Roadha Mihaaru

މިފްކޯއަށް އެއްކިލޯ އަށް ވުރެ ބަރު މަސް 16ރ. ގެ ރޭޓުން ގަންނަން ފަށައިފި

މިފްކޯ އަށް އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން 16ރ. ގެ ރޭޓުން ގަންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އެއްކިލޯއަށް ވުރެ ބަރު މަސް 16ރ. އަށް

މިފްކޯ އަށް އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން 16ރ. ގެ ރޭޓުން ގަންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ދައުލަތުގެ މަސްކުންފުނިން އެ ބަދަލު ގެނައީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތައް، އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން ގަންނާނީ މަދުވެގެން 16ރ. އަށް ކަމަށެވެ.

މިފްކޯ އިން ބުނީ އެ ބަދަލު ގެނައުމުގެ ކުރިން އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށެވެ.

މީގެ ކުރިން ނަމަ މަސްވެރިންނަށް 16ރ. ލިބެނީ މިފްކޯ އަށް ކިރުވާ ދޮޅު ކިލޯ އިން ފެށިގެން މަތީގެ މަހަށެވެ. އެކަމަކު، މިއަދުން ފެށިގެން އެ ކުންފުންޏަށް ކިރުވާ އެއް ކިލޯ އިން ފެށިގެން މަތީގެ ހުރިހާ މަހަކަށް އާ ރޭޓު ހިނގާނެ ކަމަށް ބުންޏެވެ.

މިފްކޯ އިން ބުނި ގޮތުގައި އެ ބަދަލާ އެކު، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް ވެސް މިއަދުން ފެށިގެން އެ ކުންފުންޏަށް ގަންނާނީ 16ރ. އަށެވެ.

"އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14ރ. ދިނުމަށް ހަމަޖައްސާފައިވާއިރު 15 ކިލޯ އިން މަތީގެ ކަންނެލި ކިލޯއަކަށް 18ރ. މަސްވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން މިއަދުން ފެށިގެން މިފްކޯ އަށް މަސްވެރިން ކިރާ މަހަށް މި ރޭޓުން ފައިސާ ލިބޭނެ އެވެ،" އިއުލާނުގައި ވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މަަސް ގަންނަން އަގަށް ބަދަލު ގެނައީ މަސްވެރިން ބާނާ މަހަށް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރަނގަޅު އަގެއް ހޯދައިދިނުމެވެ.

"މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދައުލަތާއި ރައްޔިތުންނަށް އިތުރު ބުރައަކަށް ނުވާ، ހިންގުމުގެ ހަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް މަސްވެރިންނަށް ފޯރުކޮށްދިނުމަށެވެ،" މިފްކޯ އިން ބުންޏެވެ.

ކުދިމަސް ކަމަށް ބަލާ މިންގަނޑު މަތިކޮށްފައި އޮތުމުން މަސްވެރިންގެ ޝަކުވާ ބޮޑެވެ. ރައީސް މަސްވެރިންނާ ބައްދަލު ކުރެއްވުމަށް އިއްޔެ ދުވާފަރުގައި ބޭއްވި ޖަލްސާގައި ވެސް މަސްވެރިން ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.