Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

02 ޑިސެމްބަރ 2020

އަންނަ މަހު ޝޫޓިން ފަށާ، އަކްޝޭ ކުމާރުގެ ފިލްމު "ބައްޗަން ޕާންޑޭ" ގެ ދެ ވަނަ ބަތަލާގެ ރޯލަށް ޖެކްލިން ފެނަންޑޭޒް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ޝޫޓިން ފަށާ، އަކްޝޭ ކުމާރުގެ ފިލްމު "ބައްޗަން ޕާންޑޭ" ގެ ދެ ވަނަ ބަތަލާގެ ރޯލަށް ޖެކްލިން ފެނަންޑޭޒް ސޮއިކޮށްފި އެވެ.

މި ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ ކްރިތީ ސެނަން އާއި އަރުޝަދު ވަރްސީ އެވެ. "ބައްޗަން ޕާންޑޭ" އަކީ މިދިޔަ އަހަރު ރިލީޒްކުރި "ހައުސްފުލް 4" ގެ ޑައިރެކްޓަރު ފަރުހާދު ސަމްޖީ ހަދާ ފިލްމެކެވެ. އޭނާ 2016 ގައި ގެނެސްދިން "ހައުސްފުލް 3" ގައި ކާސްޓްގައި ވެސް ޖެކްލިން ހިމެނެ އެވެ. ލަންކާ އަށް ނިސްބަތްވާ ބަތަލާ ބަތަލާ ވަނީ 2012 ގެ "ހައުސްފުލް 2" ގައި އަކްޝޭއާ އެކު މަސައްކަތްކޮށްފަ އެވެ.

"ބައްޗަން ޕާންޑޭ" އަށް ޖެކްލިން ސޮއިކުރި މި ހަފުތާގައި އޭނާ ވަނީ ސައިފް އަލީ ޚާނާއި އަރުޖުން ކަޕޫރާއި ޔާމީ ގޯތަމާ އެކު ފެންނާނެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.

ޖެކްލިންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ކިކް 2" އާއި ޖޯން އަބްރަހަމްގެ "އެޓޭކް" ހިމެނެ އެވެ.

"ބައްޗަން ޕާންޑޭ" ގެ ޝޫޓިން އަންނަ މަހުގެ 6 ގައި ފަށާނީ ޖެއިސަލްމާރްގަ އެވެ.

ރިޗާގެ "ޝަކީލާ" މި މަހު ސިނަމާތަކަށް

ރިޗާ ޗައްޑާ ޓައިޓްލް ރޯލު ކުޅެފައިވާ ފިލްމު "ޝަކީލާ" މި މަހުގެ ފަހުކޮޅު ސިނަމާތަކަށް ގެންނަން ނިންމައިފަ އެވެ.

ކްރިސްމަހާ ދިމާކޮށް ނެރޭ މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "ޝަކީލާ" ގެ ޕޯސްޓަރުގައިވާ ގޮތުން މިއީ ބެލުންތެރިން ސިއްސުވައިލާ ކަހަލަ ހާދިސާތަކެއް ފެންނާނެ ފިލްމެކެވެ. "ޝަކީލާ" ހަދާފައި ވަނީ ކުރިން އިންޑިއާގެ ދެކުނު ފިލްމު ޝަކީލާގެ ނަމުން މަޝްހޫރު ބަތަލާގެ ހަޔާތަށް ބިނާކޮށެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އިންދަރުޖީތު ލަންކޭޝް އެވެ. "ޝަކީލާގެ ކާސްޓްގައި ޕަންކަޖް ތުރިޕަތީ، ރަޖީވް ރަވިންދުރަނާތަން އަދި ރަޖީވް ޕިއްލާއި ހިމެނެ އެވެ.

އިންޑިއާގެ "ޝޭމްލެސް" އޮސްކާ އަށް

އަންނަ އަހަރު ބާއްވާ 93 ވަނަ އޮސްކާ އެވޯޑްސްގެ ލައިވް-އެކްޝަން ޝޯޓް ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް "ޝޭމްލެސް" ހޮވައިފި އެވެ.

މި ފިލްމަކީ ކީތު ގޯމެޒް ޑައިރެކްޓްކޮށް މިދިޔަ އެޕްރީލް މަހު ގެނެސްދިން ފިލްމެކެވެ. "ޝޭމްލެސް" ގެ ކާސްޓުންނަކީ ސަޔާނީ ގުޕްތާ އާއި ހުސައިން ދަލާލާއި ރިޝަބް ކަޕޫރެވެ، މި ފިލްމު އިންޑިއާ އިން ފޮނުވާ ފިލްމަކަށް ހޮވުނީ ވިދިޔާ ބާލަންގެ ކުރު ފިލްމު "ނަޓްކަޓް" އާއި އަދިތިޔާ ކެލްގާއޯންކަރްގެ "ސައުންޑް ޕްރޫފް" އާއި "ސަފަރު" އަދި "ޓްރެޕްޑް" އާ ވާދަކޮށްގެންނެވެ.

އޮސްކާގެ ލައިވް-އެކްޝަން ޝޯޓް ފިލްމު ކެޓަގަރީއަށް ފިލްމު ހޮވުމުން ކީތު ވަނީ ފިލްމުގައި މަސައްކަތްކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށް މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ.

އަންނަ އަހަރުގެ އޮސްކާގެ ބެސްޓް އިންޓަނެޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ހޮވާފައި ވަނީ މަލަޔާޅަމް ފިލްމު "ޖަލިކައްޓޫ" އެވެ.

ދިވްޔާގެ އާ ވީޑިއޯ ލަވައެއް

ފިރިމީހާ ބުޝަން ކުމާރުގެ ޓީ ސީރީޒްގެ ތައްގަނޑުގައި ބަތަލާ ދިވްޔާ ކުމާރު ކޯސްލާގެ އާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.

ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ "ބޭޝަރަމް ބޭވަފާ" ގައި ދިވްޔާއާ އެކު ހިމެނެނީ "ބިގް ބޮސް" ސީޒަން އަށެއްގައި ވާދަކޮށް ކާމިޔާބުކުރި ގޯތަމް ގުލާޓީގެ އިތުރުން ސިދާތު ގުޕްތާ އެވެ.

ޖާނީ މިއުޒިކާއި ޅެން ހަދައި ބީ ޕްރާކް ކިޔާފައިވާ ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ. ވިނޭ އާއި ރާދިކާ އަކީ ދިވްޔާގެ މި ފަހުން މަގުބޫލުވި ލަވަ "ޔާދު ޕިޔާ ކެ އާނެ ލަގީ" ގެ ވެސް ޑައިރެކްޓަރުންނެވެ.

"ސަނަމް ރޭ" އާއި "ޔާރިޔާން" ޑައިރެކްޓްކުރި ދިވްޔާ މިހާރު އަންނަނީ ޖޯން އަބްރަހަމާ އެކު "ސަތިޔަމޭވް ޖަޔަތޭ 2" ގެ ބަތަލާގެ ރޯލު ކުޅެމުންނެވެ.