Roadha Mihaaru
ރަސްމީ ޖަނާޒާ އަށް ފަހު ރާނީ ފަސްދާނު ލައިފި

ރަސްމީ ޖަނާޒާ އަށް ފަހު ރާނީ ފަސްދާނު ލައިފި

20 ސެޕްޓެމްބަރ 2022

މި މަހުގެ 8 ވަނަ ދުވަހު އަވަހާރަވި، އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ، އަސްކަރީ ހިނގާލުމަކާ އެކު ރަސްމީ އިއްޒަތުގައި ބޭއްވުމަށް ފަހު، ލަންޑަންގެ ވިންޑްސާ ފައްޅީގައި އިއްޔެ އެކަމަނާ ފަސްދާނު ލައިފި އެވެ.

މި މަހުގެ 8 ވަނަ ދުވަހު އަވަހާރަވި، އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ، އަސްކަރީ ހިނގާލުމަކާ އެކު ރަސްމީ އިއްޒަތުގައި ބޭއްވުމަށް ފަހު، ލަންޑަންގެ ވިންޑްސާ ފައްޅީގައި އިއްޔެ އެކަމަނާ ފަސްދާނު ލައިފި އެވެ.

އިނގިރޭސި ވިލާތުގެ ސަގާފީ އާދަކާދަތަކާއީ ޝާހީ ހަމަތަކުގެ އިތުރުން، ކްރިސްޓިއަން ދީނުގެ ހަރަކާތްތައް ހިމެނޭ ގޮތަށް ބޭއްވި، ރާނީގެ ޖަނާޒާގައި، އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް އާއި ވަލީ އަހުދު އަމީރު ވިލިއަމް ގެ އިތުރުނ އިނގިރޭސި ސަރުކާރުގެ ވެރިންނާއި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންނާއި، ޝާހީ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ގައުމުތަކުގެ ރަސްރަސްކަލުންނާއި ރާނީންނާއި ރައީސުންނާއި ބޮޑުވަޒީރުންގެ އިތުރުން އަމީރުންނާއި އަމީރާއިން ބައިވެރިވެވަޑައިގަތެވެ.

ސެޕްޓެމްބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި، އެ ގައުމުގެ މިހާރުގެ ރަސްގެފާނު ޗާލްސް ތިނެއް ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި، އެ ގައުމުގެ މިހާރުގެ ރަސްގެފާނު ޗާލްސް ތިނެއް ބައިވެރިވެވަޑައިގަންނަވަނީ. --އޭއެފްޕީ

ގައުމީ ހިތާމަ ފާޅުކުރުމުގެ 10 ދުވަހަށް ފަހު ރާނީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުނީ، ލަންޑަން ގަޑިން އިއްޔެ ހެނދުނު 11:00 ގަ އެވެ. އެކަމަނާގެ ހަށިކޮޅު ވެސްޓްމިންސްޓާ ހޯލުން ނެރެގެން އެންމެ ފުރަތަމަ ގެންދިޔައީ ޝާހީ ފައްޅި، ވެސްޓްމިންސްޓާ އާބީ އަށެވެ. އިނގިރޭސި ރަހުންނާއި ރަނިން، ރަސްމީ ގޮތުން ތަޚުތަށް އިސްކުރުން އޮންނަ މި ފައްޅިއަށް ރާނީގެ ހަށިކޮޅު ގެންދިއުމަށް ފަހު، ރާނީގެ މައްޗަށް ހެޔޮދުއާ ކުރުން ފައްޅީގައި އޮތެވެ.

ޖަނާޒާގެ ހުރިހާ ވަގުތެއްގައި ވެސް އެންމެ ކުރީގައި ހުންނެވީ ރަސްގެފާނު ޗާލްސް އެވެ. އޭނާގެ އަރިހުގައި ރާނީގެ އަނެއް ތިން ބޭފުޅުން ކަމަށްވާ، އަމީރާ އޭން އާއި އަމީރު އެޑްވަޑް އަދި އަމީރު އެންޑްރޫ ތިއްބެވި އެވެ. އެ ބޭފުޅުންގެ ފަހަތްޕުޅުގައި، ރަސްގެފާނު ޗާލްސްގެ ދޮށީ ދަރިކަލުން އަދި ވަލީ އަހުދު ވިލިއަމް އާއި ހަގު ދަރިކަލުން އަމީރް ހެރީ އާއި ޝާހީ އެހެން ބޭފުޅުންނެވެ.

