Roadha Mihaaru
ރާނީ ފަސްދާނުލުން މި މަހު 19 ގައި

ރާނީ ފަސްދާނުލުން މި މަހު 19 ގައި

11 ސެޕްޓެމްބަރ 2022

މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި، އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2ގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާއެކު ފަސްދާނުލުން އޮންނާނީ، މި މަހުގެ 19 ވަނަ ދުވަހު އެ ގައުމުގެ ވެރިރަށް ލަންޑަންގައި ކަމަށް، އިނގިރޭސި ޝާހީ ގަނޑުވަރުން އިއްޔެ އިއުލާންކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި، އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2ގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމާއެކު ފަސްދާނުލުން އޮންނާނީ، މި މަހުގެ 19 ވަނަ ދުވަހު އެ ގައުމުގެ ވެރިރަށް ލަންޑަންގައި ކަމަށް، އިނގިރޭސި ޝާހީ ގަނޑުވަރުން އިއްޔެ އިއުލާންކޮށްފި އެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާގެ ހަރަކާތްތައް މިއަދު ފެށިގެން ދާއިރު، އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ އެކަމަނާގެ ހަށިކޮޅު، ސްކޮޓްލަންޑްގެ ބަލްމޯރަލް ކިއްލާ އިން ވެރިރަށް އެޑިންބަރާ އަށް ގެންދިއުމަށް އެއްގަމު މަގުން ކުރާ ދަތުރެވެ. ސްކޮޓްލޭންޑް ގަޑިން މިއަދު ހެނދުނު 10:00ގައި ފަށާ މިދަތުރުގެ 175 މޭލު ކަޑައްތުކުރުމަށް ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަވާނެ އެވެ.

އެކަމަނާގެ ހަށިކޮޅު މިހާރު އޮތީ އެކަމަނާ އަވަހާރަވި އިރު އޮންނެވި، ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގަ އެވެ. އެ ކިއްލާ އިން އެކަމަނާގެ ހަށިކޮޅު ސަންދޯކުގައި އެޑިންބަރާ އަށް ގެންދާއިރު، އެކަމަނާ އަށް އަލްވަދާއު ކިޔުމަށް އާންމު ރައްޔިތުން މަގުތަކަށް ނުކުމެ ތިބޭނެ އެވެ. ރާނީގެ ހަށިކޮޅު އެޑިންބަރާ އަށް ގެންދިއުމަށް ފަހު، މާދަމާ ހެނދުނާ ހަމަށް، ހަށިކޮޅު ސަންދޯކާއެކު ބާއްވާފައި އޮންނާނީ، އެޑިންބަރާގައި ހުންނަ ޝާހީ ރަސްމީ ގަނޑުވަރު ހޮލީރުޑްހައުސްގަ އެވެ.

މާދަމާ ހެނދުނު ރާނީގެ ހަށިކޮޅު، އެޑިންބަރާގައި ހުންނަ ސެންޓް ގިލްސް ފައްޅި އަށް ގެންދިއުމަށް ފަހު، 24، ގަޑިއިރު ވަންދެން ހަށިކޮޅު އޮންނާނީ އެ ފައްޅީގަ އެވެ. ފައްޅީގައި ހަށިކޮޅު އޮންނަ އިރު، އާންމުން ފައްޅިއަށް ޒިޔާރަތްކޮށް، ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ރާނީގެ ހަށިކޮޅު ބަލްމޯރަލް ކިއްލާ އިން، އެޑިންބަރާގެ ސެންޓް ގިލްސް ފައްޅި އަށް ގެންދާއިރު، އެ މަންޒަރު ދެކެވަޑައިގަތުމަށް، ސްކޮޓް ލޭންޑްގެ އެންމެ އިސް ވަޒީރާއި، އިދިކޮޅު ޕާޓީގެ ލީޑަރުގެ އިތުރުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންވެސް، ގާނޫނު ހަދާ މަޖިލީހަށް ހާޒިރުވެ ތިއްބަވާނެ އެވެ.

އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވެސް މާދަމާގެ ވަގުތެއްގައި އެޑިންބަރާ އަށް ވަޑައިގަންނަވާނެ އެވެ. ރާނީގެ ހަށިކޮޅު ހޮލީރުޑްހައުސް އިން ސެންޓް ގިލްސް ފައްޅި އަށް ގެންދިއުމުގައި ރަސްގެފާނު ޗާލްސްގެ އިތުރުން، ޝާހީ އާއިލާގެ އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާނީގެ ހަށިކޮޅު ފައްޅި އަށް ވެއްދުމަށް ފަހު އެންމެ ފުރަތަމަ އޮންނާނީ، ރާނީ އަށް ހެޔޮ ދުއާ ކުރުމުގެ ގޮތުން ބާއްވާ ދީނީ ރަސްމިއްޔާތެކެވެ. އާންމުން ފައްޅިއަށް ޒިޔާރަތްކޮށް، ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ހުޅުވައިލާނީ އެ ރަސްމިއްޔާތު ނިމުމުންނެވެ.

