Roadha Mihaaru
މައްސަލަ ހުށަހެޅުމާއި ނިންމުން ރިކޯޑް އަދަދެއްގައި

މައްސަލަ ހުށަހެޅުމާއި ނިންމުން ރިކޯޑް އަދަދެއްގައި

07 ޖެނުއަރީ 2017

މިދިޔަ އަހަރު ކޯޓުތަކަށް ރެކޯޑް އަދަދަކަށް މައްސަލަ ހުށަހެޅި، އަދި އެ އަދަދަށް މައްސަލަތައް ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ކޯޓުތަކަށް ރެކޯޑް އަދަދަކަށް މައްސަލަ ހުށަހެޅި، އަދި އެ އަދަދަށް މައްސަލަތައް ނިންމައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކޯޓުތަކަށް 20،100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އުޅެނީ 20،600 ގަ އެވެ. މިއީ 2015 ވަނަ އަހަރު ނިންމި 19،300 މައްސަލައަށް ވުރެ 6.6 ޕަސެންޓް އިތުރު މިންވަރެކެވެ.

ހުށަހެޅި މައްސަލަތަކަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާތީ މިދިޔަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓް ހުރީ 103 ޕަސެންޓްގައި ކަމަށް، ޑީޖޭއޭ އިން ބުނެ އެވެ.

އަހަރު ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވެސް 2015 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ވަނީ ދަށްވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރު ނިމުނުއިރު 7،100 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުއްޓަސް މިދިޔަ އަހަރު ނިމުނުއިރު ކޯޓުތަކުގައި ނުނިމި ހުރީ 6،600 މައްސަލަ އެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަތަކުގެ ނިސްބަތް މިދިޔަ އަހަރު ވަނީ 27 ޕަސެންޓުން 12 ޕަސެންޓަށް ދަށްވެފަ އެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 1،900 އަށް ވުރެ ގިނަ މައްސަލަ، 2015 ނިމުނުއިރު ކޯޓުތަކުގައި ހުއްޓަސް މިދިޔަ އަހަރު ނިމުނުއިރު ހުރީ އޭގެ 798 މައްސަލަ އެވެ.