Roadha Mihaaru
އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމެއް

އިންޑިއާ އިން މިފަހަރު އޮސްކާއަށް ގުޖުރާތީ ފިލްމެއް

21 ސެޕްޓެމްބަރ 2022

އަންނަ އަހަރު އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް ގުޖުރާތީ ފިލްމު، ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ) ފޮނުވަން ނިންމައިފި އެވެ.

އަންނަ އަހަރު އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ ކެޓަގަރީއަށް ގުޖުރާތީ ފިލްމު، ޗެލޯ ޝޯ (ލާސްޓް ފިލްމު ޝޯ) ފޮނުވަން ނިންމައިފި އެވެ.

އެ ފިލްމަކީ ގުޖުރާތީ ފިލްމަކަށްވާތީ އާންމުންގެ ތެރޭގައި އެހާ ބޮޑަށް ދަންނަ ފިލްމެއް ވެސް ނޫނެވެ.

އަންނަ އަހަރުގެ އޮސްކާއަށް ފޮނުވަން އެ ފިލްމު ހޮވުމުން އެ ފިލްމުގެ ޑައިރެކްޓަރު ޕަން ނަލިން ބުނީ އެފަދަ ދުވަހެއް ފެނިދާނެ ކަމަށް އޭނާ ހިތަށް ވެސް ނާރާ ކަމަށެވެ. އެކަމަކު އޭނާގެ ގިނަ ފިލްމުތަކަކީ ބޭރު ގައުމުތަކުގައި ޕްރިމިއާކޮށް އާންމުންގެ ތަރުހީބު ވެސް ލިބުނު ފިލްމުތަކެއް ކަމަށް ބުންޏެވެ.

ފިލްމު އޮސްކާއަށް ހޮވުމާ އެކު ދެން ހަމަ ނޭވާއެއް ލެވޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ޖޫރީންނާއި ފިލްމު ފެޑަރޭޝަނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެ ފިލްމު ވަނީ މިދިޔަ އަހަރު ފިލްމު ފެސްޓިވަލްގައި ޕްރިމިއާކޮށްފަ އެވެ. ސިނަމާގައި ފިލްމު އަޅުވަން ނިންމާފައި ވަނީ އަންނަ މަހުގެ 14 ގަ އެވެ.

އެ ފިލްމަކީ މިިދިޔަ އަހަރު ބޭއްވި 66 ވަނަ ވޮލަޑޮލިޑް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ދައްކައިގެން ގޯލްޑެން ސްޕައިކް އެވޯޑް ވެސް ލިބިފައިވާ ފިލްމެކެވެ.

ކުރިން ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އޮސްކާއަށް ފޮނުވާނީ ކާމިޔާބު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ނުވަތަ ވިވޭކް އަގްނިހޯތްރީގެ ފިލްމު، "ދަ ކަޝްމީރް ފައިލްސް" ކަމަށެވެ. ބޮކްސް އޮފީހުގައި ވެސް ހިޓުވި އެ ދެ ފިލްމު ވެސް ލިސްޓުގައި އޮއްވާ އިންޑިއާގެ ގިނަ ބަޔަކު އަޑުނާހާ ފިލްމެއް އޮސްކާއަށް ފޮނުވަން ނިންމުމުން ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ.

އިންޑިއާގެ އެއްވެސް ފިލްމަކަށް މިހާތަނަށް އޮސްކާ ލިބިފައެއް ނުވެ އެވެ. އެކަމަކު "މަދާ އިންޑިއާ" އާއި "ސަލާމް ބޮމްބޭ" ވަނީ އެންމެ މޮޅު ފަސް ފިލްމުގެ ނޮމިނޭޝަންގައި ހިމެނިފަ އެވެ.