Roadha Mihaaru
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ

ޕީޖީގެ އާ ހުށަހެޅުންތަކާއެކު ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީން އަލުން ބަލަނީ

10 އެޕްރީލް 2021

ކޮވިޑް-19 ގެ ފަރުވާ އަށް ބޭނުންވި ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ތަކެތި ނުލިބުނު މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އާ ހުށަހެޅުންތަކާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

ކޮވިޑް-19 ގެ ފަރުވާ އަށް ބޭނުންވި ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ތަކެތި ނުލިބުނު މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އާ ހުށަހެޅުންތަކާއެކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ނެތެވެ.

އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދި ކަމުގެ ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް މައްސަލަ ދެ ފަހަރެއްގެ މަތިން ފޮނުވި އެވެ. ޕީޖީން ދެ ފަހަރު ވެސް ނިންމީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެކަމަކު، އެތައް ބައެއްގެ ފިއްތުންތަކާއި ފާޑުކިޔުންތަކާ ގުޅިގެން އަލުން އެ މައްސަލަ ބަލަން ޕީޖީން ވަނީ އޭސީސީގައި އެދިފަ އެވެ. އެކަމަކު، އެއީ ކުރިއަށް ވުރެ ބޮޑަށް "ފީނައިގެން" ނެވެ.

ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލާގައި އާ ރިކޮމެންޑޭޝަންތަކެއް އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެންނަން ދެއްކި ފައިސާ ދައުރުވި ގޮތް ބެލުމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ ހިލާފަށް ހިންގާފައިވާ ކަންކަމަށް ތަހުގީގުގައި ފޯކަސް ކުރުމަށް ޕީޖީން ވަނީ ލަފާ ދީފަ އެވެ.

އެކަމާ ގުޅިގެން އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ޕީޖީގެ ރިކޮމެންޑޭޝަންތަކާއެކީ މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ލިބިފައިވާ ކަމަށެވެ. އާންމު އުސޫލުން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.

މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.