Roadha Mihaaru
ސިޔާސަތު ހަދާއިރު ކުދިންގެ މަޝްވަރާ ހޯދަންޖެހޭ: ރައީސް

ސިޔާސަތުތައް ކަނޑައެޅުމުގައި ކުޑަކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުން މުހިންމު: ރައީސް

14 ސެޕްޓެމްބަރ 2022

ކުޑަކުދިންނާ ގުޅޭ ކަންްކަމުގައި ސަރުކާރުން ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ކުޑަކުދިންނާ ގުޅޭ ކަންްކަމުގައި ސަރުކާރުން ސިޔާސަތުތައް އެކަށައަޅާއިރު، ކުޑަކުދިންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރު ކޮށްދިނުމުގައި ސަރުކާރުން ކަންކަން ކުރަނީ ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީގައި ކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމާ ގުޅޭ ގޮތުން ގައުމީ ސިޔާސަތުތައް އެކަށައަޅާއިރު ސަމާލުކަން ދޭން ޖެހެނީ ކުޑަކުދިންނަށް އެންމެ މަސްލަހަތު ހުރި ގޮތްތަކަށް އިސްކަން ދޭން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ވެސް ދަރިވަރުންގެ މަޝްވަރާ އާއި ހިޔާލު ހޯދަ އެވެ.

"މި ނޫން ދާއިރާތަކުގައި ވެސް ސިޔާސަތުތައް އެކުލަވައިލުމުގައި ކުޑަކުދިން ބައިވެރިކޮށް އެ ކުދިންގެ ހިޔާލާއި މަޝްވަރާ ހޯދއިގެން ކުރިއަށް ދިއުމުން ހާސިލުކުރެވޭނެ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކިތަންމެ ގާނޫނުތަކެއް ހަދައި ގަވާއިދުތައް ހަރުކަށި ވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް، ނަތީޖާ ނެރެވޭނީ މުޅި ދައުލަތް އެކުގައި މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ ނުރައްކަލުން ކުދިން ސަލާމަތް ކުރުމަކީ މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން، އިތުރު އެތައް ކުށްތަކަކަށް އެ ކުދިން ހުށަހެޅިގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނިއުމާތު ޝަފީގާ އެކު. -- ފޮޓޯ | ރައީސް އޮފީސް

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނިއުމާތު ޝަފީގާ އެކު. -- ފޮޓޯ | ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ތަފާތު އަނިޔާތަކުގެ ޝިކާރައަކަށްވާ ކުދިން އުޅޭ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ. އަދި ނަފްސާނީ އަނިޔާ ތަހައްމަލުކުރާ ކުދިން ވެސް މުޖުތަމައުގައި އެބަތިބި ކަމަށާއި އެފަދަ އަނިޔާތަކުން ކުދިން ރައްކާތެރި ކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"ދިރިހުރުމުގެ ހައްގާއެކު ކުޑަކުއްޖަކަށް ލިބެން ޖެހޭ އެންމެ މުހިންމު އެއް ހައްގަކީ މައިންބަފައިންގެ ލޯތްބާއި އަޅާލުމާ އެކު ހެދި ބޮޑުވުމުގެ ފުުރުސަތު ފަހިވުން. އެ ކުދިންގެ ދިރިއުޅުން ސީދާވުމާއި ނުވުން ބިނާވެފައި އޮންނަނީ އެކަމުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ އުމުރުފުރާގެ މަދު ކުދިންކޮޅެއް ނަމަވެސް އެ ލޯބިން މަހުރޫމްވެ ދައުލަތުގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ އެ ކަމަށް އޮތް ހައްލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.