Roadha Mihaaru
14 އައިސް ޕްލާންޓެއް ހިންގަން ފެނަކައާ ހަވާލުކޮށްފި

އައިސް ފޯރުކޮށްދިނުން ފެނަކަ އަށް، ސައީދު ވިދާޅުވީ މަސްވެރިންގެ އިތުބާރު ހޯދާނެ ކަމަށް

22 ސެޕްޓެމްބަރ 2022

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ކުރިން ހިންގަމުން ދިޔަ 14 އައިސް ޕްލާންޓު ހިންގުމުގެ ހުރިހާ މަސައްކަތެއް ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ކުރިން ހިންގަމުން ދިޔަ 14 އައިސް ޕްލާންޓު ހިންގުމުގެ ހުރިހާ މަސައްކަތެއް ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.

ފެނަކައިގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެކަމުގެ ލިޔުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. މިފްކޯ އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ.

އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، އައިސް ޕްލާންޓްތައް ހިންގައި، ބެލެހެއްޓުން މިފްކޯއާ ހަވާލުކުރުމުން އަންނާނެ ބަދަލަކާ ގުޅޭ ގޮތުން ގިނަ ބަޔަކު ސުވާލުކުރާ ކަމަށާއި އެ ކުންފުނީގެ ބޭނުމަކީ މަސްވެރިންގެ އިތުބާރާއި ޔަގީންކަން އުފެއްދުން ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އައިސް ޕްލާންޓްތަކާ ހަލާކުވިއިރު، ބޮޑެތި މަރާމާތުތަކެއް ކުރަން އެބަހުރި ކަމަށެވެ. އެކަމަށް ގާތްގަނޑަކަށް އިތުރު 20 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި، ފެނަކަ އިން ކުރިމަގުގައި ބޭނުންވަނީ އައިސް ޕްލާންޓުތައް ސޯލާ އިން ނުވަތަ އެ ނޫން ގްރީން އެނާޖީއެއް ބޭނުންކޮށްގެން ހިންގުމަށެވެ. އެކަން ކުރެވިއްޖެ ނަމަ، މަސްވެރިންނަށް އައިސް ލިބޭ އަގު ވެސް ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިސް ޕްލާންޓްތަކުގެ އަޕްޑޭޑްތައް ބެލުމަށް އެޕްލިކޭޝަން ލޯންޗުކޮށްދެނީ--ފޮޓޯ:ނިޝާން އަލީ/މިހަރު

އައިސް ޕްލާންޓްތަކުގެ އަޕްޑޭޑްތައް ބެލުމަށް އެޕްލިކޭޝަން ލޯންޗުކޮށްދެނީ--ފޮޓޯ:ނިޝާން އަލީ/މިހަރު

"ހަވާލުކުރި ޕްލާންޓްތަކުގެ އައިސް ހުރި ވަރަކުން ނުހުއްޓި އައިސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން. ފުރަތަމަ މަރުހަލާގެ މައިގަނޑު މަސައްކަތަކީ މަރާމާތު ކުރުން. ފުރަތަމަ އަޅުގަނޑުމެން ކުރާނީ 24 ގަޑިއިރު ތެރޭ ޕްލާންޓުތައް ހިންގައިލެވޭނެ މެކޭނިޒަމެއް ގާއިމް ކުރުން،" ސައީދު ވިދާޅުވި އެވެ.

ފެނަކަ އިން ވަނީ އައިސް ފޯރުކޮށްދިނުމުގައި މަސްވެރިންނަށް ބޭނުން ކުރެވޭނެ އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ. އެ އެޕްލިކޭޝަން ބޭނުންކޮށްގެން، މަސްވެރިންނަށް އެކި ސަރަހައްދުތަކުގައި ހުރި އައިސް ޕްލާންޓުތަކުން އައިސް ލިބެން ހުރި ވަރު ދެނެގަނެވޭނެ އެވެ.

ސައީދު ވިދާޅުވީ، އައިސް ޕްލާންޓްތައް ހިންގާނީ މަސްވެރިންނާ ގާތުން، އެ މީހުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވިދާޅުވީ، އެ ކުންފުނިން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 22 އައިސް ޕްލާންޓެއް ހިންގަމުން އަންނަ އިރު، އެ ކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އައިސް ޕްލާންޓުތައް ގެއްލުމުގައި ހިންގާކަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިފްކޯގައި މިހާރު ހުރި އައިސް ޕްލާންޓްތައް ވެސް ރަނގަޅު ފެންވަރެއްގައި ހިންގުމަށް ކުރިއަށް އޮތްތަނުގައި މަސަައްކަތް ކުރައްވާނެ ކަމަށެވެ.

"ގާތްގަނޑަކަށް 830 ޓަނުގެ އައިސް އުފެއްދަން ދުވާލެއްގެ މައްޗަށް. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން އައިސް އުފެއްދުމަށް އަޅުގަނޑުމެންނަށް ވެސް އެބަ ގޮންޖެހުންތައް ކުރިމަތިވޭ. މި އޮޕަރޭޝަންގެ 70 ޕަސެންޓަކީ ފިއުލް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފެނަކައާ އެ ޕްލާންޓުތައް ހިންގުން ހަވާލުކުރުމުން އެ މަސައްކަތް މިހާރަށް ވުރެ ރަނގަޅަށް ހިނގުމަކީ އުންމީދެކެވެ.