Roadha Mihaaru
ކޯޓަށް ދައްކާ ފައިސާ ހުރިހާ ކޯޓަކުން ބަލައިގަންނަނީ

ދައްކަންޖެހޭ ފައިސާ ކޮންމެ ކޯޓަކަށް ވެސް ބަލައިގަންނާނެ

09 ޖެނުއަރީ 2020

ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ބަލައިގަންނަ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް ބަލައިގަންނަ ގޮތަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހަމަޖައްސައިފި އެވެ.

އެ އިދާރާ އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ކޯޓުތަކުން ހޯދާ ޚިދުމަތްތަކާ ގުޅިގެންނާއި ފައިސާ އާއި ހުކުމްތަކާއި އަމުރުތަކުގެ ދަށުން ކޯޓުތަކަށް ދައްކަންޖެހޭ ފައިސާތައް ވެސް ޑީޖޭއޭ އާއި ރާއްޖޭގެ ކޮންމެ ކޯޓަކަށް ވެސް މިހާރު ބަލައި ގަންނަ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ކޯޓަކަށް ފައިސާ ދެއްކިޔަސް، އެ ފައިސާ ލިބުނީ ކަމަށް ބަލަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ޑީޖޭއޭ އިން ބުނާ ގޮތުން އެގޮތަށް އެހެން ކޯޓަކުން ފައިސާއެއް ބަލައިގެންފި ނަމަ، އެ ފައިސާއެއް އަސްލު ލިބެންޖެހޭ ކޯޓަށް އެކަން އަންގަން ޖެހޭނެ އެވެ. އަދި ހުކުމްތަކާއި އަމުރުތަކުގެ ދަށުން ކޯޓުތަކަށް ދައްކާ ފައިސާގެ ތެރެއިން ފައިސާ ލިބެންޖެހޭ ފަރާތަށް އެ ފައިސާއެއް ހަވާލު ކުރާނީ ވެސް ފައިސާއެއް ބަލައިގަތް ކޯޓަކުން ކަމަށް ސާކިއުލާގައިވެ އެވެ. އެގޮތުން، ފައިސާ ލިބެންޖެހޭ ފަރާތުގެ ބޭންކް އެކައުންޓަށް އެ ފައިސާއެއް ޖަމާ ކުރުމަށް ފަހު، އެ ފައިސާ ދައްކަން އަމުރުކުރި ކޯޓަށް އެކަން އަންގަން ޖެހޭނެ ކަމަށް ވެސް ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން، އެގޮތަށް ބަލައިގަންނަ ފައިސާގެ ތެރެއިން ޕަބްލިކް އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާތައް އެ އެކައުންޓަށް ޖަމާ ކުރަން ޖެހޭނެ ކަމަށާއި ޖަމާ ކުރުމަށް ފަހު، އެ ފައިސާއެއް ލިބެންޖެހޭ ކޯޓަށް އެކަން އަންގަން ޖެހޭނެ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.

ސާކިއުލާގައިވާ ގޮތުން އެގޮތަށް އަމަލު ކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.