Roadha Mihaaru
ފުލުހަށް އަދަބު ކަނޑައެޅީ ގާނޫނުގެ ބޭރުން: ޕީޖީ

ފުލުހުގެ މައްސަލަ އިސްތިއުނާފުކުރަނީ ފަނޑިޔާރަށް ނެތް ބާރަކުން އަދަބު ކަނޑައެޅުމުން: ޕީޖީ

25 ސެޕްޓެމްބަރ 2022

ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށް ލުމަށް ކަނޑައެޅި އަދަބު އިސްތިއުނާފު ކުރަނީ އެ އަދަބު ބޮޑުވެގެން ނޫން ކަމަށާއި ފަނޑިޔާރަށް ނެތް ބާރެއް ބޭނުންކުރައްވައިގެން ގާނޫނާ ހިލާފަށް ހުކުމް ކުރެއްވުމަށް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބަންގްލާދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށް ލުމަށް ކަނޑައެޅި އަދަބު އިސްތިއުނާފު ކުރަނީ އެ އަދަބު ބޮޑުވެގެން ނޫން ކަމަށާއި ފަނޑިޔާރަށް ނެތް ބާރެއް ބޭނުންކުރައްވައިގެން ގާނޫނާ ހިލާފަށް ހުކުމް ކުރެއްވުމަށް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަދަބު ކަނޑައެޅުމުގައި މީގެ ކުރިން ފަނޑިޔާރަށް އޮތް ފުޅާ ބާރު މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގައި އޮތީ ހަނިކޮށްފައި ކަމަށެވެ.

ފުލުސް މީހާ އަށް އަދަބު ކަނޑައެޅީ ސުޕްރީމް ކޯޓުން ހަދާފައިވާ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރު ބޭނުންކޮށްގެން އަދަބުގެ މިންވަރުގެ ދެ ގުނަ ބޮޑުކުރުމަށް ފަހުގައި ކަމަށް ހުކުމުގައި އޮތަސް ޕީޖީން ދެކޭ ގޮތުގައި އެ އުސޫލުގައި ބުނާ "ދެ ގުނަ" އަކީ ގާނޫނުލްއުގޫބާތާ ފުށުއަރާ ބަހެކެވެ. އެއީ ގާނޫނުލްއުގޫބާތުގައި އޮންނަނީ އަދަބުގެ "ދަރަޖަ" ކަނޑައެޅުން ކަމަށް ވާތީ އެވެ.

އެ އުސޫލުގައި އޮތް ކަމެއް، ގާނޫނުލްއުގޫބާތާ ފުށުއަރާ ނަމަ، އަމަލު ކުރަންޖެހޭނީ ގާނޫނުލްއުގޫބާތަށް ކަމަށާއި އުސޫލަށް ނޫން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"ފަނޑިޔާރަކު، ގާނޫނުލްއުގޫބާތުގައި އޮތް ހަމަތައް ދޫކޮށްލައި، އެއާ ހިލާފުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތް އުސޫލަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ، އެއީ މަތީ މަރުހަލާގެ ކޯޓަކަށް ދާންޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ބްލޮގްގައި މިސާލެއް ދައްކަވާފައިވެ އެވެ.

"ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، (އެކްސިޑެންޓެއްވުމުން) އެހީތެރިނުވެ ދިއުމަކީ ކުށެކެވެ. އެކުށުގެ ދަރަޖައަކީ ޖުނަހުގެ 3 ވަނަ ދަރަޖައެވެ. އެކުށަށް ދެވޭނެ އަސާސީ އަދަބަކީ، 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެވެ. އެންމެ ބޮޑު އަދަބަކީ 3 މަސް ދުވަހުގެ ޖަލު ހުކުމެވެ. އެއީ، އަދަބުގެ ދަރަޖަ މަތިވަމުން ގޮސް 5 ދަރަޖަ މަތިވީމާ ވާނެ ގޮތެވެ. ނަމަވެސް، އެމައްސަލައިގައި އަދަބުގެ ދަރަޖަ 3 ދަރަޖަ މަތިކުރުމުން އަންނަ 2 މަހާއި 3 ދުވަހުގެ އަދަބު، ސުޕްރީމް ކޯޓުގެ އުސޫލުގައި އޮތްގޮތަށް 2 ގުނަ ކޮށްގެން، 4 މަހާއި 6 ދުވަހުގެ އަދަބެއް ކަނޑައެޅުމަކީ، ގާނޫނުގައި ނުވެސް ނެތް އަދަބެއް ދިނުމެވެ."

ޕީޖީން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލްގެ ދައުރަކީ، ގާނޫނުގައިވާ ގޮތުގެ މަތިން އިންސާފު ގާއިމުކުރުން ކަމަށާއި ގާނޫނާ އެއްގޮތަށް، ރަނގަޅު ހަމަތަކެއް ބޭނުންކުރެއްވިކަން ފަނޑިޔާރުން ހުކުމް ކުރައްވާކަން ކަށަވަރުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ކުށް ސާބިތުވާކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މައްސަލައެއް އިސްތިއުނާފުކުރުމަކީ ޕީޖީން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން އިސްތިއުނާފުކޮށް ހައްލެއް ނުހޯދައިފި ނަމަ އެހެން މައްސަލަތަކުގައި ވެސް ގާނޫނުގައި ނެތް ހުކުމްތައް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ އެކަން އޮންނަން ވާނެ ގޮތް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެއްޖިންސުން ގުޅުން ހިންގި ފުލުސް މީހާ އަށް ކުރި ހުކުމުގެ ތަފްސީލު، އެއީ ބަދުއަހުލާގީ މައްސަލައެއް ކަމަށް ވާތީ އާންމުކޮށްފައެއް ނުވެ އެވެ. އެހެންވެ އޭނާއަށް އަދަބު ކަނޑައެޅުމުގައި އަމަލުކުރެއްވި ގޮތެއް އާންމުކޮށް އެނގޭކަށް ނެތެވެ. އެކަމަކު ޕީޖީ އޮފީހުން ބުނީ އަދަބު ކަނޑައެޅުމުގައި ފަނޑިޔާރު އަމަލުކުރެއްވި ގޮތް ގާނޫނާ ހިލާފު ކަމަށާއި އެކަން ފަނޑިޔާރުގެ ސަމާލުކަމަށް ވެސް ޝަރީއަތުގެ މަރުހަލާގައި ގެނައި ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު އެ މައްސަލާގައި ހިމެނޭ ވަކީލު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ މައްޗަށް އިއްވީ ތިން މަހުގެ ގޭ ބަންދުގެ ހުކުމެކެވެ. އެ އަދަބުތަކުގައި ބޮޑު ތަފާތުތަކެއް ހުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.