ވެސްޓްމިންސްޓާ ފައްޅިން ރާނީގެ ހަށިކޮޅު ނެރުމަށް ފަހު، 10 މޭލު ދުރުގައި ހުންނަ ވިންޑްސާ ކިއްލާ އަށް ރާނީގެ ހަށިކޮޅު ގެންދިޔައިރު، އެތައް ހާސް ބަޔަކު މަގުގެ ދެފަރާތުގައި ތިބެގެން، އެކަމަނާ އަށް އަލްވަދާއު ކިޔައި ސަންދޯއްޕުޅު މައްޗަށް މާތައް އުކަމުން ދިޔަ އެވެ. ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގައި، ރާނީ އަށް ހެޔޮ ދުއާ ކުރުމަށް ފަހު، އެކަމަނާގެ ރަނިކަމުގެ ރަމްޒުތައް، އެކަމަނާގެ ސަންދޯކުގެ މަތިން ނަގައި، ފައްޅީގެ އިސް ފާދިރީއާ ހަވާލުކުރި އެވެ.

ރަނިކަމުގެ ރަމްޒުތަކުގެ ތެރޭގައި ހިމެނެނީ އެކަމަނާގެ ތާޖާއި ޝާހީ އަސާކޮޅާއި ޝާހީ ގްލޯބް އެވެ. ތަފާތު އަލިމަހާއި ޖަވާހިރު ހިމަނައިގެން ހަދާފައިވާ ތާޖުގެ މަތީގައި ސޮލީބެއް ހަރުކޮށްފައި ހުރެ އެވެ. ޝާހީ އަސާކޮޅުގެ ކުރީގައި ވެސް ސޮލީބެއް ހުރެ އެވެ. ވައް ބޯޅައެއްގެ ބައްޓަމަށް ރަނުން ހަދާފައި ހުންނަ ޝާހީ ގްލޯބްގެ މަތީގައި ވެސް ސޮލީބެއް ހުރެ އެވެ.

ސެޕްޓެމްބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ، ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގައި ކުރިއަށް ދަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 19، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާ، ވިންޑްސާ ކިއްލާގެ ގޯތިތެރޭގައި ހުންނަ، ރަސްގެފާނު ޖޯޖް ހައެއްގެ ހަނދާނީ ފައްޅީގައި ކުރިއަށް ދަނީ. --އޭއެފްޕީ

އިނގިރޭސި ޝާހީ އާދަކާދައިގެ މަތިން ތާޖު ރަމްޒުކޮށްދެނީ ރަސްގެފާނު ނުވަތަ ރާނީގެ ހައިބަތާއި މަގާމެވެ. ޝާހީ އަސާކޮޅު ރަމްޒުކޮށްދެނީ ރަސްގެފާނު ނުވަތަ ރާނީގެ ބާރާއި އަދުލުވެރިކަމެވެ. މަތީގައި ސޮލީބެއް ހަރުކޮށްފައިވާ ޝާހީ ގްލޯބުން މާނަކޮށްދީ އަދި ހަނދާންކޮށްދެނީ، ރަސްކަން ނުވަތަ ރަނިކަމުގެ ހުރިހާ ބާރުތަކެއް އެ ބޭފުޅަކަށް ލިބިފައިވަނީ، ކަލާނގެ ހަޒްރަތުން ކަމެވެ.

ރަސްކަމުގެ ނުވަތަ ރަނިކަމުގެ ތަޚުތުގައި ރަސްމީކޮށް އެބޭފުޅަކު ވަޑުވާ ދުވަހު، އެތަކެތި އެ ބޭފުޅަކާ ހަވާލުކުރާނެ އެވެ. އަދި އެ ބޭފުޅަކު އަވަހާރަވުމާއެކު، އެ ބޭފުޅެއްގެ ސަންދޯއްޕުޅުގެ މަތީގައި އެތަކެތި ބަހައްޓައި ފަސްދާނުލުމާ ހަމައަށް އެ ތަކެތި ހުންނާނީ ސަންދޯއްޕުޅުގެ މަތީގަ އެވެ. ފަސްދާނުލާންވުމުން އެ ތަކެތި ސަންދޯއްޕުޅުގެ މަތިން ނަގައި، ފައްޅީގެ އިސް ފާދިރީއާ ހަވާލުކުރާނެ އެވެ.