Roadha Mihaaru
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު

އުފާވެރި ދިރިއުޅުމެއް އުޅެވެން އޮތީ ދަރަނި ވެސް ނަގައިގެން: ފައްޔާޒު

26 ސެޕްޓެމްބަރ 2022

ކުރިމަގުގެ ޖީލަށް އުފާވެރިކަން ހޯދައިދޭން ބޭނުން ނަމަ އެ ކަން ހާސިލު ކުރެވެން އޮތީ ސަރުކާރުން ދަރަނި ވެސް ނަގައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރިމަގުގެ ޖީލަށް އުފާވެރިކަން ހޯދައިދޭން ބޭނުން ނަމަ އެ ކަން ހާސިލު ކުރެވެން އޮތީ ސަރުކާރުން ދަރަނި ވެސް ނަގައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، އެފަދަ ޕްރޮޖެކްޓްތަކާއެކު، ޅަ ކުދިންގެ ބޮލުގައި ދަރަނި އަޅުވާ ވާހަކަ ބައެއް މީހުން ދައްކާ ކަމަށެވެ. އެކަމަކު ފައްޔާޒު ވިދާޅުވީ، "އެ ދަރިންގެ ބޮލުގައި ދަރަނި ނޭޅި" ކަންކަން ނުކޮށްފި ނަމަ އެ ކުދިން އަނެއްކާވެސް ޖެހޭނީ މާލޭގެ ގެއެއްގައި "ގުލާން" ކޮށްދޭން ކަމަށެވެ.

"އެހެންވީމާ މިއަދު އަޅުގަނޑުމެން މިކަން ކޮށްގެން ކުރިއަށް އޮތް ޖީލުތަކުގައި، ދިވެހިރާއްޖޭގެ ކަންކޮޅުގައި އެކިއެކި ސަރަހައްދުގައި ތިބި އަޅުގަނޑުމެންގެ ޅަ ދަރިންނަށް، އެ ބައެއްގެ އަމިއްލަ ވަތަނުގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް މި ހެދެނީ މި ދަރަނި ނަގައިގެން،" ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އެންމެ ފުރަތަމަ ހެދި އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނެއްގެ ފައިސާ އިންނެވެ. އެ މަސައްކަތް ނިންމަން އިންޑިއާގެ ކުންފުންޏާ ހަވާލުކުރީ 2.1 ބިލިއަން ރުފިޔާ (136 މިލިއަން ޑޮލަރު) އަށެވެ.

އިގްތިސާދާ ބެހޭ ވަޒީރު ރޭ ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ހަދަން އެ ލޯނު ނުގަގައި، ލިބޭ އެއްޗަކުން ފުއްދާލައިގެން ކުރިއަށް އޮތް 100 އަހަރަށް ވެސް މަޑުކުރެވިދާނެ ކަމަށާއި އެކަމަކު ދަރަނި ނެގުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.

"ދިވެހިރާއްޖޭގެ އިގްތިސާދު ހަމަ ބާރަށް ކުރިއަށް އިރާދަފުޅު ކުރެއްވިއްޔާ، މި އައި ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެން މި ދަނީ މި ކަންކަން ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

ހަފުލާގައި އިންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް 2019 ގައި އޮތް ހިސާބަށް މިހާރު ދަތުރު ކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް އޭރަށް ވުރެ މިހާރު ލިބޭ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހްންވީމާ މި ގޮންޖެހުންތައް އެބަހުރި. އަޅުގަނޑުމެން ވެސް އެންމެ އުންމީދުކުރި އަވަސް މިނަކު ނޫން މި ކަންކަން ވީ. އެހެން ނަމަވެސް ތިޔަބޭފުޅުންނަށް، ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ އަޅުގަނޑުމެން ރެއާއި ދުވާލު މި މަސައްކަތް ކުރަމުން މި އަންނަނީ މި ކަންކަން ކާމިޔާބު ކުރުމަށް. އޭގެ ނަތީޖާ މިއަދު ފެނިގެން މިދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ހަމަ ބާރަށް ކުރިއަށް އިރާދަފުޅު ކުރެއްވިއްޔާ، މި އައި ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެން މި ދަނީ މި ކަންކަން ކުރަމުން: ފައްޔާޒު

ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެ އެވެ.

އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު، ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުފަހަރަށް އެއާޕޯޓަށް ޖެއްސޭނެ އެވެ. އަދި މެދުއިރުމައްޗާއި ދެކުުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އެއާޕޯޓަށް ބޭއްވުމުގެ ގާބިލުކަން ލިބޭނެ އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރާ ވާހަކަ ދައްކަން ފެށުމާއެކު، ބޮޑުތިލަދުންމައްޗަށް ޓޫރިސްޓުންގެ ޝައުގުވެރިކަން އުފެދެން ވަނީ ފަށައިފަ އެވެ.

"އަޅުގަނޑުމެން ހީވަނީ އަދިވެސް ޔަގީން ނުވަނީ ކަން ނޭނގޭ [އެއާޕޯޓް ތަރައްގީކުރުން] ވާނެތޯ ނޫންތޯ. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ސީދާ އަމަލީ މަސައްކަތް ފެށިގެން ދިޔައީމާ ދެން އިތުރަކަށެއް ބަދަލެއް ކޮށްލެވޭނެ ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން ދެކުނިން ކުރީގެ ސަރުކާރެއްގައި ވެސް ކުޅުދުއްފުށީގައި ވެސް ހއ. ހދ. ގައި ވެސް ބައިވަރު ރަށްރަށުގައި ގެތަކެއް އަޅާފައި ވެސް ސަރުކާރު ބަދަލުވެގެން އައި،" ފައްޔާޒު ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރަކުން ކުރީމާ އެ ގެތައް ވީރާނާވެ، ހަލާކުވެ، އަނެއްކާވެސް ސަރުކާރެއް ބަދަލުވެގެން މިއަދު ގެތައް އަދި ކިރިޔާ ރައްޔިތުންނާ ހަވާލުވާ ހިސާބަށް އެ ދިޔައީ. އިރާދަކުރެއްވިއްޔާ އެ ކަހަލަ ކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން."

ފައްޔާޒު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ރައްޔިތުންނަށް ގަބޫލުކުރެވޭ ވަރަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން "ފެނި، ޔަގީންވާ" ހިސާބަށް ގެންދާނެ ކަމަށެވެ.