Roadha Mihaaru
ނަސްރު އާއި މޯޑު ދުނިޔޭގެ އެންމެ ބޮޑު މެރަތަންއަށް

އެމްއެންޑީއެފްގެ މެރެތަން ޓީމު ދުނިޔޭގެ އެންމެ ބޮޑު މެރެތަންއަށް

25 ސެޕްޓެމްބަރ 2021

ދިގު ރާސްތާ ދުވުންތަކުގައި ރާއްޖޭގެ އެންމެ މަޝްހޫރު ދެ ދުވުންތެރިން ކަމަށްވާ ނަސްރުﷲ އަހްމަދު އާއި މުހައްމަދު ރަޝީދު (މޯޑް) ނިސްބަތްވާ އެމްއެންޑީއެފްގެ މެރަތަން ޓީމު، ދުނިޔޭގެ އެންމެ ބޮޑު އެއް މެރަތަން ކަމަށްވާ ބާލިން މެރެތަންގައި މާދަމާ ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިގު ރާސްތާ ދުވުންތަކުގައި ރާއްޖޭގެ އެންމެ މަޝްހޫރު ދެ ދުވުންތެރިން ކަމަށްވާ ނަސްރުﷲ އަހްމަދު އާއި މުހައްމަދު ރަޝީދު (މޯޑް) ނިސްބަތްވާ އެމްއެންޑީއެފްގެ މެރަތަން ޓީމު، ދުނިޔޭގެ އެންމެ ބޮޑު އެއް މެރަތަން ކަމަށްވާ ބާލިން މެރެތަންގައި މާދަމާ ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެންމެ ގިނަ މެރެތަންގައި ވާދަކުރި ދިވެހި ދުވުންތެރިޔާ، ނަސްރު ބާލިން މެރެތަންގައި ވާދަ މި ކުރަނީ ތިން ވަނަ ފަހަރެވެ. ނަސްރުގެ ކޯޗުކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ މުހައްމަދު ރަޝީދު ވެސް ވަނީ މީގެ ކުރިން ބާލިން މެރަތަންގައި ވާދަކޮށްފަ އެވެ. މިއީ އެ މެރެތަންގައި އޭނާ ވާދަކުރާ ދެ ވަނަ ފަހަރެވެ.

ޕާކިސްތާންގައި ބާއްވަން ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އިން މެޑައްޔެއް ހޯދުމުގެ އަމާޒުގައި ޓްރޭނިން ހަދަމުން އަންނަ މޯޑަކީ ރާއްޖޭގެ މެރެތަން ދުވުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ކޮންޑިޝަންގައި މި ވަގުތި ހުރި އެތުލީޓެވެ.

"މިފަހަރު ބާލިން މެރެތަންގައި އެންމެ ބޮޑު ޓާގެޓަކީ ޓައިމިން ބޮޑުތަނުން އިމްޕްރޫވްކުރުން. ސައުތު އޭޝިއަން ގޭމްސްގެ މެޑައްޔެއްގެ އުއްމީދުގައި މަސައްކަތް ކުރާތީ މިފަހަރު މެރެތަންގައި އަކަމަށް ވަރަށް ފޯކަސްކޮށްގެން ދުވާނީ،" ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް އޮންނަ މޯޑް ބުންޏެވެ.

ދުރު ރާސްތާ ދުވުމަށް ބަލާއިރު ރާއްޖޭގައި ދެވަނަ ދުވުންތެރިޔަކީ މޯޑެވެ. ބާލިން މެރެތަން ވެގެންދާނީ އޭނާގެ 11 ވަނަ މެރެތަން އަށެވެ.

ބާލިން މެރަތަން އަށް ފަހު ވެސް ނަސްރު އަށް އޮތީ ބިޒީ ޝެޑިއުލްއެކެވެ. އަހަރުގެ އެންމެ ފަހު ތިން މަހު ގިނަ މެރަތަންތަކެއްގައި އޭނާ ވާދަކުރާނެ އެވެ.

"ރަނގަޅު ޓައިމިންއެއްގައި މެރެތަން ނިންމާލުމަށް ފޯކަސް މިހުރީ،" ނަސްރު ބުންޏެވެ. "ކުރިއަށް އޮތް ތިން މަހު ގިނަ މެރެތަންތަކެއް ދުވަން ޝެޑިއުލްގައި އޮތީމަ އެ ހުރިހާ ކަމަކަށް ވިސްނައިގެން އިންޖަރީ ރިސްކު ކުޑަ ވާނެ ގޮތަކަށް މިފަހަރު މެރެތަންގައި ދުވާނީ."

މޯޑް އާއި ނަސްރު. މީގެ ކުރިން ވެސް ދެ ދުވުންތެރިން ވަނީ ބާލިން މެރަތަންގައި ވާދަކޮށްފައި. ---

މޯޑް އާއި ނަސްރު. މީގެ ކުރިން ވެސް ދެ ދުވުންތެރިން ވަނީ ބާލިން މެރަތަންގައި ވާދަކޮށްފައި. ---

މެރަތަންގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން، ނަސްރު ވަނީ އެކަމަށް އެމްއެންޑީއެފްގެ މެނޭޖުމެންޓުން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ.

މިފަހަރުގެ ބާލިން މެރަތަން ބާއްވަނީ މެދުކެނޑުމަކަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މެރެތަން ބާއްވައިފައެއް ނުވެ އެވެ. މެރެތަން ކެންސަލް ކުރީ 50،000 މީހުން މެރެތަންގައި ބައިވެރިވެފައިވަނިކޮށެވެ.

މިފަހަރު މެރަތަންގައި 30،000 ވުރެ ގިނަ ދުވުންތެރިން ދުވާނެ އެވެ. ދުނިޔޭގެ އެއް ވަނަ މެރަތަން އެތުލީޓުން ބާލިން މެރަތަންގައި ދުވާނެ އެވެ. މެރަތަންގެ ދުނިޔޭގެ ރެކޯޑް އޮންނަ ކެންޔާގެ އެލިއުޑް ކިޕްޗޯގް، ރެކޯޑް ނިސްބަތް ވަނީ ބާލިން މެރެތަން އަށެވެ. އޭނާ އެ ރެކޯޑް ހެދި 2018 ގެ ބާލިން މެރަތަންގައި ވާދަކޮށް 2:01:39 އިން މެރަތަން ނިންމައިގެންނެވެ.

ބާލިން މެރަތަންގެ މި އަހަރުގެ ރޭސް ފަށާނީ ރާއްޖޭގަޑިން މާދަމާ މެންދުރު 12:15 ގަ އެވެ.