ހަނިމާދޫ އެއާޕޯޓުގެ ބިޔަ މަޝްރޫ އާއި އާރުޓީއެލް ފެރީން 40 ރަށް ގުޅާލާފައިވާތީ ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާކުރަން އިންވެސްޓަރުން ދެން ފަހަތަކަށް ނުޖެހޭނެ ކަމަށާއި އަމާޒަކީ މި ސަރަހައްދުގައި 8،000 އެނދު ތަރައްގީކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
27 ސެޕްޓެމްބަރ 2022
ހަނިމާދޫ އެއާޕޯޓުގެ ބިޔަ މަޝްރޫ އާއި އާރުޓީއެލް ފެރީން 40 ރަށް ގުޅާލާފައިވާތީ ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާކުރަން އިންވެސްޓަރުން ދެން ފަހަތަކަށް ނުޖެހޭނެ ކަމަށާއި އަމާޒަކީ މި ސަރަހައްދުގައި 8،000 އެނދު ތަރައްގީކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޮޑު ބަދަލަކާ އެކު ބޮޑުތިލަދުންމަތި ކުރިއަރަމުން އަންނަ ކަމަށެވެ. ފެރީގެ ނިޒާމުން މި ސަރަހައްދު ގުޅާލާފައިވާ އިރު ހެޔޮބަދަލު ލަސްނުވެ ފެންނާނެ ކަމަށާއި އުތީމަށް ވެސް އޮތީ އިގްތިސާދީ ގޮތުން ކުރިއެރުން ކަމަށް ވިދާޅުވި އެވެ.
މާލެ އިން ބޭރުގައި ހިންގާ އެންމެ ބޮޑު މަޝްރޫއު، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ފަށާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ މި ސަރަހައްދުގެ ޓޫރިޒަމް އިތުރަށް ފައްކާކޮށް ފުޅާކުރަން ޖާގަ ލިބޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް މިއޮތް 4-5 އަހަރުގެ ތެރޭގައި އެންމެ މަދުވެގެން މިތަނަށް 8،000 އެނދުނު ޑިވެލޮޕްކުރުމުގެ ޕްލޭނެއް ރާވައިގެން ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.
"ތަރައްގީގެ މި ބަދަލުތަކާ އެކު ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލުތަކެއް އަންނަތަން ލަސްނުވެ ފެންނާނެ."
އުތީމު އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުން ބައިވެރިވަނީ.
އުތީމުގެ އާ އިންޖީނުގެއާ އެކު ކަރަންޓުގެ ހިދުމަތް ކުރިއަށް ވުރެން ދެމެހެއްޓެނިވި ގޮތަކަށް ޔަގީންކުރެވިފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުތީމު ރައްޔިތުންނަށް އަދިވެސް ބޭނުންވާ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އުތީމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ފަހުރުވެރިވާ ތަނެއް ކަމަށާއި ބޮޑުތަކުރުފާނުގެ ގަނޑުވަރު ބަލާލަން ބޭނުންވާނެ ގިނަ ބަޔަކު ތިބޭނެ ކަމަށެވެ. ރާއްޖޭގެ ތާރީހް ދިރާސާކުރާ މީހުން ވެސް މި ރަށް ބަލާލަން ބޭނުންވާނެ ކަމަށާއި އެކަމު މިހާތަނަށް ދިމާވެފައި އޮތް ދައްޗަކީ ދަތުރުފަތުރުގެ އުނދަގޫ ކަމަށް ވިދާޅުވި އެވެ.
"2،000-3،000ރ. ހޭދަނުކޮށް މި ހިސާބަކަށް ނާދެވޭ. ހަނިމާދުއަށް އާދެވިދާނެ ޓިކެޓެއް ނަގައިގެން. އެކަމަކު އެ ހިސާބުން މިތަނަށް އަންނަން ވެސް ބޮޑު ހޭދައެއް ހިނގާނެ. މިއަދު އިރާދަކުރެއްވިޔާ މިވަނީ އެ ދަތި މުޅިން ނައްތާލެވިފައި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ޕްލޭންކުރި ގޮތަށް އާރުޓީއެލް ފެރީ ފަށައިގެން އެމްޓީސީސީން ހިދުމަތް ދެމުން އަންނަނީ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބޭ ގޮތަށްކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތީގެ 40 ރަށް އެކީގައި ގުޅާލެވުމާ އެކު ދަތުރުފަތުރަށް ކުރިން ކުރަމުން ދިޔަ ހަރަދު އެތައް ގުނައެއް ކުޑަވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ
އެމަނިކުފާނު ވިދާޅުވި ގޮތުގައި އުތީމަށް ދެން ހުރި މަޝްރޫއުތައް ނިމުމުން މި ރަށަށް އެކަނި ބެލިޔަސް އިގްތިސާދީ ބޮޑު ބަދަލެއް އަންނާނެ އެވެ.