އަންގާރަ ދުވަހު ހެނދުނު، ރާނީގެ ހަށިކޮޅު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ގެންދިއުމަށްޓަކައި، ސަންދޯކާއެކު ސެންޓް ގިލްސް ފައްޅިން ނެރެގެން، އެއްގަމު މަގުން އެޑިންބަރާގެ ވައިގެ ބަނދަރަށް ގެންދާނެ އެވެ. ވައިގެ މަގުން ލަނޑަށް އެކަމަނާގެ ހަށިކޮޅު ގެންދާނީ، އިނގިރޭސި ވައިގެ ސިފައިންގެ ޚާއްސަ މަތިންދާބޯޓެއްގައި، ލަންޑަންގެ ރަށްބޭރުގައި އޮންނަ ވައިގެ ސިފައިންގެ މަރުކަޒެއް ކަމަށްވާ ނޯތޯލްޓްއަށެވެ.

ރާނީގެ ހަށިކޮޅު އެޑިންބަރާ އިން ލަންޑަނަށް ވައިގެ މަގުން ގެންދާ އިރު، ރާނީގެ ދަރިކަނބަލުން ޕްރިންސެސް އޭން ވެސް އެ މަތިންދާބޯޓުގައި ރާނީގެ ހަށިކޮޅާ އެކު ދަތުރުކުރައްވާނެ އެވެ. އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން ބުނި ގޮތުގައި ނޯތޯލްޓް އަސްކަރީ ވައިގެ މަރުކަޒަށް ރާނީގެ ހަށިކޮޅު ބޭލުމަށް ފަހު، ބަކިންހަމް ޕެލަސް އަށް ހަށިކޮޅު ގެންދާނީ އެއްގަމު މަގުންނެވެ.

ރަސްމީ އިއްޒަތުގައި ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ގޮތުން، ރާނީގެ ހަށިކޮޅު ވެސްޓްމިންސްޓާ ހޯލް އަށް ގެންދާނީ ބުދަ ދުވަހު މެންދުރު ފަހު 3:00ގަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ރާނީގެ ހަށިކޮޅު ބާއްވާފައި އޮންނާނީ ވެސްޓްމިންސްޓާ ހޯލްގަ އެވެ.

ރާނީގެ ހަށިކޮޅު ވެސްޓްމިންސްޓާގައި އޮންނަ ހަތަރު ދުވަހުގެ މުއްދަތުގައި، އެކަމަނާ އަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައި އޮންނާނެ އެވެ. ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުން އެކަމަނާ އަށް އިހްތިރާމް އަދާކުރަމުންދާ ހަތަރު ދުވަހުގެ ތެރޭގައި، އިނގިރޭސި ރަސްގެފާނުގެ ހައިސިއްޔަތުން، ސްކޮޓްލޭންޑަށާއި އުތުރު އަޔަލޭންޑަށާއި ވޭލްސް އަށް، ރަސްގެފާނު ޗާލްސް ވަޑައިގަންނަވާނެ އެވެ. ރަސްގެފާނުގެ އަރިހުގައި އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާނީގެ ޖަނާޒާ އާއި ރަސްމީ އިއްޒަތުގައި ފަސްދާނުލުން އޮންނާނީ، މި މަހުގެ 19 ވަނަ (ހޯމަ) ދުވަހު އެވެ. ރާނީގެ ހަށިކޮޅު، ހޯމަ ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ ހޯލުން ނެރެގެން އެންމެ ފުރަތަމަ ގެންދާނީ ވެސްޓްމިންސްޓާ އަބީ ފައްޅި އަށެވެ. ގެންދާނީ ވިންޑްސާ ކިއްލާ އަށެވެ. އެއަށް ފަހު ރާނީ ފަސްދާނު ލާނީ، ވިންޑްސާ ކިއްލާއާ މާދުރު ނޫން ހިސާބެއްގައި ހުންނަ، ރަސްގެފާނު ޖޯޖް ހަ ވަނަގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގަ އެވެ.

ރާނީ އަވަހާރަވުމުން ގައުމީ ހިތާމަ ފާޅުކުރުމުގެ މުއްދަތު ދެމިއޮންނާނީ، ރާނީ ފަސްދާނުލާ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރާނީ ފަސްދާނުލާ ދުވަހުން ފެށިގެން އިތުރު ހަތް ދުވަސް، ހިތާމަ ފާޅުކުރުމުގެ ދުވަސްތަކެއްގެ ގޮތުގައި ޝާހީ އާއިލާގެ ފަރާތުން ފާހަގަކުރަމުން ގެންދާނެ އެވެ.

ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާއަކީ، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ފަސްދާނުލުމަށް 1965 ވަނަ އަހަރު ބޭއްވި ޖަނާޒާ އަށް ފަހު، އެ ގައުމުގައި ބާއްވާ ރަސްމީ އިއްޒަތުގެ އެންމެ ބޮޑު ޖަނާޒާ އަށް ވާނެ އެވެ.