Roadha Mihaaru
ބާލިން މެރަތަންއަށް ރާއްޖޭގެ ޝަމްހާ ކޮލިފައިވެއްޖެ

ބާލިން މެރަތަން އަށް ކޮލިފައިވި ދިވެހި ފުރަތަމަ އަންހެން އެތުލީޓް، ޝަމްހާ

21 ޑިސެމްބަރ 2023

ދުނިޔޭގެ އެންމެ ވަރުގަދަ ފަސް މެރަތަންގެ ތެރެއިން، ބާލިން މެރަތަން އަށް ކޮލިފައިވި ދިވެހި ފުރަތަމަ އަންހެން އެތުލީޓްގެ ޝަރަފު ޝަމްހާ އަހްމަދު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދުނިޔޭގެ އެންމެ ވަރުގަދަ ފަސް މެރަތަންގެ ތެރެއިން، ބާލިން މެރަތަން އަށް ކޮލިފައިވި ދިވެހި ފުރަތަމަ އަންހެން އެތުލީޓްގެ ޝަރަފު ޝަމްހާ އަހްމަދު ހޯދައިފި އެވެ.

ބާލިން މެރަތަން އަށް 50 އަހަރު ފުރޭ ތާރީހީ މެރަތަން އަށް، ޝަމްހާ ކޮލިފައިވީ، މިދިޔަ އަހަރު އޭނާ އެ މެރަތަންގައި ރޭސް ނިންމި ޓައިމިން، ބާލިން މެރަތަންގެ ކޮލިފިކޭޝަން ޓައިމްގެ ތެރެއަށް ފެތޭތީ އެވެ.

މިދިޔަ އަހަރު ބާލިން މެރަތަންގައި ވާދަކޮށް ޝަމްހާ ވަނީ، 3:02:41 (3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތު) އިން ރޭސް ނިންމައިގެން ރާއްޖޭގެ ގައުމީ މެރަތަން ރެކޯޑް ހަދައިފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރެކޯޑް ހެދި މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. އެ ގޭމްސްގައި އޭނާ މެރަތަން ނިންމީ 3:21:54 އިންނެވެ.

މެރަތަން އަށް ކޮލިފައިވުމުން، އެއް ވެސް ފީއެއް ދައްކާކަށް ޝަމްހާ އަކަށް ނުޖެހޭނެ އެވެ.

ޝަމްހާގެ ކޯޗު، ނަސްރުﷲ އަހްމަދު ބުނީ، އަންނަ އަހަރު މެރަތަންގައި ޝަމްހާގެ ޓާގެޓަކީ، ތިން ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމުން ކަމަށެވެ.

މިދިޔަ އަހަރު ވެސް ބާލިން މެރަތަން އަށް ޝަމްހާ އަށް ޓާގެޓެއްގެ ގޮތުގައި ނަސްްރު ދިނީ ހަމަ އެ ޓާގެޓެވެ. ނަސްރު ބުނީ އޭރު އެ ޓާގެޓް ހާސިލު ނުވީ، އޭގެ ހަފުތާއެއް ކުރިން ނޯވޭގެ އޮސްލޯ މެރަތަންގައި ވާދަ ކުރުމުން، ކައިރިކައިރިގައި ދެ މެރތަންގައި ވާދަ ކުރަން ޖެހުމުން ކަމަށެވެ.

"އޮސްލޯ މެރަތަންގައި ވާދަ ކުރީ ބާލިން މެރަތަންގެ ހަފުތާއެއް ކުރިން. އޮސްލޯގައި ގިނަ ނެޝަނަލް ރެކޯޑްތަކެއް ބްރޭކް ކުރި. އަނެއްކާ ހަފުތާއެއް ފަހުން ބާލިން މެރަތަންގައި ވާދަ ކުރަން ޖެހުނީ. އެކަމަކު ވެސް ރާއްޖޭގެ މެރަތަން ރެކޯޑް މުގުރާލި. ފްރެޝްކޮށް ރޭހުގައި ވާދަ ކުރިނަމަ ތިނެއް [ތިން ގަޑިއރު] ބްރޭކް ކުރެވުނީސް،" ނަސްރު ބުންޏެވެ.

އޮސްލޯގައި ހާފް މެރަތަންގައި ވާދަކޮށް ޝަމްހާ އޭރު ވަނީ ހާފް މެރަތަން ރެކޯޑްގެ އިތުރުން ތިން ރެކޯޑް މުގުރައިލައިފަ އެވެ. އެއީ 20 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 10 ކިލޯމީޓަރެވެ. އެ ހުރިހާ ރެކޯޑްތަކެއް ވެސް ކުރިން އޮތީ ތަޖުރިބާކާރު ފިޓްނަސް ޓްރޭނަރު މަރީ އަތުގަ އެވެ.