Roadha Mihaaru
އިސްތިއުފާދިން މެޖިސްޓްރޭޓްގެ މައްސަލަ ތަހުގީގުކުރަނީ

ރިޝްވަތުގެ ތުހުމަތާ އެކު އިސްތިއުފާ ދެއްވި މެޖިސްޓްރޭޓްގެ މައްސަލަ ޕޮލިހާއި އޭސީސީއަށް

28 ސެޕްޓެމްބަރ 2022

ރިޝްވަތުގެ ތުހުމަތު ކުރެވިފައި ވަނިކޮށް، ވެލިދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ސައީދު އަލީގެ މައްސަލަ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރިޝްވަތުގެ ތުހުމަތު ކުރެވިފައި ވަނިކޮށް، ވެލިދޫ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަހުމަދު ސައީދު އަލީގެ މައްސަލަ ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

އަހުމަދު ސައީދު ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތު ނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުންދަނިކޮށް، މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ ހަ ވަނަ ދުވަހު އެެވެ.

އޭނާ އިސްތިއުފާ ދެއްވުމުން ފަނޑިޔާރަކަށް ނުވާނެތީ އޭނާގެ އެ ސުލޫކީ މައްސަލަ ބެލުމުގެ އިހްތިސާސް ޖޭއެސްސީއަށް ވަނީ ގެއްލިފަ އެވެ. އެހެންވެ، އެ ކޮމިޝަނުން ބުނީ، ތަހުގީގު ކުރަމުންދިޔަ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން މައްސަލަ ފައިލް ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ މައްސަލަ މިހާރު ބެލުމުގެ އިހްތިސާސް ލިބިގެންވާ ފުލުހުންނަށާއި އޭސީސީއަށް އެ މައްސަލަ ހުށަހެޅުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އަހުމަދު ސައީދު މަންފާއެއް ލިބޭ ގޮތަށް ވަކި ގޮތަކަށް މައްސަލަ ކުރިއަށް ގެންދިޔަކަމުގެ ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ. އަދި ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާ ބެލި މައްސަލައެއްގައި ހިމެނޭ ފަރާތްތަކާ މުއާމަލާތުކޮށްފައި ހުރި ކަމަށް ފެންނަ ސްކްރީންޝޮޓުތަކެއް ހިމެނޭކަން ވެސް ވަނީ އެނގިފަ އެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ އެކަމަށް ކޮމިޓީއެއް އެކުލަވާލައިގެންނެވެ. މައްސަލައެއް ބެލުމަށް ފަހު ކުޑަބޮޑުމިނަށް ބަލައި ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިިބިގެންވެ އެވެ.

މީގެ ކުރިން ވެސް ޖޭއެސްސީން ސުލޫކީ މައްސަލަތައް ތަހުގީގުކުރަން ފަށާފައި ވަނިކޮށް ފަނޑިޔާރުން އިސްތިއުފާ ދެއްވާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރުން ވެސް ހިމެނެ އެެވެ.