ ކުއްޔަކީ 15 ލާރި އަކަފޫޓަކަށް، ދެން މި ކުލި ގަވައިދުން ސަރުކާރަށް ދައްކަވަމުން ވަޑައިގަންނަވަނީ،" ޒަހާ ވިދާޅުވި އެވެ.

ޖަލްސާއަށް ފަހު ފިރުޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކަފޫޓަކަށް 15 ލާރި އަކީ ހޯޑެއްދޫ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށެވެ. ބިމު ކުލީގެ 100 ޕަސެންޓް ރަށު ކައުންސިލަށް ލިބެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހޯޑެއްދޫ ބިމުން ހޮރައިޒަން ފިޝަރީޒަށް ދޫކޮށްފައިވާ 13 ހެކްޓަރަށް ވުރެ ބޮޑު ބިމުގެ އަގަކީ އަކަފޫޓަކަށް 15 ލާރި ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވި. އެއީ ހޯޑެއްދޫ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން،" ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.

ފިރުޝާންގެ ޓްވީޓް

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒަށް ހޯޑެއްދޫ އިން ބިމެއް ދޫކޮށްފައިވާތާ މިހާރު 14 އަހަރު ވެފައިވާ ކަމަށް މަޖިލީހުގައި ޒަހާ އާ ކުރެއްވި ސުވާލުގައި މެމްބަރު ފިރުޝާން ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ، އެ ބިމުގައި މަސައްކަތް ފެށުމަށް ހޮރައިޒަންއާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރި ކަމަށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހުނުކަން މިނިސްޓަރުގެ ވާހަކަ އިން ދޭހަވެ އެވެ.

"މިކަމުގައި އިކޮނޮމިކް ކައުންސިލުން ލަފާ ދެއްވާފައި ވަނީ މަސް ގަތުމުގައި ސަރުކާރާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ދީފައިވާ އެކްސްކްލޫސިވިޓީ އުވައިލުމަށް ކުންފުނިތަކާ މަޝްވަރާ ކުރުމަށާއި މަޝްވަރާ އިން ކުރިއެެރުމެއް ނުލިބިއްޖެ ނަމަ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް،" ޒަހާ ވިދާޅުވި އެވެ.