Roadha Mihaaru
މަޝްރޫއުތައް ހިންގަނީ ރިޔާސީ އިންތިހާބަކަށް ނޫން:ރައީސް

މަސައްކަތްތައް މި ހިންގަނީ ރިޔާސީ އިންތިހާބަށް ބަލައިގެނެއް ނޫން: ރައީސް

02 މާޗް 2023

މި ސަރުކާރުން ތަރައްގީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދަނީ މި އަރުގެ ރިޔާސީ އިންތިހާބަށް ބަލައިގެން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުން ތަރައްގީގެ އެކި މަސައްކަތްތައް ކުރިއަށް ގެންދަނީ މި އަރުގެ ރިޔާސީ އިންތިހާބަށް ބަލައިގެން ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދު އަށް ވަޑައިގެން، އެ ރަށުގައި އަލަށް އިމާރާތް ކޮށްފައިވާ ފެނަކަ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ދިމަދިމާލުގައި މަސައްކަތްތައް ހިންގުމަށް ކަމަށެވެ.

އޭގެ ސަބަބުން ރާއްޖެ އަށް ލިބޭ އާމްދަނީއާ އަޅައި ބަލާއިރު ތަރައްގީވާން ޖެހޭ ވަރަށް ތަރައްގީ ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނުން ތަފާތު ވާނެ. އަޅުގަނޑުމެން މަސައްކަތް ރާވައި ކުރިޔަށް މި ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނޫނީ މަޖިލިސް އިންތިހާބަކީ އެންމެ މުހިންމު ކަމެއް ގޮތުގައި ދެކިގެނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ތ. ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ތ. ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ވިސްނުން ހުރީ މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ހިދުމަތްތައް އަބަދުވެސް ފޯރު ކޮށްދެމުން ގެންދިއުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ތިބޭފުޅުން ނިންމަވާނީ [ރިޔާސީ އިންތިހާބުގައި] ދެން ކަން ކުރަންވީ ގޮތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ މެނިފެސްޓޯ އޭގެ އެންމެ ރަނގަޅު ގޮތަށް ފުއްދެނީ މިނިސްޓްރީތަކާއި ކުންފުނިތައް ހިންގަވާ ބޭފުޅުންގެ ބުރަ މަސައްކަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތައް ކުރިޔަށް ގެންދަން އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެ ތާއީދު ނެތް ނަމަ ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ހިރިލަންދު އަށް މިއަދު ކުރައްވާ ދަތުރުފުޅުގައި، އެ ރަށު ސްކޫލަށް 71 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.