Roadha Mihaaru
ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ދައުވާކުރެވޭނެ: ޕީޖީ

ޓެކްނިކަލް މައްސަލަތައް އިސްލާހުކޮށް، ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ދައުވާކުރެވޭނެ: ޕީޖީ

20 ސެޕްޓެމްބަރ 2022

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރުތައް ހޯދުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ މުވައްޒަފުންނަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވޭތީ، އެ ކަންކަން އިސްލާހުކުރުމަށް ފަހު އަލުން މައްސަލަ ފޮނުވުމުން ދައުވާކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭން ވެންޓިލޭޓަރުތައް ހޯދުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ މުވައްޒަފުންނަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވޭތީ، އެ ކަންކަން އިސްލާހުކުރުމަށް ފަހު އަލުން މައްސަލަ ފޮނުވުމުން ދައުވާކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ވެންޓިލޭޓަރު ހޯދުމުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ހަތަރު ފަހަރެއްގެ މަތިން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެންމެ ފަހުން މިދިޔަ ޖޫން މަހު ޑިއުޓީ ޕްރެސިކިއުޝަނަށް ފޮނުވިއިރު ވެސް މައްސަލަ އަނބުރާ ފޮނުވައިލީ ބައެއް ކަންކަން ފުރިހަމަ ކުރުމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހުންނަށް ދައުވާކުރެވޭނެތޯ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މެމްބަރަކު މިއަދު އެއްސެވުމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މައްސަލައިގައި އޭސީސީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެންމެ ފަހުން ތަހުގީގު ނިންމައި ފޮނުވިއިރު ކުދިކުދި ފަންނީ ކަންތައްތަކެއް އިސްލާހުކުރަން ހުރި ކަމަށެވެ.

"މާ ބޮޑެތި ކަންކަމެއް ނޫން. ދެން އެ ކަންކަން އިސްލާހުވީމާ އަޅުގަނޑުމެންނަށް އޭގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމޭނެ. އަޅުގަނޑު މި ބަލަނީ މިހާރު ލިބިފައިވާ މައުލޫމާތުން އެކަމުގައި އެ ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް،" ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ޕީޖީ ވިދާޅުވި އެވެ.

އޭސީސީން ތަހުގީގު ނިންމައި ފޮނުވިއިރު ހުރީ ކޮން ކަހަލަ މައްސަލަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު އެކަން އިސްލާހުކޮށްފި ނަމަ، 'މައްސަލަ ގެއްލުމުގެ' ފުރުސަތު އޮންނާނެ ކަމަށް ބެލެވޭތީ އަލުން އިސްލާހު ކުރުމަށް ފޮނުއްވީ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އޭގެ [ވެންޓިލޭޓަރު މައްސަލަ] އަލިމަގެއް. ކޮޅެއް ވަރަށް އަވަހަށް ފެންނާނެ،" ޝަމީމް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އަށް ވެސް ގެންދިޔަ އެވެ. އޭސީސީން ދައުވާކުރި މީހުންގެ ތެރޭގައި އެ ކޮމިޓީގެ މެމްބަރުންތަކެއް ވެސް ހިމެނެ އެވެ.

އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާކުރުމަށެވެ.

އެ މައްސަލައިގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރުތައް ހޯދަން ގާބިލު ކުންފުންޏެއްތޯ ނުބަލައި ހަވާލުކޮށް، އެއްބަސްވުމެއް ނެތި ކުންފުންޏަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެންގުމާއެކު މާލިއްޔަތު ގަވާއިދާ ހިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެ ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ލިބުނު ކަމަށް ސެޕް ސިސްޓަމުން 'ގުޑްސް ރިސީވްޑް' ކަމަށް ދައްކައިގެންނެވެ. އެކަމަކު އޭރު އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއި ވެސް ނުކުރެ އެވެ.

އެގްޒެކިއުޓާސްއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. އެ ވެންޓިލޭޓަރުތައް ނުލިބި ސަރުކާރުން ވަނީ އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށް، އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.