Roadha Mihaaru
ވިނަރެސް ފްލެޓަށް ކުރިމަތިލެވޭނީ މާދަމާގެ ނިޔަލަށް

ވިނަރެސް ފްލެޓަށް ކުރިމަތިލެވޭނީ މާދަމާގެ ނިޔަލަށް

14 ސެޕްޓެމްބަރ 2022

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ވިނަރެސް މަޝްރޫއުން ފްލެޓް ގަތުމަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލީ 17 ޖުލައިން ފެށިގެން ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.

އެ ފްލެޓަށް ކުރިމަތިލެވޭނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ.

ވިނަރެސް ފްލެޓަށް ޕޮއިންޓްދޭ އުސޫލު:

- މައި އެޕްލިކެންޓް އަދި ކޯ އެޕްލިކެންޓްގެ ނަމުގައި މާލޭ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބޯހިޔާވަހިކަމެއް ނެތް ނަމަ 25 ޕޮއިންޓް

- އެންމެ ދަރިއަކު ހުރި ނަމަ، 12 ޕޮއިންޓް އަދި ހަތް ދަރިން ނުވަތަ އެއަށް ވުރެ ގިނަ ނަމަ 25 ޕޮއިންޓް

- ދިރިއުޅުމުގެ ހާލަތު - 5 ޕޮއިންޓާއި 25 ޕޮއިންޓާ ދެމެދު

- ބަދިގެއާއި ލިވިން އޭރިއާ 180 ފޫޓަށް ވުރެ ބޮޑު ނަމަ ޕޮއިންޓް ނުލިބޭނެ އަދި ކެއުމާއި ނިދުން އެއް ކޮޓަރީގައި ނަމަ 12 ޕޮއިންޓް (ބަދިގެ އާއި ލިވިން އޭރިއާ 180 ފޫޓަށް ވުރެ ކުޑަ ނަމަ، 0-12 ދެމެދުން ޕޮއިންޓް ދޭނެ)

- ފާހާނާގެ އަދަދާއި ބޭނުންކުރާ މީހުންގެ އަދަދުން 0-13 ޕޮއިންޓް ލިބޭނެ

- މައި އެޕްލިކެންޓް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލަމުންދާ ނަމަ، 10 ޕޮއިންޓް ލިބޭނެ

އެޗްޑީސީން ނެރެފައިވާ އުސޫލުގައިވާ ގޮތުން ފްލެޓަށް އެދި ހުށަހެޅުމުގެ ކުރިން މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ހައުސިން ޔުނިޓެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ފްލެޓަށް އެދޭ ފަރާތަށް މަހަށް ޖެހޭ އާމްދަނީ 61،000ރ. އަށް ވުރެ އިތުރު ނަމަ، މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. ކޮންމެ ޓަވަރެއްގައި ހަތަރު ލިފްޓް އަދި ޕާކިން އޭރިއަކާއި ފިހާރަތަކާއި ޖިމާއި ކުނި އުކުމަށް ގާބޭޖް ޝޫޓެއް ވެސް ހުންނާނެ އެވެ.