Roadha Mihaaru
ރަޝިޔާގެ މުޒާހަރާތަކުން 700 މީހުން ހައްޔަރުކޮށްފި

ރަޝިޔާގެ މުޒާހަރާތަކުން 700 މީހުން ހައްޔަރުކޮށްފި

25 ސެޕްޓެމްބަރ 2022

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އަށް، ރަޝިޔާގެ ރިޒާވް ސިފައިން ނެރުމަށް، ރައީސް ލަޑިމިއާ ޕުޓިން ނިންމެވުމާ ގުޅިގެން، އެކަމާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާތަކުން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އަށް، ރަޝިޔާގެ ރިޒާވް ސިފައިން ނެރުމަށް، ރައީސް ލަޑިމިއާ ޕުޓިން ނިންމެވުމާ ގުޅިގެން، އެކަމާ ދެކޮޅަށް އާންމުން ކުރަމުންދާ މުޒާހަރާތަކުން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ރައީސް ޕުޓިން ނެރުއްވި ރިއާސީ ގަރާރުގައި އެ ގައުމުގެ ދިފާއީ ވުޒާރާގެ މައްޗަށް އަމުރު ކުރައްވާފައިވަނީ، އެ ގައުމުގެ ރިޒާވް ލަޝްކަރުން މަދުވެގެން 300000 ސިފައިން ޚިދުމަތަށް ނެރެ، ހަނގުރާމަ ކުރުމަށްޓަކައި ޔޫކްރޭނަށް ފޮނުވުމަށެވެ. ރައީސް ޕުޓިންގެ އެ ގަރާރާ ގުޅިގެން، ހަނގުރާމަ އަށް ދާން ބޭނުން ނުވާ އެތައް ބަޔަކު މިހާރު ވަނީ ރަޝިޔާ ދޫކޮށް އަވައްޓެރި ބައެއް ގައުމުތަކަށް ގޮސްފަ އެވެ.

ރަޝިޔާގެ މިނިވަން ބައެއް ނޫސް އޭޖެންސީތަކުން ބުނާ ގޮތުގައި، ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހަދާ މީހުންގެ މުޒާހަރާތަކުން، މިދިޔަ ދެ ދުވަހުގެ ތެރޭގައި، ރަޝިޔާ ފުލުހުން ވަނީ 750 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 370 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރީ ވެރިރަށް މޮސްކޯގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާތަކުންނެވެ.

ރައީސް ޕުޓިންގެ ނިންމެވުމާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަން ފެށީ، މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް މުޒާހަރާތައް އެންމެ ވަރުގަދަވީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ. ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރަޝިޔާ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެ އެވެ.

ހަނގުރާމައިގައި ބައިވެރިވުމާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކުރި ބައެއް މީހުން ހައްޔަރުކުރުމުގެ އިތުރުން، މުޒާހަރާގައި ބައިވެރިވުމަށްޓަކައި މަގުތަކަށް ނުކުމެ އުޅުނު އެތައް ބަޔަކު ވެސް ވަނީ، މުޒާހަރާގައި ބައިވެރިވުމުގެވެސް ކުރިން ހައްޔަރުކޮށްފަ އެވެ. ސަރުކާރާ އިދިކޮޅު، "ޒުވާނުންގެ ޑިމޮކްރެޓިކް ހަރަކާތް" (ވެސްނާ)ގެ ފަރާތުން އިންތިޒާމުކުރި މުޒާހަރާ ބާއްވަން ރާވާފައި އޮތް ސަރަހައްދަށް ރަޝިޔާ ފުލުހުން ގޮސް، އެ ސަރަހައްދު ވަނީ މާ ކުރިން ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، މިހާރު ޖަލުގައި ހުރި އިދިކޮޅު ލީޑަރު އެލެގްޒީ ނަވަލްނީ އަށް ތާއީދުކުރާ މީހުން، އިންތިޒާމުކުރި މުޒާހަރާގައި ބައިވެރިވާން އައި މީހުން ވެސް، މުޒަހަރާ ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މުޒާހަރާގެ އިސް ވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.

