Roadha Mihaaru
ކޮވިޑް މެނޭޖުކުރިގޮތް ގައުމުތަކުން އޮޅުންފިލުވި: ރައީސް

ކޮވިޑް މެނޭޖުކުރި ގޮތް އޮޅުން ފިލުވަން ގައުމުތަކުން ގުޅި: ރައީސް

28 މެއި 2023

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް އޮޅުން ފިލުވުމަށް ގައުމުތަކުގެ ވެރިން ގުޅުއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ފ. ބިލެއްދޫން އިފްރާޒް އަލީ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް އޮޅުން ފިލުވުމަށް ގައުމުތަކުގެ ވެރިން ގުޅުއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފ. ބިލެއްދޫގައި ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ކޮވިޑްގައި ރާއްޖެ އިން އެޅި ފިޔަވަޅުތައް ކައިރި ގައުމުތަކަށް ރަނގަޅު މިސާލަކަށް ވި ކަމަށެވެ. އެ ހާލަތުގައި ދިވެހި ސަރުކާރަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅަކީ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މާލީ ހާލަތު ދަށްވެ، މުޅި ދައުލަތް އިނދަޖެހިފައިވާ ސްރީ ލަންކާ އަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެ ގައުމުގައި ހިންގި ބޮޑެތި މަޝްރޫއުތައް ކޮވިޑްގެ ތެރޭގައި ހުއްޓާލުން ކަމަށް އެ ގައުމުގެ މިނިސްޓަރަކު އެ މަނިކުފާނު ބައްދަލުވި ދުވަހެއްގައި ވިދާޅުވި އެވެ. އެ ގައުމުގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމަށް ހުޅުވާ ނުލައި މާ ގިނަ ދުވަހު މަޑުކުރުމުން ގެއްލުން ބޮޑުވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ފ. ބިލެއްދޫ ރައްޔިތުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް ފ. ބިލެއްދޫ ރައްޔިތުން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

އެކަމަކު، އޭގެ ބަދަލުގައި ރާއްޖެ އިން ބޯޑަރު ހުޅުވާލައި، ޓޫރިޒަމަށް ފުރުސަތު ދިނުމުން ހާލަތު މާ ގޯސް ނުވެ، އިގުތިސާދު ސަލާމަތްކުރެވުނީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސީޝެލްސްގެ ރައީސް ގުޅުއްވި، ވިދާޅުވީ ކިހިނެއްހޭ ތި ހަދަނީ، ރާއްޖޭގައި މީހުން މަރުނުވަނީ ކީއްވެހެއްޔޭ. އަޅުގަނޑު އޭރު އަޅާފައި ހުރި ފިޔަވަޅުތައް ހިއްސާކުރިން. ރާއްޖެއިން ފިޔަވަޅު އެޅި ގޮތަށް ސީޝެލްސް އިން ވެސް ފިޔަވަޅު އެޅީ: ރައީސް

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ކޮވިޑް މެނޭޖުކުރާ ގޮތް ރަނގަޅުވެގެން އެކަން ކުރާ ގޮތް އޮޅުން ފިލުއްވުމަށް ސީޝެލްސްގެ ރައީސް ވަވެލް ރަމަކަލަވަން ގުޅުއްވި ކަމަށެވެ. އެއީ ރާއްޖެ އަށް ވުރެ އާބާދީ މާ ކުޑަ ސީޝެލްސްގައި، ކޮވިޑްގައި މަރުވި މީހުންގެ އަދަދު ރާއްޖެ އަށް ވުރެ މާ ގިނަވުމުން ކަމަށް ވިދާޅުވި އެވެ.

"ސީޝެލްސްގެ ރައީސް ގުޅުއްވި، ވިދާޅުވީ ކިހިނެއްހޭ ތި ހަދަނީ، ރާއްޖޭގައި މީހުން މަރުނުވަނީ ކީއްވެ ހެއްޔޭ. އަޅުގަނޑު އޭރު އަޅާފައި ހުރި ފިޔަވަޅުތައް ހިއްސާކުރިން. ރާއްޖެ އިން ފިޔަވަޅު އެޅި ގޮތަށް ސީޝެލްސް އިން ވެސް ފިޔަވަޅު އެޅީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. ބިލެއްދުއަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފ. ބިލެއްދުއަށް ވަޑައިގަތުމުން ބޭއްވި ޖަލްސާގައި އެ ރަށު ރައްޔިތުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއް ތެރޭގައި އުޅޭ ފަންނީ އެންމެންގެ ހިޔާލާއި މަޝްވަރާއެއް ހޯދައިގެން ކަމަށެވެ. ރާއްޖެ އަށް ކޮވިޑްގެ ހާލަތު ރަނގަޅަށް މެނޭޖު ކުރެވުނީ އެހެންވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑަށް ފަހު، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިދިޔަ އަހަރު އައްޑޫގައި ބޭއްވި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވެފައިވެ އެވެ.