"ކަރަންޓުގެ ހިދުމަތް ނިމުނީ. މިހާރު ފެނުގެ ނިޒާމް ހިނގަމުން އެ ދަނީ. އޭގެ އިތުރުން ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށް ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ފަށަައިގަނެގެން ކުރިއަށް އެބަގެންދޭ. މި ރަށުގައި ތި ހުރިހާ ބޭފުޅުން ފަހުރުވެރިވާ ބޮޑުތަކުރުފާނުގެ ގަނޑުވަރާއި ހަނދާނީ މަރުކަޒު މިހާރަށް ވުރެން ބޮޑަށް އަޕްގްރޭޑްކުރެވި އެތަނުގެ ހިދުމަތްތައް މި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑު ރާވައިގެން ކުރިއަށް ގެންދާނެ ކަމެއް ކަމުގައި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުން އިއްޔެ އުތީމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި އުތީމުގައި އާ މިސްކިތެއް އެޅުމަކީ ވެސް ސަރުކާރުން ކުރާނެ ކަމެކެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ކުރިން އަޅާފައިވާ އިންޖީނުގެތައް މިހާރު ވަނީ ބަދަލުކުރަން ޖެހިފައި ކަަމަށެވެ. ރައްޔިތުން އެދޭގޮތަށް އެކަން ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމެއް ކަން ފާހަގަކުރެއްވި އެވެ.
"ފެނާއި ނަރުދަމާ އާއި ބޯހިޔާވަހިމާއި ކަރަންޓް މިއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތަކަށް ވާތީ ސަރުކާރުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަކުން އެކަން ކޮށްދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގެ އަސާސީ ހައްގުތެރޭގައި ލިއެފައި އެ އޮތީ. އެކަން ކުރަމުން އަޅުގަނޑުމެން މި އަންނަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވައުދުތައް ފުއްދުމާއި ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެއްވެސް ރަށެއް ތަފާތެއް ނުކުރައްވާނެ އެވެ.
އުތީމުގެ އާ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ރަށްރަށުގައި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރަން ފެނަކައިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ. އުތީމު އިންޖީނުގެ ބަދަލުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދީފައިވާތީ ރައީސް ވަނީ ފެނަކައަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އުތީމުގެ އާ އިންޖީނުގެ މަަސައްކަތް ފަށައި ނިމުނީ ވެސް ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ވެސް މަސައްކަތްކޮށްގެންނެވެ. މުޅި ދުނިޔެ ބަންދުވުމުން ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނަސް އަސާސީ ހިދުމަތްތަކާ ގުޅޭ މަޝްރޫއުތަކުގައި ހުއްޓުމެއް ނުގެނައީ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެކަންކަން ނިންމައި ފޯރުކޮށްދިނުމުގެ ނިޔަތް ފެނަކަ އާއި އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުގައި ހުރުމުން ކަމަށް ވިދާޅުވި އެވެ.
ރަށްރަށުގެ މަޝްރޫއުތައް ވޯޓުގެ ކުރިން ނިމޭނެ: ރައީސް
ކޮވިޑް މެނޭޖުކުރިގޮތް ގައުމުތަކުން އޮޅުންފިލުވި: ރައީސް
މަޝްރޫއުތައް ހިންގަނީ ރިޔާސީ އިންތިހާބަކަށް ނޫން:ރައީސް
24 އަހަރު ފަހުން އުތީމަށް ބޭނުންވި ހިމޭންކަން
އުތުރުގެ ބޮޑުބަދަލު ބައްލަވާލައްވަން ރައީސް ވަޑައިގެންފި
އިބޫގެ ވެރިކަމެއްގައި ޑޮލަރުގެ އަގު މައްޗަށް ދާނެ
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
ގެއްލުން ވާތީ 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓް ބާތިލް
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
ދިއްގަރަށް ބިން ދެގުނަކޮށްފި، ތަރައްގީކުރެވޭނީ ރައީސަށް