ސެޕްޓެމްބަރ 24، 2022؛ ރަޝިޔާގެ ރިޒާވް ލަޝްކަރުގެ ސިފައިން ޔޫކްރޭން ހަނގުރާމަ އަށް ނެރުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ހައްޔަރު ކުރަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 24، 2022؛ ރަޝިޔާގެ ރިޒާވް ލަޝްކަރުގެ ސިފައިން ޔޫކްރޭން ހަނގުރާމަ އަށް ނެރުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ހައްޔަރު ކުރަނީ. --އޭއެފްޕީ

ރަޝިޔާގެ ރިޒާވް ސިފައިން ހަނގުރާމަ އަށް ނެރުމަށް ރައީސް ޕުޓިން ނިންމެވީ، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތް ޔޫކްރޭންގެ ބައެއް ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައްސާލައި، ޔޫކްރޭން ސިފައިން އެ ބިންތައް އަލުން މިނިވަންކުރުމާ ގުޅިގެންނެވެ. އެ ބިންތައް ހިފުމަށް ޔޫކްރޭން ސިފައިން ދިން ދިފާއީ ރައްދު ހަމަލާތަކުގައި ރަޝިޔާ ސިފައިންގެ ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމާއެކު، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތައް ވަރުގަދަވެ، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދަނިކޮށް، ރަޝިޔާގެ ރައީސް ޕުޓިން މިދިޔަ ހުކުރު ދުވަހު ވަނީ އެ ގައުމުގެ ދިފާއީ ވަޒީރުގެ ނައިބު މަގާމުން ދުރުކޮށްފަ އެވެ. އަސްކަރިއްޔާގެ ލޮޖިސްޓިކް ޚިދުމަތްތަކާ ހަވާލުވެ ހުންނެވި، ނައިބު ވަޒީރު ޖެނެރަލް ޑިމިޓްރީ ބުލްގަކޯވް އެހެން މަގާމަކަށް ބަދަލުކުރީ، ޔޫކްރޭންގައި ތިބި ރަޝިޔާ ސިފައިންނަށް އެކަށީގެންވާ ގޮތެއްގައި އަސްކަރީ މަދަދު ނުފޯރުވޭ ކަމުގެ ތުހުމަތާ އެކުގަ އެވެ.

އޭގެ އިތުރުން ރަޝިޔާ ސިފައިން، ޔޫކްރޭން ސިފައިންގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި އަމާންދިނުން ހުއްޓުވުމުގެ ގާނޫނެއް ވެސް، ރައީސް ޕުޓިން އިއްޔެ ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ގާނޫނު ބުނާ ގޮތުން، ރަޝިޔާ ސިފައިންގެ މީހަކު ދުޝްމަނުންގެ ކުރިމަތީގައި އަމިއްލަ އަށް ހަތިޔާރު ބަހައްޓައި އަމާންދިނުމަކީ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ޖިނާއީ ކުށެކެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިންނާ އެކުގައި ހަނގުރާމައިގައި ބައިވެރިވާ ބިދޭސީންނަށް، ރަޝިޔާގެ ރަށްވެހިކަން ދިނުމުގެ ގާނޫނެއް ވެސް، ރައީސް ޕުޓިން އިއްޔެ ތަސްދީގު ކުރެއްވި އެވެ. އެ ގާނޫނު ބުނާ ގޮތުން، ރަޝިޔާ ސިފައިންގެ ތެރޭގައި އެއް އަހަރު ޚިދުމަތްކުރާ ކޮންމެ ބިދޭސީއަކަށް ވެސް، އިތުރު ޝަރުތަކާ ނުލައި ރަޝިޔާގެ ރައްޔިތުކަން ލިބޭނެ އެވެ.

އާންމު އުސޫލުން ރަޝިޔާގެ ރައްޔިތުކަން ލިބެނީ، މަދުވެގެން ފަސް އަހަރު ދުވަހު ރަޝިޔާގައި ދިރިއުޅެ، އެކަށީގެންވާ އިންވެސްޓެއް ކުރާ މީހުންނަށެވެ. ނަމަވެސް މިހާރު މި ހަމަޖެއްސި އުސޫލުން، އެއް އަހަރުގެ މުއްދަތަށް ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުމުން، ރަޝިޔާގެ ރައްޔިތުކަން ލިބޭނެ އެވެ.